"ފަސް ވަރަކަށް ނަމްބަރަށް ވީމަ އައީމަ ރަނގަޅުވާނެ. ގޭޓު ކައިރިއަށް އައިސް ނަމްބަރު ދައްކާލީމަ ވައްދާނެ،" އެއީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފްލޫ ކްލިނިކްގައި ހުންނަ ކޮވިޑް-19 ވެކްސިން ސެންޓަރަށް ވަންނަ ގޭޓު ކައިރީގައި ހުރި އޮފިޝަލަކު ދިން އިރުޝާދެވެ.
މި ހިނގާ ރޯދަ މަސް ފެށުމުގެ ދެ ތިން ދުވަހުގެ ކުރިން، އޭރު ގާތްގަނޑަކަށް ފަޅަށް އޮތް ވެކްސިން ސެންޓަރުތައް ތޮއްޖެހުނީ ރޯދައިގެ ކުރިން ވެކްސިން ޖަހަން ނިޔަތް ގަތް މީހުންނާއެކު އެވެ. އަނެއް ބަޔަކު ކިޔޫއަށް އެރީ، ދެވަނަ ޑޯޒް ފުރިހަމަކޮށް އޭގެ ދެ ހަފްތާ ފަހުން ދަތުރުކުރުމަށް ލުއި ލިބޭނެކަމަށް ބުނުމުން، އީދަށް ރަށަށް ދިއުމުގެ ދަހިވެތި ކަމުގަ އެވެ.
ރޯދަ މަސް ފެށުމާއެކު ވެކްސިންދޭ ގަޑިތައް މަދުކޮށް ހަމައެކަނި ރޭގަނޑަށް ބަދަލުކުރަންޖެހުމާ އެކު ވެކްސިން ސެންޓަރުތައް ވަށާލައި ކިޔޫތައް ދަމައިލި އެވެ. އެތައް ސަތޭކަ މީހުންނާއެކު ވެކްސިން ސެންޓަރުތައް ތޮއްޖެހި، އެތަނުން ކްލަސްޓާއެއް އުފެދުމުގެ ބިރާއި ކަންބޮޑުވުން ބަންޑުންވި އެވެ.
އެ ޝަކުވާ ބޮޑުވެ، ގިނަ ބަޔަކު ގޮވާލަމުން ދިޔަ ގޮވާލުން އަޑުއިވިގެން، އޮންލައިންކޮށް ނަމްބަރު ނެގޭ ގޮތަށް އެޗްޕީއޭއިން ހަމަޖެއްސީ މިދިޔަ މަހުގެ 20 ވަނަ ދުވަހެވެ.
ދެވަނަ ޑޯޒް ޖަހަންޖެހޭ ދުވަސް ޖެހުނަސް އޭރު ނުގޮސް މަޑުކޮށްގެން ހުރީ ކިޔޫތަކުގެ ސައިޒް ފެންނާތީ އެވެ. އެހާ ވަގުތު ނެތުމުގެ އިތުރުން ރޯދަ މަހެއްގައި އެ ތަކުލީފު އުފުލަން ބޭނުންނުވާތީ އެވެ.
އޭޕްރީލް 26 ވަނަ ދުވަހު، ރޭގަނޑު 8.30 ހާއިރު ނަމްބަރެއް ނަގައިގެން ވެކްސިން ދޭން ފެށުމުގެ ކުރިން ޝައްކެއްގެ މަތީގައި ހުރެގެން އެތަނަށް ދިޔައީ ކަން ހިނގާ ގޮތް އޮޅުން ފިލުވުމަށެވެ.
ސެންޓަރު ދޮރުމަތިން ލިބުނު އިރުޝާދާއެކު ގެޔަށް ގޮސް "ކިޔުބީ" ދޭތެރެއަކުން ޗެކު ކުރަމުން ދިޔައީ ލިބުނު ނަމްބަރުގެ ކުރިއަށް ހަތް ވަރަކަށް ނަމްބަރަށް ޖެހެންދެނެވެ. އޮފިޝަލު ބުނި ވާހަކައަށް މުޅީން އިތުބާރު ނުކުރެވޭތީ ދެ ނަމްބަރު ކުރިއަށް ސެންޓަރަށް ދިޔައީ އެވެ.
އޭރު ވެސް ބަޔަކު ކިޔޫ ހަދައިގެން ތިއްބެވެ. އެކަމަކު ކުރިން ފެނުނު މަންޒަރުތަކާ ހިލާފަށް ކިޔޫގައި މީހުން މަދެވެ.
