މިއުނިކް (މެއި 8) - ޖަރުމަނު ލީގުގައި މިރޭ ދެ ވަނައިގައި އޮތް އާރްބީ ލައިޕްޒިގު ކުޅުނު މެޗުން 3-2 އިން ބޮރޫޝިއާ ޑޯޓްމަންޑް އަތުން ބަލިވުމާ އެކު އެއް ވަނައިގައި އޮތް ބަޔާން މިއުނިކަށް ޖެހިޖެހިގެން ނުވަ ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ކަށަވަރުވެއްޖެ އެވެ.
ބަޔާނުން މިރޭ އަމިއްލަ ދަނޑުގައި ބޮރޫޝިއާ މުންޗެންގްލަޑްބެކާ ދެކޮޅަށް ނުކުތުމުގެ ކުރިން އެ ޓީމަށް ލީގު ޗެމްޕިއަންކަން ލިބިފައި އޮތްއިރު، އެ ޓީމުން ވަނީ މުންޗެންގްލަޑްބެކް އަތުން 6-0 އިން މޮޅުވެފަ އެވެ.
ބާކީ ދެ މެޗު އޮއްވައި ބަޔާނުން ލީގު ކަށަވަރުކުރީ 32 މެޗުން 74 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލައިޕްޒިގަށް ވަނީ 32 މެޗުން 64 ޕޮއިންޓް ލިބިފަ އެވެ. ޑޯޓްމަންޑް ވަނީ މި މޮޅާ އެކު ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިގަ އެވެ. އެއީ 32 މެޗުން 58 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތީ މިރޭ ޔޫނިއަން ބާލިން ބަލިކުރި ވުލްފްސްބާގް އެވެ. ވުލްފްސްބާގަށް 32 މެޗުން ވަނީ 60 ޕޮއިންޓް ލިބިފަ އެވެ.
މާކޯ ރެއުސް އާއި ޖޭޑަން ސަންޗޯގެ ގޯލުތަކުން ޑޯޓްމަންޑް ލީޑުނަގައިދީފައިވަނިކޮށް ލައިޕްޒިގަށް އެއްވަރުކޮށްދިނީ ލޫކަސް ކްލޯސްޓަމަން އާއި ޑޭނީ އޮލްމޯގެ ގޯލުތަކުންނެވެ. ޑޯޓްމަންޑް މޮޅުވި ގޯލު ޖެހީ މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް ސަންޗޯ އެވެ.

ޑޯޓްމަންޑްގެ ސަންޗޯ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ބަޔާނުން މުންޗެންގްލަޑްބެކް ކޮޅަށް ޖެހި ހަ ގޯލުގެ ތެރެއިން ތިން ގޯލު ކާމިޔާބުކޮށް ރޮބަޓް ލެވަންޑޯސްކީ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ޖަރުމަނު ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖަހައިގެން ގާޑް މުލާ ހަދާފައިވާ ރެކޯޑާ ހަމަކުރަން ލެވަންޑޯސްކީ އަށް ދެން އޮތް ދެ މެޗުން ބޭނުންވަނީ އެންމެ ގޯލެކެވެ. ލެވަންޑޯސްކީ ވަނީ ލީގުގައި 39 ގޯލު ޖަހައިފަ އެވެ. މުލާ ރެކޯޑް ހަދާފައިވަނީ 40 ގޯލު ޖަހައިގެންނެެވެ.
ބަޔާނުގެ އަނެއް ތިން ގޯލު ޖެހީ ތޯމަސް މުލާ އާއި ކިންގްސްލީ ކޯމަން އަދި ލެރޯއި ސާނޭ އެވެ. ބަޔާނުން މި މެޗުގެ ފަހު 15 މިނިޓް ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އެ ޓީމުގެ ޓަންގީ ނިއާންޒޯ އަށް ރަތް ކާޑެއް ދެއްކުމުންނެވެ.
ބަޔާންގެ ކޯޗުކަމާ މި ސީޒަން ނިމުމުން ދެ ވަނައިގައި އޮތް ލައިޕްޒިގުގެ ކޯޗު ހޫލިއަން ނާގަލްސްމަން ހަވާލުވާން ވަނީ ނިންމައިފަ އެވެ. ޒުވާން ކޯޗު ނާގަލްސްމަން ބަޔާނާ އެކު ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރާނެ އެވެ. ބަޔާން ކޯޗަކަށް މި ވަގުތު ހުރި ހަންސީ ފްލިކް އެ ޓީމު ދޫކޮށްލުމަށް ފަހު ހަވާލުވާނެ ކަމަށް ބެލެވެނީ ޖަރުމަނު ގައުމީ ޓީމާ އެވެ. ޔޫރޯ އަށް ފަހު ޖަރުމަނު ގައުމީ ޓީމުގެ ކޯޗަކަށް މިހާރު ހުރި ޔަކީމް ލޯ މަގާމުން ވަކިވާނެ އެވެ.












