އެމެރިކާއިން އަފްގާނިސްތާނުގައި ކުރި ދިގު ހަނގުރާމައިގެ ނިމުން ފެށުމުގެ ގޮތުން އެމެރިކާ ސިފައިން އަފްގާނިސްތާނު ދޫކޮށް ރަސްމީކޮށް ދާން ފަށައިފި އެވެ.
އެމެރިކާ އާއި ނޭޓޯ ގައުމުތަކުގެ ސިފައިން އަފްގާނިސްތާނުގައި އުޅޭތާ 20 އަހަރު ވެއްޖެ އެވެ. އެމެރިކާއިން ބުނީ ސެޕްޓެމްބަރު 11 ގެ ކުރިން ހުރިހާ ބޭރު ސިފައިން އެ ގައުމުން ދޫކޮށް ދާނެ ކަމަށެވެ.
މި ދަނޑިވަޅުގައި ހަމަނުޖެހުން ބޮޑުވެ، ހަމަލާތަކެއް ދީފާނެ ކަމުގެ ބިރު އޮތުމުން އަފްގާނިސްތާނުގެ ސަލާމަތީ ބާރުތަކުން އޮތީ އެލާޓުގަ އެވެ. އިއްޔެ އަލް ގައިދާއިން ވަނީ ހަމަލާގެ އިންޒާރު ވެސް ދީފަ އެވެ.

އޭގެ އިތުރުން ތާލިބާނުން ބުނީ މި އަހަރުގެ މޭ މަހުގެ ކުރިން ސިފައިން ބޭލުމަށް އެމެރިކާއިން ވި އެއްބަސްވުމާ ހިލާފުވެފައި ވާތީ، އެ އެއްބަސްވުމަށް އިތުރަށް ނުބަލާނެ ކަމަށެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ތާލިބާނުންނާ ދެމެދު އޭރު އެއްބަސްވީ މޭ މަހުގެ ކުރިން ސިފައިން ފައިބާ ނަމަ ތާލިބާނުން އެއްވެސް ހަމަލާއެއް ނުދޭ ގޮތަށެވެ.
އެހެންކަމުން މި ދަނޑިވަޅުގައި ތާލިބާނުންގެ ހަމަލާއެއް އައުމުގެ ބިރު ވެސް އެބަ އޮތެވެ. ޓެރަރިސްޓު ގްރޫޕު އަލް ގައިދާ އާއި ތާލިބާނުންނަކީ އެއް ބަޔެއްގެ ގޮތުގައި އެމެރިކާއިން ގަބޫލުކުރެ އެވެ.
އެއީ ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާގެ ޓްވިން ޓަވަރާއި ޕެންޓެގަންއަށް ދިން ހަމަލާތަކުގެ ފަހަތުގައިވާ އަލް ގައިދާއަށް ރައްކާތެރިކަން ފޯރުކޮށްދިނީ އަފްގާނިސްތާނުގައި އޭރު ވެރިކަން ކުރަމުން ދިޔަ ތާލިބާނުން ކަމަށް ވާތީ އެވެ.
ރޮއިޓާޒްއަށް މައުލޫމާތު ދިން އޮފިޝަލުން ބުނީ ފާއިތުވި ދުވަސްތަކުގައި ތާލިބާނުން ބޭރުގެ ސިފައިންނަށް ހަމަލާ ނުދިން ނަމަވެސް އަފްގާނިސްތާނުގެ ސިފައިންނާއި އާއްމުންނަށް ހަމަލާ ދިން ކަމަށެވެ.
އެމެރިކާ އަސްކަރިއްޔާގެ ޖެނެރަލް ސްކޮޓް މިލާ ވަނީ ބޭރުގެ ސިފައިންނަށް ހަމަލާއެއް ދީފި ނަމަ ރައްދުގައި ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.
މޭ މަހުގެ ބަދަލުގައި ސެޕްޓެމްބަރު 11 ގެ ކުރިން ސިފައިން ބޭލުމަށް އެމެރިކާއިން ނިންމީ މޭ މަހުގެ ކުރިން އެކަން ކުރަން ހުރި ބައެއް ދަތިތަކުގެ ސަބަބުންނެވެ. މި އަހަރުގެ ސެޕްޓެމްބަރު 11 އަކީ އެމެރިކާއަށް ދިން ހަމަލާތަކަށް 20 އަހަރު ފުރޭ ދުވަހެވެ.










