ޕެރިސް (މެއި 3) - ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ އެ ޓީމާ އެކު އާ ކޮންޓްރެކްޓެއްގައި ސޮއިކުރާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ޕީއެސްޖީގެ އޮފިޝަލަކާ ހަވާލާދީ ފްރާންސްގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.
ދާދިފަހުން އީއެސްޕީއެން އިން ވަނީ އުމުރުން 29 އަހަރުގެ ނޭމާ އިތުރު ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ޕީއެސްޖީއާ އެކު ސޮއިކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ. އެކަމަކު ފްރާންސްގެ ނޫސްތަކުން އޭރު ވެސް ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.
ޕީއެސްޖީގެ އޮފިޝަލަކާ ހަވާލާދީ ފްރާންސް ފުޓްބޯލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ނޭމާ ވަނީ އާ ކޮންޓްރެކްޓެއްގައި ސޮއިކުރުމުގެ ކަންތައްތައް މި ސީޒަން ނިމެންދެން މަޑުޖައްސާލަން އެދިފަ އެވެ. ނޭމާގެ އެދުމާ އެއްގޮތަށް ޕީއެސްޖީން އަމަލުކުރަން ނިންމާފައިވާއިރު، ސްޕެއިނުގެ ނޫސްތަކުން މި ހަފްތާގައި ވަނީ ނޭމާ އަލުން ބާސެލޯނާ އިން ފެނުމުގެ ކޮންމެ ވެސް ވަރެއްގެ ފުރުސަތެއް އެބައޮތް ކަމަށް ބުނެފަ އެވެ.
ނޭމާ ޕީއެސްޖީއާ އެކު މި ވަގުތު ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނޭމާގެ މުސްތަގުބަލާ ބެހޭގޮތުން ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު ލިއޮނާޑޯއާ ބްރެޒިލް ނޫހަކުން ކުރި ސުވާލަކަށް ސީދާ ޖަވާބެއް ދޭން އޭނާ ވަނީ ދެކޮޅު ހަދައިފަ އެވެ.
"ނޭމާގެ ފޯކަސް މި ވަގުތު ހުރި މި ސީޒަނުގެ ބާކީ މެޗުތަކަށް،" ލިއޮނާޑޯ ބުންޏެވެ.
ނޭމާ ބުނީ އޭނާ މި ވަގުތު ފޯކަސް ހުރީ އަންގާރަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުން ޕީއެސްޖީ މޮޅުކޮށްދޭން ކަމަށެވެ.
"އަހަރެން ދަނޑުމަތީގައި މަރުވާން ޖެހުނަސް އެކަން ކޮށްގެން ވެސް ސިޓީ އަތުން ޕީއެސްޖީ މޮޅުކޮށްދޭން ބޭނުން،" ނޭމާ ބުންޏެވެ.
ބާސެލޯނާ އިން 2015 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޓީމުގައި ނޭމާ ހިމެނެ އެވެ. އޭގެ އެއް އަހަރު ފަހުން ޗެމްޕިއަންސް ލީގުގެ 2016-2017 ވަނަ އަހަރުގެ ސީޒަނުގެ ދެ ވަނަ ބުރުގައި ބާސެލޯނާ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުގެ މެޗުގެ ފަހު އަށް ވަރަކަށް މިނިޓް ތެރޭ ތިން ގޯލު ޖަހައި 6-1 އިން މޮޅުވެގެން ބާސެލޯނާ ވަނީ މުބާރާތުގެ ކުއާޓާ އިން ފުރުސަތު ހޯދައިފަ އެވެ. އެ ފަހަރު ޕީއެސްޖީ ކަޓުވާލުމުގައި ބާސެލޯނާގެ ތަރި އަކީ ނޭމާ އެވެ.
އެ ސީޒަނަށް ފަހު ނޭމާ ވަނީ ދުނިޔޭގެ ރެކޯޑް އަގަކަށް (222 މިލިއަން ޔޫރޯ އަށް) ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވެފަ އެވެ. ޕީއެސްޖީން މި ފަހަރު ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ވަނީ ބާސެލޯނާ ކަޓުވާލައިފަ އެވެ. އަނިޔާގެ ސަބަބުން ނޭމާ އެ މެޗުގައި ނުކުޅެ އެވެ.












