މެންޗެސްޓާ (މެއި 8) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ އަތުން 2-1 އިން ބަލިވެ، ލީގު ޗެމްޕިއަންކަން ހޯދަން މެންޗެސްޓާ ސިޓީން ކުރާ އިންތިޒާރު ދިގުވެއްޖެ އެވެ.
ލީގުގައި މާދަމާރޭ ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗުން އެސްޓަން ވިލާ އަތުން ބަލިވެއްޖެނަމަ ސިޓީ އަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. މިދިޔަ ހަފްތާގައި ޔުނައިޓެޑް އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅެން އޮތް މެޗު ސަޕޯޓަރުންގެ ހަޅުތާލާ ހެދި ވަނީ ފަސްކޮށްފަ އެވެ. އެ މެޗުން ޔުނައިޓެޑް ބަލިވި ނަަމަވެސް ސިޓީ އަށް އޮތީ ލީގު ޗެމްޕިއަންކަން ލިބޭ ގޮތަށެވެ.
ސިޓީ މި ވަގުތު އެއް ވަނައިގައި އޮތީ 35 މެޗުން 80 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޔުނައިޓެޑަށް 33 މެޗުން ވަނީ 67 ޕޮއިންޓް ލިބިފަ އެވެ. މިރޭގެ މޮޅާ އެކު ޗެލްސީ ވަނީ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 35 މެޗުން 64 ޕޮއިންޓް ހޯދައިގެންނެވެ. ކުރިން ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ ވަނީ ރޭ ނިއުކާސަލް އަތުން 4-2 އިން ބަލިވެފަ އެވެ. ލެސްޓާ އަށް 35 މެޗުން ވަނީ 63 ޕޮއިންޓް ލިބިފަ އެވެ.
މިއީ ޗެލްސީން މި ސީޒަނުގައި ސިޓީ އަށް ލަނޑު ދިން ދެ ވަނަ ފަހަރެވެ. ތޯމަސް ޓުޗެލްގެ ކޯޗުކަމުގައި ތަފާތު ދައްކަމުން އަންނަ ޗެލްސީން ވަނީ އެފްއޭ ކަޕް ސެމީ ފައިނަލުގައި ވެސް ސިޓީ ކަޓުވާލައިފަ އެވެ. ވިހި ދުވަސް ފަހުން މި މަހުގެ 29 ވަނަ ދުވަހުގެ ފަހުން ޗެލްސީން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ސިޓީއާ ބައްދަލުކުރާނެ އެވެ.
ގިނަ ބަދަލުތަކާ އެކު ސިޓީ އާއި ޗެލްސީން މިރޭގެ މެޗު ކުޅެމުންދިޔައިރު، ސިޓީން ވަނީ ފުރަތަމަ ހާފުގައި ރަހީމް ސްޓާލިންގެ ގޯލުން ލީޑުނަގައިފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސިޓީގެ ލީޑުފުޅާކުރަން ސާޖިއޯ އަގުއޭރޯ އަށް ރަނުގެ ފުރުސަތެއް ލިބި ބޭނުމެއް ނުކުރެވުނެވެ. އަގުއޭރޯ ފޮނުވާލި ޕެނަންކާ ޕެނަލްޓީ ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ ވަނީ މަތަކޮށްފަ އެވެ.

އަގުއޭރޯ ފޮނުވާލި ޕެނަލްޓީ ޗެލްސީގެ ކީޕަރު މެންޑީ މަތަކުރަނީ.-- ފޮޓޯ: އޭއެފްޕީ
ދެ ވަނަ ހާފް ފެށިގެން ޗެލްސީން ރަނގަޅު ކުޅުމެއް ދެއްކިިއިރު، މެޗުގެ 63 ވަނަ މިނިޓްގައި ޗެލްސީ އަށް އެއްވަރުކޮށްދިނީ ހަކީމް ޒިޔެޗް އެވެ. އޭނާ ތިރިތިރިން ޖެހި ޝޮޓް ގޯލުގެ ކަނަށް ވަނީ ސިޓީގެ ކީޕަރު އެޑަސަން މޮރާއެސް އަތުގައި ޖެހިފަ އެވެ. ޗެލްސީ މޮޅުކޮށްދޭން ޓިމޯ ވާނާ އާއި ކަލުމް ހަޑްސަން އޮޑޯއި ޖެހި ގޯލުތައް އޮފްސައިޑް ކަމަށް ނިންމި އެވެ.
