ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެކަމެއް ހިއްސާކޮށްދިނުމަށް ފުލުހުން އާންމުން ކިބައިން އެދިއްޖެ އެވެ.
ފުލުހުން އެދިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ފޮޓޯ، ވީޑިއޯއެއް ނުވަތަ ލިޔެކިޔުމެއް ނަމަވެސް، ފުލުހުންނާ ވީއެންމެ އަވަހަކަށް ހިއްސާކޮށްދިނުމަށެވެ.
އެފަދަ މައުލޫމާތެއް އޮތްނަމަ، ފުލުހުންގެ ޕޯޓަލް https://u.police.mv/evidence މެދުވެރިކޮށް ފޮނުވައިދިނުމަށް ފުލުހުން އެދިފައިވާއިރު، މައުލޫމާތު ދޭ މީހާގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަގީންކަން ވެސް ދިނެވެ.
ފުލުހުން މީގެކުރިން ވަނީ އެ ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުން ޝައްކުވާ އެއްވެސް ފާހަގަކުރެވިފައިވާ ނަމަ މައުލޫމާތު، 9704000 އަށް ހިއްސާކޮށްދޭން ވެސް ފުލުހުން އެދުނެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގައި ލިބުނު ޒަހަމްތަކަށް އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ގެންދަވާއިރު، މިހާރު ވެސް އޮންނެވީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ.

ހަމަލާއާ ގުޅޭ ހަތަރު މީހަކު ފާހަގަ ކުރެވިފައިވީކަން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ހަމަލާގެ އެއްވެސް މައުލޫމާތެއް އިންޓެލަށް ލިބިފައިނުވާކަން ވެސް ހަމީދު ހާމަކުރައްވާފައިވެ އެވެ.
ޗީޕް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލު ވިދާޅުވެފައިވާ ގޮތުގައި، ގޮއްވާލާފައިވާ އައިއީޑީއަކީ 2007 ވަނަ ސަލްޓަންޕާކް ސަރަހައްދުގައި ގޮއްވާލި އައިއީޑީއަށް ވެސް ބާރުގަދަ އެއްޗެކެވެ. އަސްކަރީ އާލާތްތައް ނެތް ނަމަވެސް، ޑިވައިސްގައި ގޮވާ ޒާތުގެ ގިނަ ތަކެތި ބޭނުންކޮށްފައިހުރި ކަމަށާއި ގެއްލުން ބޮޑުކުރުމަށް ރޭޒާފުށް ވެސް އަޅާފައި ހުރި ކަމަށެވެ.











