ބެންގަލޫރުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ކޮވިޑް ޓެސްޓް ނެގެޓިވް

May 8, 2021, 12:14 PM
ސުޕަ ލީގުގެ މެޗެއްގެ ތެރެއިން ޗެތުރީ.-- ފޮޓޯ: ބެންގަލޫރު

ސުޕަ ލީގުގެ މެޗެއްގެ ތެރެއިން ޗެތުރީ.-- ފޮޓޯ: ބެންގަލޫރު

އޭއެފްސީ ކަޕްގެ ކޮލިފައިން ޕްލޭއޮފްގައި ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ބެންގަލޫރު އެފްސީ ޓީމު އިއްޔެ މާލެ އައިސް ހޮޓަލަށް ވަނުމުގެ ކުރިން ކުރި ހުރިހާ ކޮވިޑް ޓެސްޓްތަކެއް ނެގެޓިވްވެފައިވާ ކަމަަށް އެފްއޭއެމުން ބުނެފި އެވެ.

ކޮވިޑް-19ގެ ހާލަތުގެ ތެރޭގައި އޭއެފްސީން މުބާރާތްތައް ކުރިއަށްގެންދާއިރު، އަމަލުކުރަން ކަނޑައަޅާފައިވާ ގައިޑްލައިންގައިވާ ގޮތުން އެ ޓީމެއް ހުންނަ ގައުމަކުން ފުރުމުގެ ކުރިން ކޮވިޑް-19 އަށް ޕީސީއާރް ޓެސްޓްތަކެއް ހަދަން ޖެހެ އެވެ. އަދި ސެންޓްރަލައިޒްކޮށް މެޗުތައް ކުޅޭ ގައުމަށް ގޮސްފައި ޓީމުގެ އެކޮމަޑޭޝަން ހަމަޖައްސާފައިވާ ހޮޓަލަށް ވަނުމުގެ ކުރިން ޓެސްޓްކުރާނެ އެވެ.

އެ ގޮތުން އިއްޔެ ބެންގަލޫރުގެ ކުޅުންތެރިން ހޮޓެލް ޖެން އަށް ޗެކިންވިއިރު ކުރި ޓެސްޓްގެ ނަތީޖާ ދައްކާގޮތުން ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ނެގެޓިވްވެފަ އެވެ.

މިދިޔަ މަހުގެ ކުރީކޮޅުގައި ބެންގަލޫރުގެ ތަރި ސުނިލް ޗެތުރީ އާއި އެ ޓީމުގެ ބައެއް މެމްބަރުން ކޮވިޑަށް ޕޮޒިޓިވްވި އެވެ. އެކަމަކު މިދިޔަ މަސް ނިމުމުގެ ކުރިން އެ ހުރިހާ ފަރާތެއް ކޮވިޑުން ރަނގަޅުވެގެން އަލުން ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށި އެވެ. އޭގެ ފަހުން ފަރިތަކުރަމުން އަންނަތާ ދެ ހަފްތާއެއްހާ ދުވަސްވެއްޖެ އެވެ.

ބެންގަލޫރުން މިދިޔަ އަށް މަހެއްހާ ދުވަސް ހޭދަކުރީ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އަމިއްލަ ބަބްލްއެއްގެ ތެރޭގަ އެވެ. ރާއްޖެ އައުމާ ހަމައަށް ބެންގަލޫރު ޓީމުގެ ކުޅުންތެރިން ކޭމްޕްކޮށްގެން ތިބީ އިންޑިއާގެ ގޯއާގަ އެވެ. ގޯއާ އަކީ ދާދި ފަހުން ކާމިޔާބު ކަމާ އެކު އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗުތައް ހޯސްޓްކުރި ސިޓީ އެވެ.