ސިޓީން މެޗުގެ ފަހު ކޮޅުގައި ޕެނަލްޓީ އަކަށް ވަރަށް ބޮޑަށް އެޕީލްކުރި އެވެ. ޗެލްސީގެ ކާޓް ޒޫމާ ސިޓީގެ ސްޓާލިން އަށް ކުރި ފައުލަކަށް ރެފްރީ ނިންމީ ޕެނަލްޓީ އެއް ނުދޭށެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ވެސް އެ ނިންމުން ދެމެހެއްޓީ އެވެ. އޭގެ ފަހުން އިތުރު ވަގުތުގައި ޗެލްސީ މޮޅުވި ގޯލު ވާނާ ޖައްސާލި ބޯޅައަކުން ކާމިޔާބުކުރީ މާކޯސް އަލޮންސޯ އެވެ.
މި ނަތީޖާއާ އެކު ޗެލްސީގެ ކޯޗު ޓުޗެލް ހަވާލުވި ފަހުން ރަށުންބޭރުގައި އެ ޓީމުން ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑް ވަނީ 12 މެޗަށް ވެފަ އެވެ. ޓުޗެލް ބުނީ ފުރަތަމަ ހާފުގައި ބޭނުންވި ގޮތަށް ނުދިޔަ ނަމަވެސް ދެ ވަނަ ހާފް ފެށިގެން ބޭނުންވި ގޮތަށް ޗެލްސީން ކުޅުނު ކަމަށެވެ.
"ހަގީގަތުގައި އަހަންނަށް ފުރަތަމަ ހާފު ދިޔައީ 0-0 ކަހަލަ ގޮތަކަށް. ހެދުނީ އެންމެ ގޯހެއް ސިޓީން އޭގެ ބޭނުންހިފައި ލަނޑުޖެހީ. އެކަމަކު ދެ ވަނަ ހާފްގެ ކޮންމެ މިނިޓަކަށް ފަހު ދެން ފެނުނީ އަހަރެމެންގެ ކޮންފިޑެންސް ރަނގަޅުވަމުން އައިތަން. އޭގެ ނަތީޖާ އަކީ އިތުރު ވަގުތުގައި ގޯލެއް ޖަހައިގެން މޮޅުވުން،" ޓުޗެލް ބުންޏެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ރެފްރީންގެ ނިންމުންތަކުގެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށާއި ސްޓާލިން އަށް ކުރި ފައުލަކީ އޭނާގެ ނަޒަރުގައި ޕެނަލްޓީއެއް ކަމަށެވެ. އެކަމަކު މިއީ ބަލިވި ނަމަވެސް ސިޓީގެ ފަރާތުން ދަށް ކުޅުމެއް ފެނިގެން ދިޔަ މެޗެއް ނޫން ކަމަށް ގާޑިއޯލާ ބުންޏެވެ.
"އަހަރެމެންނަށް އަދިވެސް ޗެމްޕިއަންކަން ހޯދޭނެ ފުރުސަތު އެބައޮތް. އެހެންވީމަ އެއީ ހިތްހަަމަޖެހުމެއް،" ހަތަރު އަހަރު ތެރޭ ތިން ވަނަ ފަަހަރަށް ލީގުގެ ޗެމްޕިއަންކަން ހޯދުމާ ގާތުގައި އޮތް ސިޓީގެ ކޯޗު ގާޑިއޯލާ ބުންޏެވެ.
ލީގުގައި މިރޭ ޓޮޓެންހަމް ކުޅުނު މެޗުން ވަނީ ރަށުންބޭރުގައި ލީޑްސް ޔުނައިޓެޑް އަތުން 3-1 އިން ބަލިވެފަ އެވެ. މި ނަތީޖާއާ އެކު ގަދަ ހަތަރެއްގައި އޮވެގެން ސީޒަން ނިންމުމަށް ޓޮޓެންހަމުން ކުރާ މަސައްކަތަށް ވަނީ ވަރަށް ބޮޑަށް އުނދަގޫތަކެއް ކުރިމަތިވެފަ އެވެ.












