މީގެ 14 އަހަރު ކުރިން މި ދުވަހެވެ. ފާހަގަ ކުރަމުން ދިޔައީ ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. ރައީސަކަށް ހުންނެވީ މައުމޫން އަބްދުލްގައްޔޫމެވެ. އޭރު ރާއްޖޭގައި ނެރެމުން އައީ މިނިސްޓަރު މުހައްމަދު ޒާހިރު ހުސެއިންގެ "ހަވީރު" ނޫހާއި މިނިސްޓަރު އަހުމަދު އަބްދުﷲގެ "މިއަދު" ނޫހާއި ރައީސްގެ ޅިޔަން ބޭފުޅެއް ކަމަށްވާ އައްބާސް އިބްރާހިމްގެ "އާފަތިސް" ނޫހެވެ. ޓީވީއަކަށް އޮތީ ދައުލަތުން ހިންގާ ޓީވީ މޯލްޑިވްސް އެވެ. ރޭޑިއޯއަކަށް އޮތީ ދައުލަތުގެ ދިވެހިރާއްޖޭގެ އަޑެވެ. ދެން އޮތީ ތޮށިގަނޑު ފަޅާލައި ނިކުންނަން ހިފާފައި އޮތް "މިނިވަން" ނޫހެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަން ރައީސް މައުމޫން ތައްޔާރުވެވަޑައިގެންނެވިއިރު، އެ ތަނުގައި ހުރި "މިނިވަން" ނޫހުގެ ފޮޓޯޖާނަލިސްޓް އަހުމަދު ރިފާ ވެސް ދިޔައީ ކަމަކަށް ތައްޔާރުވަމުންނެވެ. މައުމޫން ވާހަކަފުޅު ދައްކަވަން ފެށުމުގެ ކުރިން ރިފާ ނެގީ ބުރިސިލް ބޯޑުތަކެކެވެ. ވަގުތުން ބޯޑުތައް ދެން ތިބި މުވައްޒަފުންނަށް ބަހާލައި އޭގައި ޝުއޫރުތަކެއް ލިޔުނެވެ. އަދި ރައީސް ވާހަކަ ދައްކަވަން ފެއްޓެވުމާއެކު ރިފާ އާއި އޭނާގެ ބައިވެރިން އިހުތިޖާޖަށް ތެދުވެ ބޯޑުތައް ހިއްލައިލި އެވެ.
"އެއީ ނޫސްވެރިންނަށް ވަރަށް ބިރުވެރި ދުވަސްވަރެއް. މިނިވަން ނޫހުގެ ފަސް މީހުންނަށް އޭރު ވެސް ދައުލަތުން އޮތީ ދައުވާތަކެއް އުފުލައިފައި. އޭރު ނޫސްވެރިންނަކީ ވަރަށް ބިރުން ތިބި ބައެއް. އަހަރުމެން ބޭނުންވީ އެކަމަށް ސްޓޭންޑެއް ނަގަން،" އެކަން ހިނގި އިރު އުމުރުން އެންމެ 21 އަހަރުގެ ރިފާ ކިޔައިދިނެވެ.
މިނިވަން ނޫސްވެރިކަމަށް ރާއްޖެ މިއީ އާ ގައުމެކެވެ. ޒަމާން ދައްކުވައިދީފައިވާ ހަގީގަތީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަކީ ގައުމުގެ ވެރިން ގަޔާވާ ހައްގެއް ނޫން ކަމެވެ. ކޮމިޓީ ޓު ޕްރޮޓެކްސް ޖާނަލިސްޓްސް (ސީޕީޖޭ) ތަފާސް ހިސާބުތަކަށް ބަލާއިރު މައުމޫނުގެ 30 އަހަރުގެ ވެރިކަމުގައި 17 ނޫސްވެރިއަކު ލިޔުނު ލިޔުމަކާ ގުޅިގެން ވަނީ ޖަަލަށްލައިފަ އެވެ. ހަގީގީ ހިސާބު މިއަށް ވުރެ ގިނަވާނެ ކަމަށް ބެލެވެ އެވެ.
