ކޮވިޑް ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް ހަރުދަނާކުރަން މިއަދު މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްއީއޯސީ)ން ރޭ އާއްމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި މާލެ ހިމެނޭ ގޮތުން މުޅި ރާއްޖޭގެ ކޮވިޑުގެ ހާލަތު އޮތީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. މާލެ އިން އެކަނި އިއްޔެ 276 މީހުން ޕޮޒިޓިވްވެފައިވާ އިރު މިއީ ބަލި ފެތުރިފައި އޮތް މިންވަރުގެ ނުރައްކާތެރި އިންޒާރެކެވެ.
އަތޮޅުތަކުގައި ވެސް ބަލި ފެތުރުން އިތުރުވެފައިވާތީ ޒަރޫރީ ބޭނުންތަކުގައި ފިޔަވައި އެއް ރަށުން އަނެއް ރަށަށް ދަތުރު ނުކުރަން ވަނީ އެޗްޕީއޭ އިން އަންގައިފަ އެވެ.
ރާއްޖެ ކޮވިޑުގެ ތިން ވަނަ ރާޅެއްގައި އޮވެ ހާލަތު ސީރިއަސްވެފައިވާތީ، ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑުގެ އަދަދުތައް އިންތިހާއަށް މަތިވަމުން ދިއުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

މި ބަލިން އަރައިގަތުމަށް ރާއްޖޭގައި މިހާތަނަށް އަޅާފައި ހުރި ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދެއްވަން އެމަނިކުފާނު އެދިވަޑައިގަތެވެ.
ރާއްޖޭގައި ކޮވިޑުގެ ހާލަތު އެއްވަރެއްގައި ހިފެހެއްޓުމަށް ފަހު މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެ ހާލަތުގައި އޮއްވައި އިންތިހާބާ ގުޅިގެން، ހާއްސަ އިންތިޒާމަކާ އެކު ރަށްރަށަށް ދާން ވެސް ހުޅުވާލައި ފިޔަވަޅުތައް ލުއިކުރި އެވެ.
މާލެ ހިމެނޭ ގޮތުން ރަށްރަށުގެ ހާލަތު ގޯސްވިއިރު، ފިޔަވަޅުތައް ލުއިކޮށްގެން ތިބުމުގެ ކަންބޮޑުވުން އޮތެވެ. އެކަމަކު މިކަމުގައި އޮތް އެންމެ ރަނގަޅު ހައްލަކީ ބަލިން ރައްކާތެރިވާން އެޗްޕީއޭ އިން ދީފައިވާ އިރުޝާދުތަކަށް ބޯލެނބުން ކަން ސިއްހީ ދާއިރާ އިން ވަނީ ތަކުރާރުކޮށް ހަނދާންކޮށްދީފަ އެވެ.
ކައުންސިލް އިންތިހާބަށް ފިޔަވަޅުތައް ލުއިކުރި ފަހުން ގައިދުރު ކަމެއް ނެތި ތަންތަނަށް އެއްވެ އުޅުމާއި އަތްދޮވުމާއި މާސްކް އެޅުން ފަދަ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް މާބޮޑު ސަމާލުކަމެއް ނުދޭ މީހުން ގިނަ އެވެ. ފިހާރަތަކާއި ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތަކުން ވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ތަބައެއް ނުވެ އެވެ.
މިއީ، ހާލަތު ގޯހުން ގޯހަށް ހިނގައިދާނެ ކަމެއް ކަމުގެ އިންޒާރު ސިއްހީ މާހިރުން އައީ ދެމުންނެވެ.












