ރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެފައިވާއިރު، ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހިންގާ އިމާރާތް ކޮވިޑު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އަށް ދިނުމަށް އެ އެސޯސިއޭޝަނުން ނިންމައިފި އެވެ.
އެ ގޮތަށް ނިންމުމާ ގުޅިގެން، އެ ބިލްޑިން ބަލައިލުމަށް ކޮވިޑުގެ އޮޕަރޭޝަންތައް އިސްކޮށް ބަލަހައްޓަވައި ނައިބު ރައީސް ފައިސަލް ނަސީމާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމްގެ އިތުރުން އެޗްޕީއޭގެ އޮފިޝަލުން ވަނީ އެފްއޭއެމް ހައުސަށް މިއަދު ހަވީރު ވަޑައިގަންނަވާފަ އެވެ.
ނަމަވެސް، އެ ބިލްޑިން ބޭނުންކުރަން ނިންމައިފިނަމަ، ބޭނުންކުރަނީ ސީދާ ކޮން ކަމަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ.
ރާއްޖޭގައި ކޮވިޑު ޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހު ދަނީ އިތުރުވަމުންނެވެ. އެޗްޕީއޭ އިން މިރޭ އާއްމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި 24 ގަޑިއިރުގެ ތެރޭގައި މާލެއިން އެކަނި 540 މީހުންނަށް ވަނީ ބަލި ޖެހިފަ އެވެ. އަތޮޅުތަކުން 186 މީހުންނާ އެކު ޖުމްލަ 734 މީހުން މިއަދު ވަނީ ޕޮޒިޓިވްވެފަ އެވެ.
ކޮވިޑުގެ ފަރުވާއަށް ހާއްސަކުރި ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ފުރުމުން އައިސީޔޫތަކާއި އެޑްމިޓްކުރާނެ އެނދުތައް އިތުރުކޮށް، ވ. ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަކަށް އަނެއްކާވެސް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރޭ ވަނީ ބުނެފަ އެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު އައިސްފައިވާ ރާޅާ އެކު ކެޕޭސިޓީ އިތުރު ކުރަން ޖެހޭ ކަމަށެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ފުރިފައިވާތީ އިތުރު އައިސީޔޫތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ހުޅުމާލޭ ކޮވިޑް ފެސިލިޓީގެ 12 އެނދެއް އައިސީޔޫގެ ގޮތުގައި ބޭނުން ކުރަން ފަށާފައިވާއިރު މާދަން އިތުރުން އަށް އެނދެއް އައިސީޔޫގެ ގޮތުގައި ބޭނުން ކުރަން ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި ހޮސްޕިޓަލްގެ އެނދުތައް އިތުރު ކުރުމުގެ ގޮތުން ހުޅުމާލޭ ހޮސްޕިޓަލްގައި ވަކިން ހުރި އިމާރާތެއްގައި 50 އެނދު ގާއިމު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ ފުރިފައިވާތީ ވެލިދޫ އަނެއްކާވެސް ހުޅުވައި އައިސޮލޭޝަން ފެސިލިޓީއަކަށް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.











