މިއަދަކީ ހާދަ ޒާތެއްގެ ދުވަހެކެވެ. އިއްޔެ ވެސް އަހަރެން ހުރީ އަވަށްޓެރި ބައެއް ގައުމުތަކުގެ ހާލަތު އަހަރެމެންނާ އަރާ ހަމަ ނުކުރާނެކަމަށް ގަބޫލުކޮށްގެން ޅޮސް އުނދޯއްޔެއްގައި، މޮޔަ ޒާތަކަށް ހިނިތުންވަމުން، ހެއްލާލަ ހެއްލާލަ އެވެ. އެހެން ނަމަވެސް ރޭގެ ނޫސްވެރިންގެ ބައްދަލުވުން ނުބާލާން ހުއްޓައި، ވައިބަރު ގްރޫޕްތަކާއި ޓްވިޓާ އިން ހާލަތުގެ ހަގީގަތް އަހަރެންނަށް އަންގައިދިނީ ރޮކެޓު ދުވެލީގަ އެވެ.
ހެނދުނު ހޭލައިގެން އެންމެ ފުރަތަމަ ހިތަށް އެރީ ގެއަށް ގުދަންކުރަން ޖެހިދާނޭ ސާމާނުގެ ލިސްޓެއް ހަދާށެވެ. ލިސްޓުގައި ދެ އައިޓަމް ނުޖެހެނީސް ސިއްސައިގެން ގޮސް ހަނދާންވީ ދަރިން ސްކޫލަށް ނުގެންދެވޭނޭކަމެވެ. ހަމަ އެ ނޭވާގައި ހާސްބޮޑުވެ، އަވަސް އަވަހަށް ފޯނަށް ބަލައިލެވުނީ ދޮށީ ދަރިފުޅުގެ ތެރަޕީ ސެންޓަރުގެ ވައިބަރު ގްރޫޕްގައި އޮތީ ކީކޭތޯ ބެލުމަށެވެ. މި ކަމެއްގައި މަޝްއޫލުވެގެން އިންދާ ހަނދާންވީ މިއަދަކީ އަހަރެން ކުރާ މަސައްކަތެއްގެ ސުންގަޑި ހަމަވާ ދުވަސްކަމެވެ. އެހެންނަމަވެސް މަސައްކަތް ކުރިއަށް ގެންދެވޭނޭ މިންވަރަކަށް ސިކުނޑި ހުސްކޮށްލާކަށް ފުރުސަތެއް ނުލިބުނެވެ. ލޮކްޑައުނެއްގެ ބިރުވެރިކަމާއި ނުތަނަވަސްކަމާއި ހާސްކަން އަނެއްކާ ތަޖުރިބާކުރާނޭ ހިތްވަރާއި ކެތްތެރިކަން، ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން އަހަރެންގެ ކިބައިގައި އެބަހުރިތޯ ކުރެވޭ ސުވާލުތަކުން ސިކުނޑި ފުރިފައިވާތީ އެވެ.
ދޮށީ ދަރިފުޅަކީ އޯޓިސްޓިކް ކުއްޖެކެވެ. ދުވަހުގެ ސައުވީސް ގަޑިއިރު ހަރުކަށި ތަރުތީބަކުން ތާވަލުކޮށްގެން ދިރިއުޅެން މަޖުބޫރުކުރުވާ މި ހާލަތުގައި އެ ތަވާލަށް އަންނަ ކޮންމެ ބުރުލަކީ އެތައް މަހެއްގެ ކުރިއެރުން ބޭކާރުކޮށްލާ ބަދަލަކަށް ވެގެންދަނީ މަދު ފަހަރަކު ނޫނެވެ. ދެން ހުރީ ގްރޭޑް ދޭއް ގައި ކިޔަވާ ކުއްޖެކެވެ. އެއް ގްރޭޑެއްގައި ދޮޅު އަހަރު ހޭދަވެ، ސްކޫލް ޓެކްސްޓް ފޮތްތަކުން ސަފުހާ ހުސްވެދަނީ ކުލާހުގައި ތިބި ހުރިހާ ކުދިންގެ ނަމާއި އެކުދިންގެ މޫނު ދިމާކުރަން ދަސްނުވެ ހުއްޓަ އެވެ. އަހަރެމެން ބޮޑެތި މީހުންވެސް ރަހުމަތްތެރިންނާ ދިމާނުވެ، ގާތްތިމާގެ މީހުންނާ ބައްދަލުނުވެ، ހަމައެކަނި ސޯޝަލް މީޑިއާއިން ފުއްދާލައިގެން މި ތިބެނީ، ކުރިއަށް ދެން އޮތީ އުޖާލާ ރާސްތާއެކޭ ހިތައިގެން، އެ ހުވަފެނުން ތަސައްލީ ހޯދައިގެންނެވެ. މިއީ އަދި މެދުފަންތީގެ އަހަރެމެން ކަހަލަ އާއްމުންގެ ޙާލަތެވެ.
މިދިޔަ އަހަރުގެ ލޮކްޑައުންގައި ވަޒީފާ ގެއްލުނު މީހުންގެ ހާލަކީ ކޮބައިބާވަ އެވެ؟ ކިހާ ފިކުރެއް ކުރެވޭނޭ ހެއްޔެވެ؟ ފަތުރުވެރިކަން ފަދަ ސިނާއަތްތަކުގައި ވަޒީފާ އަދާކުރަމުންދިޔަ މީހުންނަށް އަދި ކިރިޔާ ތިލައިގައި ފައި ބީއްސާލެވުނީ އެވެ. އަނެއްކާ ވެސް އެއޮށް ދިޔަވަރު ބޮޑުވީ އެވެ. ސިއްހީ ދާއިރާގެ ހިދުމަތްތެރިންނަށް އަދި ވެސް ހިންދަމާލާނޭ ފުރުސަތު ނުލިބެ އެވެ. ހިތްވަރުގެ މެސެޖަކުން ނުވަތަ ޝުކުރުގެ ލަވަޔަކުން އެ މީހުންނަށް ލިބޭނޭ ލުޔެއް ނެތެވެ.