ކިޔޫ ފަޅާލަނީ ކަމަށް ހީކޮށްފައިނެތީ ވަރަށް ޖެހިލުންވެ ހުރެ، ކިޔޫ ކައިރިން އަޅާފައި ގޮސް ގޭޓު ކައިރިން ފޯނުގައި އިން ނަމްބަރު ދައްކާލުމާ އެކު އޮފިޝަލު ހަމަ ވިދާޅުވި ގޮތަށް އެތެރެއަށް ވެއްދި އެވެ.
ވެކްސިން ޖަހައިގެން އެ ރޭ ގެއަށް ދިޔައީ އެއް ގަޑިއިރު ހަމަވުމުގެ ކުރިންނެވެ.
ހުޅުމާލެ އެކަންޏެއް ނޫނެވެ. އޮންލައިންކޮށް ނަމްބަރު ނެގެން ފެށުމާއެކު މާލޭގެ ވެކްސިން ސެންޓަރުތަކުގައި ވެސް ކިޔޫތައް ވަރަށް ބޮޑަށް ކުޑަވި އެވެ. އެންމެން ވެސް ތިބީ ކިޔޫގެ މައްސަލަ ހައްލުވީކަމަށް ނިންމައިގެންނެވެ.
ކިޔޫ ކުޑަވިތަން އެޗްޕީއޭއަށް ނުފެނުނު
އެކަމަކު މި ހުރިހާ ކަމެއް އިންތިޒާމު ކުރާ އެޗްޕީއޭއަށް ފެނުނީ ތަފާތު މަންޒަރެކެވެ. މިދިޔަ ބުރާސްފަތި ދުވަހު އޮންލައިންކޮށް ނަމްބަރު ދޫކުރުން ހުއްޓާލި އެވެ. ސަބަބު އޮޅުންފިލުވުމުން އެޗްޕީއޭއިން ބުނީ އެގޮތަށް ނަމްބަރު ނަގަން ވަރަށް ތަރުހީބު ކުޑަ ކަމަށެވެ. އެހެންވެ، އޮންލައިންކޮށް ނަމްބަރު ދޫކުރަމުން ގެންދިޔުމުގެ މާބޮޑު ބޭނުމެއްނެތީ އެވެ.
އެ ނިންމުމުގެ ހިކުމަތެއް ވިސްނައިނުގަނެވިގެން އުޅެނިކޮށް، އަނެއްކާވެސް ކިޔޫތަކުގައި މީހުން ތޮއްޖެހެން ފެށި އެވެ. ކުރިއަށް ވުރެ ވެސް ކިޔޫތައް ދިގުވެ، އެންމެ ފަހުން އެތައް ގަޑިއިރެއް ކުރިން މީހުން ސެންޓަރުތަކުގެ ދޮށަށް ޖަމާވެ އެވެ. ރޯދަ ވެސް ނުވީއްލައި، ކިޔޫގައި ޖެހެނީ ރޭގަނޑު 9:00 ޖަހާއިރު ދޭން ފަށާ ވެކްސިން ލިބުމުގެ ވީއެންމެ އަވަހަކަށް ހޯދުމުގެ ބޭނުމުގަ އެވެ.
އެތައް ގަޑިއިރެއް މަޑުކުރަންޖެހި، މީހުންގެ ރުޅިގަނޑު ފަޅައިގެންގޮސް، ރޭ ހުޅުމާލެ ފްލޫ ކްލިނިކް ދޮށުގައި ކިޔޫގައި ތިބި ބަޔަކު ވަނީ އަޑުގަދަކޮށް، ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ވެސް ހިންގައިފަ އެވެ.
ހާލަތު އެ ހިސާބަށް ދިޔައިރު ވެސް ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވެސް ވިދާޅުވީ އޮންލައިންކޮށް ނަމްބަރު ދޫކުރުން ހުއްޓާލީ، ނަމްބަރު ނެގުމަށްފަހު މީހުން ނައިސް، ނަމްބަރުތައް ބޭކާރުވަމުންދާތީ ކަމަށެވެ.
ރާއްޖޭގައި ބަލި ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެ، ފެތުރުން ކޮންޓްރޯލްކުރަން އަނެއްކާވެސް ވަރުގަދަ ފިޔަވަޅުތަކެއް އިއުލާނު ކުރުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު އެކަން ސާފުކޮށްދެއްވަމުން ގެންދެވި ވަގުތު، ހުޅުމާލޭ ފްލޫ ކްލިނިކަށް ވެކްސިން ޖަހަން ގޮސް ހުރި އަންހެނަކު ހުރީ ކިޔުގަ އެވެ.
