މެންޗެސްޓާ (މެއި 8) - ސަޕޯޓަރުންގެ ހަޅުތާލުތައް މެދުނުކެނޑި ކުރިއަށްދާ މައްސަލައިގައި މެންޗެސްޓާ ޔުނައިޓެޑްގެ ވެރިން ކަމަށްވާ އެމެރިކާގެ ގްލޭޒާ އާއިލާ އިން އެ ކްލަބްގެ ސަޕޯޓަރުންނާ ބައްދަލުކުރަން އެއްބަސްވެއްޖެ އެވެ.
މިއީ 2005 ވަނަ އަހަރު ޔުނައިޓެޑް ގަތް ފަހުން ގްލޭޒާ އާއިލާ އިން މި ގޮތަށް ޔުނައިޓެޑްގެ ސަޕޯޓަރުންނާ ބައްދަލުކުރަން ނިންމި ފުރަތަމަ ފަަހަރެވެ. ޔުނައިޓެޑްގެ ސަޕޯޓަރުންނާ ބައްދަލުކުރަން ގްލޭޒާ އާއިލާ އިން މި ނިންމީ އެ ކްލަބްގެ ވެރިންނާ ދެކޮޅަށް ޔުނައިޓެޑްގެ ސަޕޯޓަރުންގެ ސިލްސިލާ އެއްވުންތަކެއް ކޮންޓްރޯލުން ނައްޓައި ދާދި ފަހުން މެޗެއް ވެސް ފަސްކުރަން ޖެހޭ ހާލަތަށް ކަންތައްތައް ގޯސްވުމުންނެވެ.
ސަޕޯޓަރުންގެ މި އެއްވުން ތަކަކީ ޔުނައިޓެޑްގެ ވެރިން ޔޫރަޕިއަން ސުޕަ ލީގުގައި ބައިވެރިވާން ނިންމުމަށް ފަހު ފަހުން އެ ނިންމުން ބަދަލުކުރި ނަމަވެސް ކްލަބް ވިއްކާލަން ދެކޮޅު ހަދަމުންދާތީ އެވެ. ޔުނައިޓެޑް ސަޕޯޓަރުންގެ އަނެއް ޝަކުވާ އަކީ އެ ކްލަބްގެ ވެރިން ކަމަށްވާ އެމެރިކާގެ ގްލޭޒާ އާއިލާ އިން އެ ކްލަބަށް ލިބޭ ފައިސާ ކްލަބަށް އެކަށީގެންވާ ވަރަށް އިންވެސްޓްނުކޮށް އަމިއްލަ ވިޔަފާރިތައް ފުޅާކުރަން މަސައްކަތްކުރާތީ އެވެ.
ޔުނައިޓެޑްގެ ކޯ ޗެއާމަން ޖޮއެލް ގްލޭޒާ އެ ކްލަބްގެ ސަޕޯޓަރުންނަށް ހާއްސަކޮށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ޔުނައިޓެޑުން އެ ކްލަބްގެ ސަޕޯޓަރުންގެ އަޑުއަހާ މިންވަރު އިތުރުކުރަން ޖެހޭޭ ކަމަށާއި ކްލަބް ކުރިއަށް ގެންދިއުމުގައި ސަޕޯޓަރުންގެ ބައިވެރިވުން ބޮޑަށް ހިމެނޭނެ ގޮތްތަކެއް ހޯދަން ޖެހިފައިވާ ކަމަށެވެ.

ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ (މ) އެ ކްލަބްގެ ވެރިންނާ އެކު.-- ފޮޓޯ: މެންޗެސްޓާ ޔުނައިޓެޑް
"ދުރު މުސްތަގުބަލަކަށް ވިސްނާއިރު ސަޕޯޓަރުންގެ ބައިވެރިވުން އޮންނަ މޮޑިއުލަކަށް ކްލަބް ހިންގުން ބަދަލުކުރަން ޖެހޭ. އެ ވިސްނުމުގައި މިހާރު ޔުނައިޓެޑް ވެސް މި އޮތީ. އަހަރެމެން (ގްލޭޒާ ފެމިލީ) އިން ސަޕޯޓަރުންނަށް ޔަގީން ކޮށްދެން އަހަރެމެން މި ތިބީ މި ކްލަބާ އެކު ރަނގަޅު ގޮތުގައި ކުރިއަށްދާން ކަން،" ޖޮއެލް ގްލޭޒާގެ ސިޓީގައިވެ އެވެ.
ޖޮއެލްގެ ވިސްނުމަކީ މި ސީޒަން ނިމުމުން ޔުނައިޓެޑްގެ ސަޕޯޓަރުންގެ ފޯރަމްއާ ބައްދަލުކުރުމެވެ. އެކަމަކު ޔުނައިޓެޑްގެ ސަޕޯޓަރުންގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ މެންޗެސްޓާ ޔުނައިޓެޑް ސަޕޯޓާސް ޓްރަސް (މަސްޓް) އިން ވަނީ ގްލޭޒާ އާއިލާއާ ބައްދަލުކުރަން ނިންމާނީ ސަޕޯޓަރުންގެ ވޯޓަކުން ކަމަށް ބުނެފަ އެވެ.
މަސްޓް އިން ބުނީ މީގެ ކުރިން ވެސް ޔުނައިޓެޑްގެ ވެރިން ވަނީ އެކި ޕްލެޓްފޯމްތަކުގައި ކްލަބަށް ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމަށް ބުނެފައި ކަމަށާއި މިހާތަނަށް އެކަންކަން އޮތީ ހަމައެކަނި އަނގައިން ބުނެވުނު ވާހަކައެއްގެ ގޮތުގައި ކަމަށާއި އެ އަށް އަަމަލީ ސިފައެއް ނާންނަ ކަމަށެވެ.