ރައީސް މައުމޫން މި ގައުމުގައި ވެރިކަން ކުރެއްވިފަހުން މިހާރު 13 އަހަރު ވަނީ އެވެ. މައުމޫނަށް ފަހު ވެރިކަމަށް ވަޑައިގެންނެވީ ނޫސްވެރިކަން ކުރައްވައިގެން އެތަކެއް ފަހަރު ޖަލަށްލެވުނު މުހައްމަދު ނަޝީދެވެ. އެމަނިކުފާނުގެ ފަހުން މިހާރު މިގައުމުގައި ހަތަރު ރައީސަކު ވެރިކަންކޮށްފި އެވެ. ތިރީގައި މި ބަލާލަނީ އެ ރައީސުންގެ ވެރިކަމުގައި ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރެވެ.
މުހައްމަދު ނަޝީދު (ނޮވެމްބަރު، 2008 - ފެބްރުއަރީ، 2012)
ރައީސް މައުމޫންގެ ވެރިކަމުގެ ފަހުކޮޅު 2007 ގައި ނޫސްވެރިކަމުގެ މިނިވަންކަން ގައުމުތަކުގައި އޮތް މިންވަރު ބަލާ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އޮތީ 129 ވަނައިގަ އެވެ. ރާއްޖޭގެ ފަހަތަށް އޮތީ ގެމްބިއާ އާއި ސޫދާނާއި ޔަމަނު ފަދަ ގައުމުތަކެވެ.
ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވި ފަހުން 2009 ވަނަ އަހަރު ނެރުނު ޕްރެސް ފްރީޑަމް ރިޕޯޓުގައި ރާއްޖެ އޮތީ 52 ވަނައިގަ އެވެ. ކުރު މުއްދަތެއްގައި މިއީ ހައިރާންވާހާ ކުރިއެރުމެކެވެ.
ޖެހިގެން އައި އަހަރު ވެސް ރާއްޖެ އޮތީ 52 ވަނައިގަ އެވެ. އެކަމަކު 2011 ވަނަ 73 ވަނައަށް ރާއްޖެ ވެއްޓުނެވެ. މައްސަލައަކަށްވީ ސަރުކާރުގެ އިދާރާތަކާއި ދީނީ އިލްމުވެރިން ނޫސްވެރިންނަށް ބިރު ދެއްކުމާއި އަބުރާ ބެހުމަކީ ޖިނާއީ ކުށަކަށް ހަދަން އުޅުމެވެ. ރައީސް ނަޝީދު ވެރިކަމުގައި ހުންނަވަނިކޮށް އިތުރު ރިޕޯޓެއް ނެރެފައެއް ނުވެ އެވެ.
ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު (ފެބްރުއަރީ، 2012 - ނޮވެމްބަރު, 2013)
ރައީސް ވަހީދުގެ ވެރިކަމަށް އަހަރެއްވީއިރު 2013 ގައި ނެރުނު ޕްރެސް ފްރީޑަމް ރިޕޯޓުގައި ރާއްޖެ އޮތީ 103 ވަނައިގަ އެވެ. އެއީ 30 ދަރަޖައިގެ ވެއްޓުމެކެވެ. އޭގެ މައިގަނޑު ސަބަބަކަށްވީ ނޫސްވެރިންނަށް އެކިއެކި ފަރާތްތަކުން ބިރު ދެއްކުމާއި އިންޒާރު ދިނުން އިތުރުވުމެވެ.
ރައީސް ވަހީދުގެ ދައުރުގައި އިދިކޮޅުން ކުރި މުޒާހަރާތަކުގެ ތެރެއިން ވެސް ނޫސްވެރިން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ބްލޮގަރު ހިއްލަތު ރަޝީދު ގަތުލުކޮށްލަން 2013 ގައި މީހަކު މަސައްކަތްކޮށްފައިވެ އެވެ.
ރައީސް އަބްދުﷲ ޔާމީން (ނޮވެމްބަރު، 2013 - ނޮވެމްބަރު، 2018)
ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ އަހަރު 2014 ގައި ނެރުނު ރިޕޯޓުގައި ރާއްޖެ އޮތީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ފަސް ދަރަޖަ ފަހަތުގައި 108 ވަނައިގަ އެވެ.
އޭގެ ފަހުން 2015 އަހަރު އަނެއްކާ ހަތަރު ދަރަޖަ ފަހަތަށް 112 ވަނަ އަށް ރާއްޖެ ޖެހިލި އެވެ. އޭގެ މައިގަނޑު ސަބަބަކީ ނޫސްވެރިޔާ އަހުމަދު ރިލްވާނު 2014 ވަނަ އަހަރު ވަގަށް ނެގުމެވެ. މުޅި ދިވެހިރާއްޖެގެ ތާރީހުގައި ވެސް އެއީ ކަޅު އަނދިރި އަހަރެކެވެ. މިފަދަ ގޮތަކަށް، ކިޑްނެޕުކޮށްފައި އޮތް އިރު، އެކަން ކުރި މީހުން ދޫކޮށްލައިގެން ތިބި ޒަމާނެއް ރާއްޖޭގެ ތާރީހު ދެކިފައެއް ނުވެ އެވެ.
ރިލްވާނު ވަގަށް ނެގުމުގެ އިތުރުން ވެސް މީޑިއާތަކަށް އައީ ވަރަށް ބޮޑެތި ބިރުވެރިކަން ކުރިމަތިވަމުންނެވެ. ގޭންގުތަކުގެ ވާހަކަ ދައްކާ ކަމަށް ބުނެ 15 ނޫސްވެރިއަކަށް ވަނީ ބަޔަކު އެސްއެމްއެސްއަކުން ވަނީ ބިރު ދައްކައިފަ އެވެ. އަދި ގޭންގް ލީޑަރެއް ކަމަށް ބުނާ މީހަކު ވަނީ މިނިވަން ނޫހުގެ ދޮރަށް ކަތިވަޅިއެއް ވެސް ޖަހައިފަ އެވެ.
އޭގެ އަނެއް އަހަރު 2016 ގައި ވެސް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އޮތީ 112 ވަނައިގަ އެވެ. މިއަހަރަކީ ކޯޓުތައް މެދުވެރިކޮށް ރާއްޖޭގައި އެންމެ ދުވަސްވީ "ހަވީރު" ނޫސް ހުއްޓުވާލި އަހަރެވެ. ލިޔުނު ހަބަރަކާ ގުޅިގެން "ސީއެންއެމް" ބަންދު ކުރަންޖެހުނެވެ. އަދި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ނެތިގެން އެ އަހަރު މުޒާހަރާ ކުރި 16 ނޫސްވެރިއަކު ހައްޔަރު ކުރި އެވެ.
އަބުރާ ބެހުމަކީ ކުށެއް ކަމަށް ހަދައި އޭގެ ދަށުން ރާއްޖެ ޓީވީ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރީ ވެސް ހަމަ އެ ދުވަސްވަރުގަ އެވެ.
ޖެހިގެން އައި އަހަރު އަނެއްކާ ވެސް ފަސް ދަރަޖަ ފަހަތަށް ރާއްޖެ ވެއްޓި ގިންތި ޕްރެސް ފްރީޑަމް އިންޑެކްސްގައި ގިންތިކޮށްފައި އޮތީ 117 ވަނައިގަ އެވެ. އެއީ ބްލޮގަރު ޔާމީން ރަޝީދު ހިޔާލުފާޅުކުރާތީވެ އޭނާ މަރާލި އަހަރެވެ.
އޭގެ ފަހުން 2018 ވަނަ އަހަރު ރާއްޖެ އޮތީ 120 ވަނަ އަށް ވެއްޓިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ނޮވެމްބަރު، 2018 -)
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ އަހަރުގައި ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އޮތީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. ސޯލިހުގެ ވެރިކަމުގައި 2019 ގައި ނެރުނު ރިޕޯޓުގައި ރާއްޖެ އޮތީ 98 ވަނައިގަ އެވެ. އެއީ އޭގެ ކުރީ އަހަރާ ބަލާއިރު 22 ދަރަޖައިގެ ކުރިއެރުމެކެވެ. އަބުރާ ބެހުމުގެ ގާނޫނު އުވާލުމަކީ ކުރިއެރުން ލިބުނު ބޮޑު ސަބަބެކެވެ.
ޕެންޑެމިކުގެ އަހަރު 2020 ގައި ރާއްޖެ އޮތީ 79 ވަނައިގަ އެވެ. މިއަހަރު ނެރުނު ރިޕޯޓުގައި ރާއްޖެ އޮތީ 72 ވަނައިގަ އެވެ. އެކަމަކު ވޭތުވެދިޔަ ދިޔަ ތަނުގައި ނޫސްވެރިންނަށް ލިބިފައިވާ ގެއްލުންތަކަށް އަދިވެސް ތަސައްލީއެއް ނުލިބެ އެވެ. ގެއްލުވާލި ނޫސްވެރިޔާ އަހުމަދު ރިލްވާނާއި މަރާލި ނޫސްވެރިޔާ ޔާމީން ރަޝީދަށް އަދިވެސް އިންސާފެއް ނުލިބެ އެވެ.
މިއަހަރުގެ ރިޕޯޓުގައި 72 ވަނަ ދަރަޖަ ލިބިގެން ރައީސް ސޯލިހު ވަނީ އެކަމާ ފަހުރުވެރިވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ތަޖުރިބާކާރުން ވިދާޅުވަނީ އަދި އުފާފާޅުކުރާ ވަގުތު އައިސް ނުޖެހޭ ކަމަށެވެ. ނޫސްވެރިންނަށް އަދިވެސް ބިރުވެރިކަން އެބަ އޮތެވެ. ދައުލަތުން ނޫސްވެރިންނަށް ފިޔަވަޅު އަޅައި، ދައުވާ ކުރުން ހުއްޓާލި ނަމަވެސް އެކިއެކި ފަރާތްތަކުގެ ބިރު ނޫސްވެރިންނަށް އަދިވެސް އެބަ އޮތެވެ.
"ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސުން 72 ވަނަ ލިބުމުން އުފާފާޅު ކުރުމުގެ ބަދަލުގައި ސަރުކާރުން މަސައްކަތް ކުރަންވީ ހުރިހާ ނޫސްވެރިންނާއި އެކްޓިވިސްޓުންނަށް ބިރުވެރިކަމަކާ ނުލައި މަސައްކަތް ކުރުމުގެ މާހައުލެއް ބިނާކޮށްގެން،" ހިއުމަން ރައިޓްސް ވޮޗުގެ އެސޯސިއޭޓު އެޑިޓަރު ޕެޓްރީޝިއާ ގޮސްމަން ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން ނޫސްވެރިންނަކީ ސަރުކާރު އަދި ސަރުކާރުގެ އެކި އިދާރާތަކަށް އޮތް ނުރައްކަލެއް ކަމަށް ހީވެފައި އޮތް ހީވުން ބަދަލު ކުރަންޖެހޭ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.
"ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގަކީ ރާއްޖޭގައި އިހުތިރާމް ކުރާ ކަމެއް ނޫން. އޭގެ މިސާލެއް އެއީ ފުލުހުން. ނޫސްވެރިޔާގެ ހައްގަށް އިހްތިރާމް ކުރުމުގެ ބަދަލުގައި އެމީހުން ނަގާނީ ނޫސްވެރިންނަކީ ތުރެޓެއްގެ ގޮތުގައި. މި ސަގާފަތް ބަދަލުކޮށްގެން ހަގީގީ މިނިވަންކަން ލިބޭނީ،" ކުރިން ވާހަކަ މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ ރިފާ ބުންޏެވެ.












