ރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވުމާ ގުޅިގެން، ފިޔަވަޅުތައް ހަރުކަށިކޮށް އަނެއްކާވެސް ސަރުކާރުގެ އޮފީސްތައް ބަންދުކޮށް، މާލޭ ސަރަހައްދުގައި ކާފިއު ހިންގައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްއީއޯސީ)ން އާއްމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މާލެ ހިމެނޭ ގޮތުން މުޅި ރާއްޖޭގެ ކޮވިޑުގެ ހާލަތު އޮތީ މި ބަލިމަޑުކަން ރާއްޖޭން ފެނުނު ފަހުން، ނުވެއްޓޭހާ ގޯސް ހާލަތެއްގަ އެވެ.
އެގޮތުން، މިއަދުގެ އިރުއޮއްސި ހަޔަކާ ހަމައަށް 585 މީހުންނަށް އަލަށް ބަލިޖެހިފައިވެ އެވެ.
މިއީ އެއް ދުވަހެއްގެ ތެރޭގައި ބަލި ޖެހުނު މީހުންގެ ރެކޯޑެއް ކަމަށްވާއިރު، ފާއިތުވި ދެ ދުވަހު ވެސް އަލަށް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 500 ހުރަސްކޮށްފަ އެވެ.
އަތޮޅުތަކުގައި ވެސް ބަލި ފެތުރުން އިތުރުވެފައިވާތީ ޒަރޫރީ ބޭނުންތަކުގައި ފިޔަވައި އެއް ރަށުން އަނެއް ރަށަށް ދަތުރު ނުކުރަން ވަނީ އެޗްޕީއޭ އިން ރޭ ވަނީ އަންގައިފަ އެވެ.

ނަމަވެސް، ބަލީގެ ހާލަތު ދުވަހެއް ދުވަހަކުން ގޯސްވަމުން އަންނަ އިރު، މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވަނީ ބަލި ފެތުރުން ކޮންޓްރޯލްކުރަން އަންނަ ބުދަ ދުވަހުން ފެށިގެން އަޅަން ނިންމާފައިވާ އިތުރު ފިޔަވަޅުތައް އިއުލާނުކުރައްވައިފަ އެވެ.
މިގޮތުން، ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް 10 ދުވަހުގެ މުއްދަތަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވައި ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ އިތުރުން އޮންލައިކޮށް ހިދުމަތް ދިނުމަށް ވަނީ އަންގައިފަ އެވެ.
އަދި ހަމަ އެ މުއްދަތަށް ސްކޫލްތައް ވެސް ބަންދުކޮށް، އިމްތިހާންތައް ފިޔަވައި އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
މީގެ އިތުރުން، ބުދަ ދުވަހުން ފެށިގެން ދަންވަރު 12:00 އިން ފެށިގެން ފަތިހު 4:00 އާ ހަމައަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން ވެސް މަނާވާނެކަމަށް މިރޭ ވަނީ އިއުލާނުކޮށްފަ އެވެ.
ރޯދަ މަހާ ދިމާކޮށް މިސްކިތްތަކުގައި އެޅި ފިޔަވަޅުތައް ލުއިދީފައި އޮތުމަށްފަހު، ބުދަ ދުވަހުން ފެށިގެން ގައިދުރުކޮށް ނަމާދު ކުރުން ވަނީ އިޔާދަކޮށްފަ އެވެ.
ބުދަ ދުވަހުން ފެށިގެން އަޅާ ފިޔަވަޅުތައް
- ސަރުކާރު އޮފީސްތައް ބަންދުކުރުން
- ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައި ދިނުން
- ޕާކުތަކާއި، ކުޅިވަރު ދަނޑުތަކާއި، ސްވިމިން ޓްރެކުތައް ބަންދުކުރުން
- މިސްކިތްތަކުގައި މާސްކު އެޅުމާއެކު ނަމާދު ކުރާއިރު ގައިދުރުކަން ބެހެއްޓުން
- ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް މެނުވީ ރަށްރަށަށް ދަތުރުކުރުން ހުއްޓާލުން
- ވެކްސިން ފުރިހަމަ ކުރުމުން ދަތުރުކުރުމަށް ދީފައިވާ ލުއި މެދުކަނޑާލުން
- އިންޑިއާ އިން އަންނަ ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑާސް 14 ދުވަހަށް ކަރަންޓީނުވުން
ރާއްޖޭގައި ކޮވިޑުގެ ހާލަތު އެއްވަރެއްގައި ހިފެހެއްޓުމަށް ފަހު މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދު އިތުރުވާން ފެށީ އޭރު އަޅާފައިހުރި ގިނަ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު އެވެ.
