ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވާ ބިލްތައް ގާނޫނަކަށް ނުވެ ލަސްވެގެން ދިޔުމަކީ އިންސާފު ލިބިދިނުމަށް އެޅިގެންދާ ހުރަހެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލީގަލް އެޑްވައިޒަރު އަހުމަދު އަބްދުﷲ އަފީފް މިރޭ ވިދާޅުވެއްޖެ އެވެ.
އޭނާ މިގޮތަށް ވިދާޅުވީ ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މި ސަރުކާރުގެ ވައުދެއް ކަމުގައިވާ އިންސާފު ގާއިމްކޮށްދިނުމާއި އަދުލުވެރި ފަނޑިޔާރު ގެއެއް ހޯދުމުގެ ވައުދު ފުއްދުމަށް އެޅިފައިވާ ހުރަސްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
އަފީފް ވިދާޅުވި ގޮތުގައި، މި ސަރުކާރަކީ މިދިޔަ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން އެކި ގޮތްގޮތުން ގެއްލުން ލިބުނު މީހުންނަށް އިންސާފު ހޯދައިދޭނެ ކަމުގެ ވައުދާއެކު އައި ސަރުކާރެކެވެ. އޭގެ ތެރޭގައި އެއްބަސްވުންތައް ގާނޫނާ ހިލާފަށް އުވާލުމުގެ ސަބަބުން އެކި ކުންފުނިތަކަށް ލިބިފައިވާ ގެއްލުންތަކަށް އިންސާފު ހޯދައިދިނުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
އެފަދަ މައްސަލަތަކުގައި ދައުލަތުން ގެއްލުން ލިބިފައިވާ މީހުންނަށް ބަދަލު ދޭން ޖެހޭއިރު އެންމެ އިންސާފުވެރި ދެފުށް ފެންނަ ގޮތެއްގައި އަމަލު ކުރެވޭނީ އެކަމާ ގުޅޭ ހާއްސަ ގާނޫނެއް އޮވެގެން ކަމަށް އަހުމަދު ފާހަގަ ކުރެއްވި އެވެ. އެގޮތުން މަދަނީ އިޖުރާއަތުގެ ގާނޫނުގެ މުހިންމު ކަމަށް ވިދާޅުވި އެވެ.
މަދަނީ އިޖުރާއަތުގެ ބިލް ސަރުކާރުގެ ފަރާތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މަޖިލީހަށް ފޮނުވާފައިވާއިރު އަަދިވެސް އެ ބިލް އޮތީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގަ އެވެ.

"އެހެންވީމަ މިހާ ގިނަ ދުވަސް މި ބިލް ގާނޫނަކަށްވެފައި ނުވާތީ އެއީ އަނެއްކާވެސް އިންސާފު ލިބިދިނުމަށް ސަރުކާރަށް އޮތް ހުރަހެއް،" އަފީފް ވިދާޅުވި އެވެ.
އޭގެއިތުރުން، އަހުމަދު ވިދާޅުވީ، ބަދަލުގެ މައްސަލާގައި ކޯޓުތަކުގެ ތިން މަރުހަލާ ނިމުމުން ނޫނީ ދައުލަތުން ބަދަލު ނަގައިނުދިނުމަށް ދީބާޖާ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ލަފާ ދީފައިވާ ކަމަށާއި، އެއީ ވެސް ސަރުކާރުން ކުރަމުންދިޔަ މަސައްކަތަށް އެޅުނު ހުރަހެއް ކަމަށެވެ.
މި ސަރުކާރު އައި ފަހުން ބަދަލު ނަގައިދޭ މައްސަލަތަކާއި އަދަދުތައް ކޯޓުތަކުގައި އިތުރުވެފައިވާއިރު، އެކަމަށް ބަޖެޓްގައި 100 މިލިއަން ރުފިޔާ ވެސް ހިމަނާފައިވެ އެވެ. ބަދަލުގެ ގޮތުގައި މިހާރު ވެސް މިލިއަނުން ނަގައިދޭން ދައުލަތުން އެއްބަސްވެފައިވާއިރު، ކޯޓުތަކުގައި ގިނަ މައްސަލަތަކެއް އަދިވެސް އެބަހުއްޓެވެ.
އަހުމަދު ވިދާޅުވީ ބަޔަކަށް ގަސްދުގައި ގެއްލުމެއް ދީފައި އޮތުމުން، ބަދަލު ދިނުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. ނަމަވެސް، ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އެކަމުގައި އެންމެ ކުޑަ މިންވަރެއް ދެވޭނެ އުސޫލުތަކެއްގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.
އެހެންވެ އެކަމަށް ސެޓެލްމެންޓް ކޮމިޓީން ހަދައިގެން އިންސާފުވެރިކަމާ އެކު އެ މަސައްކަތްތައް ކުރެވެމުންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ހަމަައެއާއެކު، ގަސްދުގައި ބަޔަކަށް ގެއްލުންދީ، ދައުލަތަށް ބުރައެއް އުފުލަން ޖެއްސި މީހުންގެ މައްޗަށް ދައުވާތައް ކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުންދާނެ ކަމަށް އަހުމަދު އަފީފް ވިދާޅުވި އެވެ. އެކަން ކުރަމުންދާނީ ލިބޭ ހެކިތަކުގެ މައްޗަށް ކަމާއި ސިޔާސީ ގޮތުން އެއްވެސް ފަރާތަކަށް ދައުވާ ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.













