ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމަށް އަހުމަދު ހަމްދާން އައްޔަން ކުރައްވައިފި އެވެ.
ހަމްދާން އެ މަގާމަށް އައްޔަން ކުރެއްވީ، މަގާމުގައި މިއަދާ ހަމައަށް ހުންނެވި އައިމިނަތު ޝައުނާއަށް މެންޑޭޓް ފުޅާކޮށް، އެންވާރަމެންޓް މިނިސްޓްރީ ހަވާލުކުރުމަށްފަހު އެވެ.
ރައީސް އޮފީހުގެ ޕޮލިސީ އޮފީސް، ޝައުނާގެ ދަށުން މިއަދާ ހަމައަށް ހިންގެވުމުގައި ހަމްދާން މަސައްކަތް ކުރެއްވި އެވެ.
ޕޮލިސީ ސެކްރެޓަރީގެ މަގާމަކީ، ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމެކެވެ.
އެ މަގާމަށް އައްޔަން ކުރެއްވި ހަމްދާނަކީ، ޕޮލިސީ ސްޓަޑީސްއިން ޑިގްރީ އަދި ޑިމޮކްރަސީ އާއި އިލެކްޝަންގެ ދާއިރާއިން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ހަމްދާން ވަނީ ޕްރޮޓޮކޯލް އެސިސްޓެންޓެއްގެ ގޮތުގައި ރައީސް އޮފީހުގައި މަސައްކަތް ކުރެއްވި އެވެ.
އޭގެއިތުރުން، އިނގިރޭސިވިލާތުގެ ހައިކޮމިޝަންގައި ވެސް މަސައްކަތް ކުރައްވާފައިވެ އެވެ.












