ލަންޑަން (މެއި 1) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުންބޭރުގައި 2-0 އިން ކްރިސްޓަލް ޕެލެސް ބަލިކޮށް މެންޗެސްޓާ ސިޓީ ލީގު ޗެމްޕިއަންކަން ހޯދުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.
ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ 34 މެޗުން 80 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 33 މެޗުން ލިބިފައިވަނީ 67 ޕޮއިންޓެވެ. ލީގުގައި މާދަމާރޭ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން ޔުނައިޓެޑް އަތުން މޮޅުވެއްޖެނަމަ ސިޓީ އަށް ބާކީ ހަތަރު މެޗު އޮއްވައި ލީގު ކަަށަވަރުކުރެވޭނެ އެވެ. މާދަމާރޭ ޔުނައިޓެޑް މޮޅުވެއްޖެނަމަ ސިޓީން ލީގު ހޯދަން ޖެހޭނީ އަންނަ ހަފްތާގައި ޗެލްސީ ބަލިކުރާށެވެ.
ހަތަރު އަހަރު ތެރޭ ތިން ވަަނަ ފަަހަރަށް ސިޓީން ލީގު ޗެމްޕިއަންކަން ހޯދުމާ ގާތުގައި އޮތްއިރު، އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މާދަމާރޭ ލިވަޕޫލާއި ޔުނައިޓެޑް ކުޅޭ މެޗު ބަލާނެ ކަމަށާއި އެކަމަކު އެއީ ވަކި ޓީމެއް މޮޅުކުރާކަށް ނޫން ކަމަށެވެ.
"އަހަރެމެން އަތުގައި އެބައޮތް އަދިވެސް ކޮންޓްރޯލް އެހެންވީމަ އެހެން ޓީމެއްގެ ސަޕޯޓްގެ އެހީގައި ކުރަން ބޭނުމެއް ނޫން. އަހަރެމެން ފޯކަސް ކުރާނީ ޕީއެސްޖީ (ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެ ވަނަ ލެގު) މެޗުން ކާމިޔާބު ހޯދަން،" ދާދި ފަހުން ސިޓީއާ އެކު މި ސީޒަނުގެ ލީގު ކަޕް ކާމިޔާބުކުރި ގާޑިއޯލާ ބުންޏެވެ.
ލަންޑަނުގެ ސެލްހަސްޓް ޕާކުގައި މިރޭ ކުޅުނު މެޗަށް ސިޓީން ނުކުތީ ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެނެސްގެންނެވެ. އެ ގޮތުން އެ ޓީމުގެ ދެ ފޯވާޑުން ކަމަށްވާ ގަބްރިއެލް ޖީސޫސް އާއި ސާޖިއޯ އަގުއޭރޯ އަށް ވަނީ ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ.
ސިޓީން ދެ ގޯލު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. ބެންޖަމިން މެންޑީ ދިން ބޯޅައަކުން މެޗުގެ 57 ވަނަ މިނިޓްގައި ސިޓީ އަށް ލީޑުނަގައިދިނީ އަގުއޭރޯ އެވެ. އަގުއޭރޯ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ. މިއީ އަގުއޭރޯ އެ ޓީމަށް ކާމިޔާބުކޮށްދިން 258 ވަނަ ލަނޑެވެ. އެ ގޯލު ޖެހިތާ މިނިޓެއްގެ ތެރޭގައި ސިޓީގެ ފެރާން ޓޮރޭޒް ވަނީ އެ ޓީމަށް ދެ ވަނަ ލަނޑެއް ޖަހައިދީފަ އެވެ. އަގުއޭރޯ އާއި ޖީސޫސް ގުޅިގެން ކުރަން އުޅުނު އެޓޭކެއްގައި ބޯޅަ ދޫވެގެން ލިބުނީ ޓޮރޭޒް އަށެވެ. އޭނާ ވަނީ އޭރިއާ ރޮނގުކައިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
އިތުރު ގޯލެއް ޖަހަން ސިޓީގެ ޔާއޯ ކަންސޭލޯ އާއި ރަހީމް ސްޓާލިން އަދި އައިމެރިކް ލަޕޯޓަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.
ޕެލެސްގެ ކޯޗު ރޯއީ ހޮޖްސަން ބުނީ އޭނާ އަށް އޮތް މާޔޫސްކަމަކީ ފުރަތަމަ ހާފުގައި ސިޓީ ކައިރިން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުން ކަމަށާއި އެ ކަންކަމަށް ބަލާއިރު މި ނަތީޖާ އަކީ އެންމެ އިންސާފުވެރިގޮތް ކަމަށް ގަބޫލުކުރަން އުނދަގޫ ކަމަށެވެ.
ލީގުގައި ރޭ ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ ވަނީ ރަށުންބޭރުގައި ސައުތެމްޓަނާ 1-1 އިން އެއްވަރުވެފަ އެވެ. ލެސްޓާ ތިން ވަނައިގައި އޮތީ 34 މެޗުން 63 ޕޮއިންޓާ އެކު އެވެ.







