މާލޭ ސަރަހައްދުގައި ހިންގާ ޖިމްތަކާއި ކަސްރަތު ކްލާސްތަކާއި ސެލޫންތަކުގެ އިތުރުން ސިނަމާތައް ބަންދު ކުރަން ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ން މިއަދު އަންގައިފި އެވެ.
އެޗްޕީއޭ އިން އެ ތަންތަން ބަންދުކުރަން އެންގީ މާލޭގައި ކޮވިޑްގެ ކޭސްތައް މީގެކުރިން ނުފެންނަ މިންވަރަށް އިތުރުވެފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
މީގެކުރިން މާލޭގައި އެންމެ ފުރަތަމަ ކޭސްތައް ފެންނަން ފެށުމާ އެކު ވެސް ޖިމްތަކާއި ސެލޫންތައް އަދި ސިނަމާތައް ބަންދުކުރި އެވެ. އޭގެފަހުން ލުއި ދެމުން ގޮސް، އެ ހުރިހާ ތަނެއް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ހުޅުވާލައިފަ އެވެ.
ނަމަވެސް، މިހާރު އެ ތަންތަނުގައި އެންމެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ނުހުންނަ ކަމުގެ ޝަކުވާ އޮންނައިރު، އެ ތަންތަނުގައި މީހުން ޖަމާވެ އުޅުމަކީ ބަލި އިތުރަށް ފެތުރިގެންދާނެ ކަމެއް ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ.
އިއްޔެ އެކަނި ވެސް މާލޭން 500 އަށްވުރެ ކޮވިޑް ކޭސްތައް ފެނިފައިވާއިރު، ހާއްސަ ފިޔަވަޅެއްގެ ގޮތުން މިރޭން ފެށިގެން ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ވަނީ އިއުލާންކޮށްފަ އެވެ.

އޭގެއިތުރުން ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ބަންދުކޮށް، ވެކްސިން ފުރިހަމަ ކުރުމަށްފަހު ލިބޭނެ ކަމަށް އޮތް ދަތުރުކުރުމުގެ ލުއި ވެސް ވަނީ ހިފަހައްޓާފަ އެވެ.











