ލިވަޕޫލް (މެއި 9) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ސައުތެމްޓަން އަތުން 2-0 އިން މޮޅުވެ ލިވަޕޫލުން ގަދަ ހަތަރެއްގެ އުއްމީދު އާ ކޮށްފި އެވެ.
ލިވަޕޫލް މިރޭގެ މޮޅާ އެކު ވަނީ ހަ ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް 34 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް ވަނީ 34 މެޗުން 58 ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަަނައިގައި އޮތް ލެސްޓާ ސިޓީ އަށް 35 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީ މިރޭ މެންޗެސްޓާ ސިޓީ ބަލިކޮށް ތިން ވަނައިގައި އޮތީ 35 މެޗުން 64 ޕޮއިންޓާ އެކު އެވެ.
ގަދަ ހަތަރެއްގެ ތެރޭގައި މި ފަހަރު ލީގު ނިންމަން ބޭނުންނަމަ ވާކީ އޮތް ހަތަރު މެޗުން ލިވަޕޫލް މޮޅުވާން ޖެހެ އެވެ. އެ ޓީމަށް ދެން އޮތް މެޗުތަކަކީ ރަށުންބޭރުގައި މެންޗެސްޓާ ޔުނައިޓެޑާއި ބާންލީ އަދި ވެސްޓް ބްރޮމްއާ ކުޅޭ މެޗުގެ އިތުރުން އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ ބައްދަލުކުރާ މެޗެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ގަދަ ހަތަރެއްގައި ނިންމާލުމަކީ ނުވާނެ ކަމެއް ކަމަށް ނުދެކޭ ކަމަށާއި އެކަމަކު އަމިއްލަ ބާރެއް ނެތުމުން އެކަން ކުރަން އޮތް މަގަކީ ކުޅެން ހުރި މެޗުތަކުން މޮޅުވުން ކަމަށެވެ.
"އަހަރެމެން އެ މަސައްކަތް ހުއްޓައެއް ނުލާނަން. އެ އަޒުމުގައި ކުޅޭނީ،" ކްލޮޕް ބުންޏެވެ.
މިއީ 2015 ވަނަ އަހަރު ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވި ކްލޮޕް އެ ޓީމާ އެކު ލިވަޕޫލްގެ ދަނޑު، އެންފީލްޑްގައި ހޯދި 100 ވަނަ މޮޅެވެ.
މެޗުގެ ފުރަތަމަ މިނިޓުން ފެށިގެން ލިވަޕޫލުން ދިޔައީ ސައުތެމްޓަނަށް ޕްރެޝަރު ކުރަމުންނެވެ. އެ ގޮތުން ލިވަޕޫލްގެ މުހައްމަދު ސަލާހާއި ޑިއޯގޯ ޖޮޓާ ޖެހި ބޯޅަތަކެއް ސައުތެމްޓަން ގޯލުގައި ހުރި ފްރޭޒާ ފޮސްޓާ ވަނީ މަތަކޮށްފަ އެވެ. މެޗުގެ 31 ވަނަ މިނިޓްގައި ސަލާހު ނަގައިދިން ހުރަހަކުން ލިވަޕޫލަށް ލީޑުނަގައިދިން ގޯލު ޖެހީ ސަޑިއޯ މާނޭ ބޮލުންނެވެ.
ދެ ވަަނަ ހާފް ފަށައިގެން ލިވަޕޫލަށް ލީޑުފުޅާކުރަން ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފި ދިޔައިރު ސައުތެމްޓަނުން ނަތީޖާ ހަމަހަމަކުރަން ނުރައްކާތެރި ހަމަލާތަކެއް އުފެއްދި އެވެ. ސައުތެމްޓަނުން ފޮނުވާލި ބޯޅަތައް ލިވަޕޫލްގެ ގޯލުގައި މިރޭ މޮޅު ކުޅުމެއް ދެއްކި އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ.
ކުރިން ދެ މެޗުގެ ތިން ޕޮއިންޓް ވެސް ލިވަޕޫލަށް ނުހޯދުނީ ފަހު ވަގުތު އިދިކޮޅަށް ކުޅުނު ޓީމުތަކުން ޖެހި ގޯލުތަކާއި ދެ ވަނަ ގޯލެއް ޖަހަން ލިވަޕޫލުން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބުނުވުމުންނެވެ. އެކަމަކު މިރޭގެ މެޗުގައި ލިވަޕޫލުން ވަނީ އެކަން ބަދަލުކޮށްފަ އެވެ، މެޗުގެ އިތުރު ވަގުުތުގައި ލިވަޕޫލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު ޖެހީ ސްޕެއިނުގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ އެވެ. މިއީ ލިވަޕޫލާ ގުޅުނު ފަހުން ތިއާގޯ ޖެހި ފުރަތަމަ ގޯލެވެ.