ދެން ބޭރު ގައުމުތަކުން ރާއްޖެ އަންނަން އޮތީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. މޯހަން ބަގާން މި ވަގުތު ބަބްލްއެއްގެ ތެރޭގައި ޕްރެކްޓިސް ކުރަމުން އަންނައިރު، ކޮންމެ ދުވަހަކު ތިންއިރު ކަހަލަ ގޮތަކަށް ކުޅުންތެރިންގެ ހޫނުމިން ޓެސްޓް ކުރުމަށް ފަހު އަލާމާތެއް ފެންނަ ކުޅުންތެރިއަކު ހުރިނަމަ ކޮވިޑަށް ޓެސްޓް ކުރެ އެވެ. އަދި ބަޝުންދުރާ އިން މި ވަގުތު ބަންގްލަދޭޝް ލީގުގައި ހާއްސަ ބަބްލްއެއްގެ ތެރެއިން ވާދަކުރާތީ އެ ޓީމުން އެ ލީގުގެ މެޗުތަކަށް ތައްޔާރުވާއިރު، އަމަލުކުރަމުން އަންނަނީ އޭއެފްސީން އަންގާފައިވާ ގައިޑްލައިންތަކާ އެއްގޮތަށެވެ.

އޭއެފްސީ ކަޕްގައި ވާދަކުރާ ރާއްޖޭގެ މާޒިޔާ އާއި އީގަލްސް ވެސް ވަނީ އިއްޔެ ކޮވިޑަށް ޓެސްޓްކުރުމަށް ފަހު ކޭމްޕްކޮށްފަ އެވެ. އީގަލްސް ހޮޓެލް ޖެންގައި ކޭމްޕްކުރިިއިރު، މާޒިޔާ ކޭމްޕްކުރީ ދާދި ފަހުން ހުޅުމާލޭގައި އަކާސިއާގެ ނަމުގައި ރީބްރޭންޑް ކުރުމަށް ފަހު ހުޅުވި ހޮޓަލްގަ އެވެ.

ބޭރު ޓީމުތަކެކޭ އެއްގޮތަށް އީގަލްސް އާއި މާޒިޔާ ވެސް ދެން މުބާރާތުގެ މެޗުތައް ނިމުމާ ހަމައަށް ހޮޓަލުން ހަމައެކަނި ނުކުންނާނީ ޓްރެއިނިންނާއި މެޗުތަކަށް އެކަންޏެވެ.

އޭއެފްސީން ކޮވިޑް ތެރޭގައި މުބާރާތްތައް ކުރިއަށް ގެންދިއުމަށްޓަކައި އަމަލުކުރާ ޕްރޮޓޮކޯލަކީ ޔޫރަޕްގައި ވެސް އަމަލުކުރަމުން އަންނަ އުސޫލާ ދާދި އެއްގޮތަކަށް ތައްޔާރުކޮށްފައިވާ ގައިޑްލައިނެކެވެ. އެ ގޮތުން އޭއެފްސީ ކަޕްގެ ކޮންމެ މެޗެއްގެ ކުރިން ކޮވިޑަށް ޓެސްޓް ކުރާނެ އެވެ. ކޮންމެ ދުވަހަކު ހޮޓަލުން ނުކުންނައިރު، ހޫނު މިން ބަލާނެ އެވެ. މެޗު ކުޅެން ދަނޑަށްދާއިރު ހޫނުމިން ބަލާއިރު ކަމެއް ފާހަަގަކުރެއްވިއްޖެނަމަ ޓީމާ އެކު ކުޅުންތެރިޔާ އަށް ނުދެވޭނެ އެވެ. އަދި ބޭނުންވި ކޮންމެ ހިނދެއްގައި ރޭންޑަމް ސާމްޕަލް ނެގޭނެ އިންތިޒާމް ހަމަޖައްސަން ޓީމުތަކަށް ވަނީ އަންގައިފަ އެވެ.

މުބާރާތުގެ ކަންތައްތައް ސިއްހީ ގޮތުން ރައްކާތެރިކުރުމުގެ ގޮތުން އެފްއޭއެމްގެ މުވައްޒަފުންނާއި މީޑިއާ ވެސް ޕީސީއާރް ޓެސްޓް ހަދާނެ އެވެ. އަދި ކޮންމެ ދުވަހަކު ހޫނުމިން ޗެކްކުރާ ގޮތަށް ގައިޑްލައިންތަކުގައި ވަނީ ހިމަނައިފަ އެވެ. މިދިޔަ މަހު އޭއެފްސީ ކަޕްގެ ކޮލިފައިންގައި ރާއްޖޭގެ އީގަލްސް އާއި ބޫޓާންގެ ތިމްޕޫ ސިޓީ ކުޅުނު މެޗުގައި ވެސް އަަމަލުކުރީ އެ ގޮތަށެވެ.

