ކުންފުނިތަކަށް ބޮޑެތި އަދަދުން ބަދަލުތައް ނަގައިދޭން ޖެހިފައިވަނީ ކުރީ ސަރުކާރުން ގަސްދުގައި ގާނޫނާ ހިލާފަށް އެއްބަސްވުންތައް އުވާލައި، ބަޔަކަށް ގެއްލުން ދީފައި އޮތުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލީގަލް އެޑްވައިސަރު އަހުމަދު އަބްދުﷲ އަފީފް ވިދާޅުވެއްޖެ އެވެ.
އަހުމަދު އަފީފް މިހެން ވިދާޅުވީ ބޮޑެތި އަދަދުން އެކި ކުންފުނިތަކަށް ސަރުކާރުން ބަދަލު ދެމުންދާތީ އެކަމުގެ ކަންބޮޑުވުމާއި ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ދިފާއުއެއްގެ ގޮތުގަ އެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަހުމަދު ވިދާޅުވީ ކަނޑައެޅިގެން ގަސްދުގައި މީހަކަށް ގެއްލުމެއް ދައުލަތުން ދީފައިވާ ހާލަތުގައި އެމީހާގެ ގާތުގައި ކޯޓަށް އިންސާފު ހޯދުމަށް ދާށޭ ބުނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
އަހުމަދު ވިދާޅުވީ ގެއްލުމުގެ ބަދަލު ނުލިބި، ގެއްލުން ލިބޭ ފަރާތަށް ހޭދަވާ ކޮންމެ ދުވަހަކީ ބަދަލުގެ ގޮތުގައި ދޭން ޖެހޭ މިންވަރު އިތުރުވަމުންދާނެ ދުވަހެއް ކަމަށެވެ. އެހެންކަމުން، މިކަމުގައި ދެ ފަރާތަށް ވެސް އެންމެ ފައިދާ ހުރި ގޮތަކީ ކޯޓު މަރުހަލާތަކުގެ ބޭރުން މައްސަލަ ނިންމުން ކަމަށެވެ.
ނަމަވެސް، ބަދަލުގެ މައްސަލާގައި ކޯޓުތަކުގެ ތިން މަރުހަލާ ނިމުމުން ނޫނީ ދައުލަތުން ބަދަލު ނަގައިނުދިނުމަށް ދީބާޖާ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ލަފާ ދީފައިވާ ކަމަށާއި، އެއީ ސަރުކާރުން ކުރަމުންދިޔަ މަސައްކަތަށް އެޅުނު ހުރަހެއްގެ ގޮތުގައި އަހުމަދު ފާހަގަ ކުރެއްވި އެވެ.

މިހާ ބޮޑު ބުރައެއް ބަދަލު ނަގައިދިނުމުގައި މި ސަރުކާރަށް އުފުލަން ޖެހިފައިވަނީ އަހުމަދު ފާހަގަ ކުރެއްވި ގޮތުގައި ކުރީ ސަރުކާރުން ސީދާ ގާނޫނުތަކާ ހިލާފަށް އެއްބަސްވުންތައް އުވާލާފައިވާތީ ކަމަށެވެ.
"އޭގެ ސަބަބުން އެތައް ބަޔަކަށް ގެއްލުންތައް ލިބެމުން އެބަދޭ، އެ ގެއްލުންތައް ބަދަލު ދޭނެ ކަމަށް ބުނެ މި ސަރުކާރުން އައީ،" އަހުމަދު އަފީފް ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ ގެއްލުން ލިބުނު މީހާއަށް އިންސާފު ލިބެން ޖެހޭ ކަމާއި އެއީ އޭނާއަށް ގެއްލުން ދީފައިވަނީ ސީދާ ދައުލަތުން ގަސްދުގައި ކަމުގައިވާތީ ކަމަށެވެ. ބަދަލުގެ މިންވަރު މަތިކަމުގެ ވާހަކަ ދައްކާއިރު ގެއްލުން ލިބިފައިވާ މީހާގެ ހައްގާމެދު ވެސް ވާހަކަ ދައްކަން ޖެހޭނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ދައުލަތުގެ ކަންކަން ހިންގަން ތިބި މީހުންގެ ސަބަބުން އެކިފަރާތްތަކަށް ލިބިފައިވާ ގެއްލުންތަކަށް ދައުލަތުން ބަދަލު ދޭންޖެހިފައިވާއިރު އެފަދަ މީހުންގެ މައްޗަށް ދައުވާކޮށްގެން އެ ފައިސާ ހޯދުމަށް މަސައްކަތް ނުކުރަނީ ކީއްވެގެންތޯ އާއި އެފަދަ ދައުވާތައް ކުރަން ސަރުކާރުން ފަސްޖެހެނީ ކީއްވެގެންތޯ "އަދަދު"ން ސުވާލުކުރުމުން އަހްމަދު އަފީފް ވިދާޅުވީ މިހާރު ވެސް އެފަދަ ދައުވާތައް ކޮށްފައި ހުންނާނެ ކަމަށެވެ. އަދި އިހުމާލެއްގެ ސަބަބުން ނުވަތަ ގަސްތުގައި މީހަކަށް ދޭ ގެއްލުމެއްގެ ސަބަބުން ވިޔަސް ދައުލަތުން މީހަކަށް ބަދަލު ދޭންޖެހިއްޖެނަމަ އެ ފައިސާ އަނބުރާ ހޯދުމަށް ދައުވާކުރުމަށް ސަރުކާރުން ފަސްނުޖެހޭނޭ ކަމަށް ވެސް އަހްމަދު އަފީފް ވިދާޅުވި އެވެ.
ނޫމަޑި ރިސޯޓްސްއަށް ބަދަލު ދޭންޖެހުނު މައްސަލާގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ބަންޑާރަނައިބުގެ އޮފީހުން ވަނީ ދައުވާކޮށްފަ އެވެ. އެ މައްސަލާގައި ދައުލަތުން ބުނެފައި ވަނީ، ނޫމަޑި ރިސޯޓްސް އަށް ބަދަލު ދޭންޖެހުނީ މުއިއްޒު ސިންގަޕޫރުގެ އާބިޓްރަޝޭނަށް ދިން ބަޔާނުގައި، ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު އަމަލުކުރެއްވި ގޮތް ދިފާއު ނުކުރައްވައި، ދައުލަތަށް ގެއްލުންވާ ގޮތަށް ބަޔާނެއް ދިނުމުގެ ސަބަބުން ކަމަށެވެ.