އެއް އަހަރު ނުފުރޭ ތުއްތު ކުއްޖެއްގެ މަންމަ އަރަންޖެހުނީ ފްލޫ ކްލިނިކުން ފެށިގެން ގޮސް ހުވަނދުމާ ހިނގުމާ ހަމައަށް ދިގުލާފައި އޮތް ކިޔުއަށެވެ. ގާތުން ދޭ ކުއްޖެއް އޮތަސް، ކިޔޫގައި ޖެހެން ނުޖެހެނީ ހަމައެކަނި އުމުރުން ދުވަސް މީހުން ކަމަށް ބުނުމުން އޭނާ މަޑުކޮށްގެން ހުރީ އެވެ.
އެތައް އިރަކު ކިޔޫގައި މަޑުކޮށްގެން ހުރެފައި އޭނާ އެންމެ ފަހުން ގެޔަށް ދިޔައީ އެތަނުގައި އަޑުގަދަކޮށް ހަމަނުޖެހުން ހިންގަން ފެށުމުންނެވެ. ގައިދުރުކަމެއް ނެތި މީހުން ފިތިގެން، ކޮށްޕަން ފެށުމުން ގަންނާ ކުރެއްވި ބިރުންނެވެ. އަދި އެހާއިރު މަޑުކުރުމަށްފަހު ގެޔަށް ދާންޖެހުނީ ވެކްސިން ވެސް ނުޖެހި އެވެ. އޭނާ ހިތު އަޅައިގެން ހުރީ ނަސީބު ލައްވާލާތޯ މިރޭ އަނެއްކާވެސް ކިޔޫއަށް އެރުމަށެވެ.
ނަމަވެސް، މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ޖެހުން މިހާރު ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ. ކިޔޫގެ މައްސަލާގައިވެސް ވެކްސިން ހުސްވެގެން އުޅޭކަމުގެ އަޑުތައް ފެތުރުނު ނަމަވެސް، އެކަން އެޗްޕީއޭއާއެކު ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް ސާފުކޮށް ދޮގުކުރެއްވި އެވެ. ވިދާޅުވީ ވެކްސިން ޕްރޮގްރާމް މެދުކަނޑާލަން ނުޖެހޭ ވަރަށް ވެކްސިން އެބަހުރި ކަމަށާއި، އެއަށް ވުރެ ގިނައިން އަދި ރާއްޖެއަށް އަންނަ ވެސް ހުރި ކަމަށެވެ.
އެންމެ ފަހުން ވެކްސިން ސްޓޮކް މަދުކަމަށް މަބްރޫކު ރޭ އެއްބަސްވެވަޑައިގެންނެވި ފަހުން، މިއަދު އެޗްޕީއޭއިން ކޮވިޝީލްޑް ހުއްޓާލާފައިވަނީ އިތުރު ވެކްސިން ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ ކަމަށް ބުނެ އެވެ.
ކަން ހިނގާ ދިޔައީ އޭރު ވެސް ލަފާ ކުރެވުނު ގޮތަށެވެ. ވެކްސިން ކިޔޫތަކަށް ބާރުބޮޑުވެގެން އުޅުނީ ޑިމާންޑާ އެއްވަރަށް ސަޕްލައި ނެތިގެންނެވެ. އެންމެ ގިނަ ބަޔަކު ފުރަތަމަ ޑޯޒް ޖަހައިގެން ތިބި ކޮވިޝީލްޑް ވެކްސިން ތާށިވެގެންނެވެ.
އެއާއެކު ބޭންކުތަކާއި، ޕޯސްޓް އޮފީހާއި ހޮސްޕިޓަލުތަކުގައި ވެސް އާއްމުކޮށް ބޭނުންކުރާ އަދި އާންމުންގެ ވެސް ގިނަ ބަޔަކު ފަރިތަ "ކިޔުބީ" އިން ނަމްބަރު ނަގައިގެން ހަދަންވީ ގޮތެއް ނޭނގިގެން، ނަމްބަރުތައް ބޭކާރުވިކަމަށް ބުނި ވާހަކަ ދެކޮޅެއް ނުޖެއްސުނީ އެވެ.