މިހުރިހާ ހިޔާލެއް ކުރާއިރު ވެސް އަހަރެން އަމިއްލަ ނަފުސާ ވެސް ކުރަންޖެހޭ އެތައް ސުވާލެއް ވާކަން ހަނދާންކުރަން ޖެހެ އެވެ. މީގެ އެއް އަހަރު ކުރިން، ކޮވިޑަށް ޕޮޒިޓިވް މީހުންގެ އަދަދުން ދެ އަތުން ގުނާލެވޭހާ މަދު އިރު، ގެއަށް ގެންނަ ކޮންމެ މުދަލެއް ލައްފިލުވާ އާއި ސައިބޯނި ފެނުން ދޮވުނުގޮތަށް މިހާރު ނުދޮންނަނީ ކީއްވެގެން ހެއްޔެވެ؟ އިއްޔެގެ މެންދުރާ ހަމައަށް ވެސް، އީދު ބަންދަށް ދާނޭ ފިނޮޅެއް ލިބޭތޯ ބަލަބަލާ ހުރީ، އެޗްޕީއޭ އިން އެކްޓިވް ކޭސްތައް އެތައް ހާހުގައި އެބަވެޔޭ ބުނާ އަޑު ނީވިގެން ހެއްޔެވެ؟ މާސްކު އަޅާފައި ސެނިޓައިޒްކުރުމުން ފުދުނީ ކަމަށް ނިންމީ ބައްޔަށް ފައްސިވާ މީހުންގެ އަދަދު ދެނެގަނެ އެކަމަށް ސަމާލުވާން އަހަރެންގެ ސިކުނޑި ނުކުޅެދޭތީ ހެއްޔެވެ؟
މި ޒިންމާތައް އަދިވެސް އޭގެ ފުރިހަމަގޮތުގައި އަދާކުރަމުންދާ އެތަކެއް ބަޔަކު ވެސް ވާނޭކަމީ ކަށަވަރުކަމެކެވެ. އެހެން ނަމަވެސް، އަހަރެން ފަދަ، ފަރުވާކުޑަ ކިތައް ފަރުދުން މި ރާއްޖޭގައި ވާނެ ބާވަ އެވެ؟ ފަރުދީ ޒިންމާ ދެނެހުރެ، ފަރުދީ ޒިންމާ އޭގެ އެންމެ އަސާސީ ގޮތުގައި އަދާކުރުމުން ފުދުނީ ކަމުގައި ދުއް ކިތައް މީހުން ތިބޭނެބާވަ އެވެ؟ ހަމަ ގައިމުވެސް މި އަދަދު މަދު ނުވާނޭކަން، މާލޭ މަގުމައްޗަށް ނިކުތުމުން ޔަގީންވާނެ އެވެ. ގިނަ ބައެއްގެ މާސްކުތައް ދަތްދޮޅީގަ އެވެ. ފިހާރަތަކަށް މީހުން ވަންނަ ހުއްދަ އަދަދު ޖަހާފައިވާ ސްޓިކާތައް ހުންނަނީ ނަމެއްގަ އެވެ. މީގެ ހަ މަސް ދުވަސް ކުރިން އަތްދަބަހުގެ ވާގަނޑުގައި އެލުވި ދެ އިންޗީގެ ސެނިޓައިޒަރު ފުޅި އަދި ހުސްނުވެ އެވެ.
ޖަމާއަތެއްގެ ގޮތުގައި އަހަރެމެންނަށް މިހުރިހާ ކަމެއް "ވަރިހަމަ ވެގެން" ތިބެ، ނުފޫޒު ގަދަ ފަރާތްތަކުން އުފައްދަން ދޫކޮށްލި "ކްލަސްޓަރ"ތަކުގެ ޒިންމާ މިއަދު ނަގާނީ ކާކު ހެއްޔެވެ؟ މުވައްސަސާތަކުން ހެއްޔެވެ؟ ސިޔާސީ ލީޑަރުން ހެއްޔެވެ؟ އެއްކަލަ "ވަރިހަމަ ވެގެން" ތިބި އާބާދީގެ ފަރާތުން ހެއްޔެވެ؟ ނުވަތަ، މިއީ އިންސާނުންގެ ބާރު ނުފޯރާ ގުދުރަތީ ކަމެއް ކަމަށް ބުނެ، މި ޒިންމާއިން ވެސް އަހަރެމެން އަތްފޮޅާލަންވީ ހެއްޔެވެ؟
އަނެއްކާވެސް މި ދަނީ ލިސްޓު ތައްޔާރުކުރާށެވެ. މާލޭ ސަރަހައްދު ފުލް ލޮކްޑައުނަކަށް ހިނގައިދާނެކަމަށް ތައްޔާރުވުމުގެ ގޮތުން ގުދަންކުރަން ޖެހޭ ތަކެތީގެ ލިސްޓަށް، ކެތްތެރިކަމާއި، އީމާންތެރިކަމާއި، ހިތްވަރު އިތުރުކޮށްލާނަމެވެ.