އެ ހާލަތުގައި އޮއްވައި އިންތިހާބާ ގުޅިގެން، ހާއްސަ އިންތިޒާމަކާ އެކު ރަށްރަށަށް ދާން ވެސް ހުޅުވާލައި ފިޔަވަޅުތައް އިތުރަށް ލުއިކުރި އެވެ.
އަތޮޅު ތެރެއަށް އަމާޒުކޮށްގެން ހާއްސަ ފިޔަވަޅުތަކެއް
ނަމަވެސް، ބުދަ ދުވަހުން ފެށިގެން އަތޮޅު ތެރޭގައި ބަލި ފެތުރުން ކޮންޓްރޯލްކުރަން މިރޭ ވަނީ ބައެއް ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ.
މިގޮތުން، ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް މެނުވީ މީހުން ދިރިއުޅޭ ރަށްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްތަކަށް ދަތުރުކުރުން ހުއްޓާލަން ވަނީ އަންގައިފަ އެވެ.
އަދި ކޮވިޑް-19 އިގެ ވެކްސިން ފުރިހަމަ ކުރުމަށްފަހު 14 ދުވަހުގެ މުއްދަތަށްފަހު ރަށްރަށަށް ދަތުރުކުރުމަށް މީގެ ދޭން ނިންމާފައިވާ ލުއި މެދުކަނޑާލެވިފައިވާކަމަށް އެޗްޕީއޭއިން މިރޭ ބުންޏެވެ.
މީގެ އިތުރުން، މިހާރު މުޅި ދުނިޔޭގައި ބަލި އެންމެ ބޮޑަށް ފެތުރެމުންދާ އަވަށްޓެރި އިންޑިއާ އިން ރާއްޖެ އަންނަ މީހުންނާމެދު އަޅާފައިވާ ފިޔަވަޅު ވެސް މިރޭ ވަނީ އިތުރަށް ހަރުކަށިކޮށްފަ އެވެ.
މިގޮތުން، އިންޑިއާ އިން އަންނަ ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑާސް 14 ދުވަހަށް ކަރަންޓީނުވުމަށްފަހު، ޕީސީއާރު ޓެސްޓު ހަދަންޖެހޭ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
ހާލަތު ވަރަށް ގޯސް
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މާލޭގައި ވެސް ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށެވެ. އަދި މި މިސްރާބުގައި ބަލީގެ ހާލަތު ގޯސްވަމުންދާނަމަ، ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަންޖެހިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިގޮތަށްދާނަމަ ރާއްޖޭގައި ވެސް ހޮސްޕިޓަލުތައް ފުރި، މިއަށް ވުރެ މާ ހިތާވެރި ދުވަހެއް ދެކެން ޖެހިދާނެ،" މަބްރޫކު ވިދާޅުވި އެވެ.
މާލެ ހިމެނޭ ގޮތުން ރަށްރަށުގެ ހާލަތު ގޯސްވިއިރު، ފިޔަވަޅުތައް ލުއިކޮށްގެން ތިބުމުގެ ކަންބޮޑުވުން ގިނަ ބަޔަކު ދިޔައީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.
އެކަމަކު މިކަމުގައި އޮތް އެންމެ ރަނގަޅު ހައްލަކީ ބަލިން ރައްކާތެރިވާން އެޗްޕީއޭ އިން ދީފައިވާ އިރުޝާދުތަކަށް ބޯލެނބުން ކަން ސިއްހީ ދާއިރާ އިން ވަނީ ތަކުރާރުކޮށް ހަނދާންކޮށްދީފަ އެވެ.
ކައުންސިލް އިންތިހާބަށް ފިޔަވަޅުތައް ލުއިކުރި ފަހުން ގައިދުރު ކަމެއް ނެތި ތަންތަނަށް އެއްވެ އުޅުމާއި އަތްދޮވުމާއި މާސްކް އެޅުން ފަދަ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް މާބޮޑު ސަމާލުކަމެއް ނުދޭ މީހުން ގިނަ އެވެ. ފިހާރަތަކާއި ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތަކުން ވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ތަބައެއް ނުވެ އެވެ.