ޕްލޭއޮފްގައި އީގަލްސް އާއި ބެންގަލޫރު ކުޅޭ މެޗު އޮންނާނީ އަންގާރަ ދުވަހުގެރޭ ނުވައެއް ޖަހާއިރު ގަލޮޅު ދަނޑުގަ އެވެ. ޕްލޭއޮފުން މޮޅުވާ ޓީމަކަށް ކޮލިފައިން ގްރޫޕްގެ ފަހު ފުރުސަތު ލިބޭނެ އެވެ. އެ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ މާޒިޔާ އާއި މޯހަން ބަގާން އަދި ބަޝުންދުރާ ކިންގްސް އެވެ. އެ ގްރޫޕްގެ މެޗުތައް މާލޭގައި ކުޅެން ޝެޑިއުލްކޮށްފައި އޮތީ މި މަހު 14 އިން 20 އަށެވެ. ރާއްޖޭން އެ މެޗުތައް ހޯސްޓްކުރުމުގެ ފުރުުސަތު ހޯދީ އިންޑިއާއާ ވާދަކޮށް ބިޑް ކާމިޔާބު ކޮށްގެންނެވެ.

ކޮވިޑްގެ ކޭސްތައް ރާއްޖޭގައި ގިނަވެ ހާލަތު ގޯސްވާތީ އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗާއި ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ފަސްކުރަން އެފްއޭއެމުން އޭއެފްސީއާ އެކު މަޝްވަރާ ކުރި ނަމަވެސް އޭއެފްސީގެ ނިންމުމަކީ މިހާރު އޮތް ޝެޑިއުލާ އެއްގޮތަށް އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖޭގައި ކުރިއަށް ގެންދިއުމަށެވެ.

އެފްއޭއެމާއި ސަރުކާރުން ރާއްޖޭގައި ކުޅޭ މެޗުތައް ފަސްކުރަން އެދުނު އެދުމާ އެއްގޮތަށް ކަންތައްތައް ކުރިއަށް ނުދިޔައީ ރާއްޖޭގައި ކުޅޭ މުބާރާތުގެ މެޗުތައް ފެށެން މިހާ ކައިރި ވެފައިވަނިކޮށް މުބާރާތް ފަސްކޮށްފިނަމަ އެތައް ގެއްލުންތަކެއް ޓީމުތަކަށް ކުރިމަތިވެދާނެތީ ކަމަށެވެ.

އެ ގޮތުން ރާއްޖެ އަންނަން ނިންމާފައިވާ ޓީމުތަކުން ދަތުރު ފަތުރުކުރުމުގެ ޓިކެޓްތައް ނަގައި ހޮޓަލަށް ފައިސާ ދައްކާފައި ހުރުމުގެ އިތުރުން އޭއެފްސީން މި މުބާރާތަށް އަންނަން ހަމަޖެހިފައިވާ އޮފިޝަލުންގެ ހުރިހާ ކަމެއް ހަމަޖެހިފައި ހުރުމުން މި ވަގުތު މުބާރާތް ކެންސަލްކުރުމަކީ ބޮޑު ގެއްލުންތަކެއްވާނެ ކަމެއް ކަމަށް އޭއެފްސީން ދެކެ އެވެ. އެހެންވެ ފަހު ވަގުތު ހުރިހާ ކަމެއް ބަދަލުކުރަން ޖެހިއްޖެނަމަ އޭގެ ގެއްލުން ބޮޑުވާނެތީ އޭއެފްސީން އެންގީ ޝެޑިއުލާ އެއްގޮތަށް ކުރިއަށް ދިއުމަށެވެ. އަދި އޭއެފްސީން މި ގޮތަށް އެދިފައިވަނިކޮށް ފަހު ވަގުތު ރާއްޖޭން މުބާރާތް ނިންމައިފިނަމަ މުސްތަގުބަލުގައި އޭއެފްސީގެ ފުރުސަތައް ރާއްޖެ އަށް ހަނިވުމުގެ ޖާގަ އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox