މިލާން (މެއި 2) - އިޓާލިއަން ލީގުގައި މިރޭ ކްރިސްޓިއާނޯ ރޮނާލްޑޯ ފަހު ދިހަ މިނިޓް ތެރޭ ޖެހި ދެ ގޯލުން ފަހަތުން އަރައި 2-1 އިން އުދިނޭޒީ ބަލިކޮށް ޔުވެންޓަސް ލީގުގެ ތިން ވަަނަ އަށް ޖެހިލައިފި އެވެ.
ކުރިން ލީގެ ތިން ވަނައިގައި އޮތް ނަޕޯލީ ވަނީ މިރޭ އަމިއްލަ ދަނޑުގައި ކަލިއަރީއާ ފަހު ވަގުތު 1-1 އިން އެއްވަރުވެފަ އެވެ. ބާކީ ހަތަރު މެޗު އޮއްވައި މިރޭ ލީގު ޗެމްޕިއަންކަން ކަށަވަރުކުރި އިންޓަ މިލާނަށް 34 މެޗުން 82 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އެޓަލަންޓާ އާއި ތިން ވަނައިގައި އޮތް ޔުވެންޓަސް އަދި ހަތަރެއްގައި އޭސީ މިލާނަށް ވަނީ 34 މެޗުން 69 ޕޮއިންޓް ލިބިފަ އެވެ. ނަޕޯލީ ފަސް ވަނައިގައި އޮތީ 34 މެޗުން 67 ޕޮއިންޓާ އެކު އެވެ.
އުދިނޭޒީ ދަނޑުގައި ކުޅުނު މެޗުގެ 10 ވަނަ މިނިޓްގައި އެ ޓީމުން ލީޑުނެގީ ރޮޑްރީގޯ ޑި ޕޯލް ދިން ބޯޅައަކުން ނަހުއެލް މޮލީނާ ޖެހި ގޯލުންނެވެ. މެޗުގެ 27 ވަނަ މިނިޓްގައި ޔުވެންޓަސް އަށް އެއްވަރުކޮށްދެން ވެސްޓަން މެކެނީ ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ފަހުން ޕައޮލޯ ޑިބާލާ އާއި މަތައިސް ޑި ލިޓް ޖެހި ބޯޅަތައް ވެސް ގޯލަކަށް ހަދައިނުލެވުނެވެ.
ޔުވެންޓަސް އިން އެއްވަރުކުރީ 83 ވަނަ މިނިޓްގައި ރޮނާލްޑޯ ކާމިޔާބުކުރި ޕެނަލްޓީންނެވެ. މިއީ ރޮނާލްޑޯ ޖެހި ހިލޭޖެހުމެއް އުދިނޭޒީގެ ޑި ޕޯލް އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ. މެޗުގެ 89 ވަނަ މިނިޓްގައި އޭޑްރިއަން ރަބިއޯ ނެގި ހުރަހަކުން ޔުވެންޓަސް މޮޅުވި ގޯލު ރޮނާލްޑޯ ކާމިޔާބުކުރުމާ އެކު އެ ޓީމުގެ ކޯޗު އަންދްރެއާ ޕިރްލޯ ވެސް އުފާފާޅުކުރުމުގައި ބައިވެރިވި އެވެ.
ދިހަ އަހަރު ތެރޭ ފުރަތަމަ ފަަހަރަށް ޔުވެންޓަސް އަށް ލީގު ތަށި ގެއްލުމުން ޕިރްލޯ އަށް އެ ކްލަބްގެ ކޯޗުކަމުގައި ދެމި ހުރެވޭނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
މި މެޗުގައި ޖެހި ދެ ގޯލާ އެކު ރޮނާލްޑޯ މި ފަހަރު ލީގުގައި ޖެހި ގޯލުގެ އަދަދު ވަނީ 27 އަށް އަރައިފަ އެވެ.












