ކޮވިޑުގެ އެންމެ އުނދަގޫ ހާލަތުގައި ވެސް މަސައްކަތްތެރިންގެ ހައްގުތަކަށް ސަރުކާރުން އިސްކަންދީގެން ސިޔާސަތުތައް ތަންފީޒުކުރި ކަމަށާއި މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ގާނޫނު މި އަހަރު މަޖިލީހަށް ހުށަހަޅާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.
މަސައްކަތްތެރިންގެ ހައްގުގައި ސަރުކާރުން ތަންފީޒުކުރަމުން އަންނަ އަދި ކުރިއަށް ރާވާފައިވާ ކަންކަމާ ގުޅޭ ގޮތުން މަބްރޫކް "އަދަދު"އަށް ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުތަކަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި މިހާރު އޮތީ އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ގާނޫނެއް ނެތުން ކަން ފާހަގަކުރައްވައި ވިދާޅުވީ އެކަމަށް ވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"އެ ގާނޫނު އެކުލަވާލުމަށް ކަމާގުޅުން ހުރި ފަރާތްތަކުގެ މަޝްވަރާތައް މިހާރު ވެސް ކުރިއަށް އެބަދޭ،" އޭނާ ވިދާޅުވި އެވެ.

މަސައްކަތްތެރިންގެ ގާނޫނެއް ހަދަން ކުރީގެ ސަރުކާރުތަކުން ވެސް ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެކި ސަބަބުތަކާ ހެދި ކުރިއަށް ނުދެވި މިހާތަނަށް ނުވަ އަހަރު ފާއިތުވެއްޖެ އެވެ.
ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ރާއްޖޭގައި އެންމެ އަޑުގަދައީ، އެ ގާނޫނު ފާސްނުކޮށް ލަސްވުމުގެ ޝަކުވާ އެވެ.
މި ވެރިކަމުގައި، މަސައްކަތްތެރިންނަށް އެންމެ މުހިއްމު އެއް ވައުދަކީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމެވެ. ސަރުކާރުން ހުށަހަޅައި އެ ބިލް މިހާރު ފާސްކޮށްފައި އޮތް ކަން މަބްރޫކް ފާހަގަކުރައްވައި ވިދާޅުވީ އަމާޒަކީ މި އަހަރުގެ ތެރޭގައި އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި އަމަލުކުރަން ފެށުން ކަމަށެވެ.
"ސަރުކާރުގެ ކޮމިޓްމަންޓަކީ މި އަހަރުގެ ތެރޭގައި އެކަން ކުރުން. ޕެންޑަމިކަކުން އަރައިގަންނައިރު އެކަމަށް ރަނގަޅު ވަގުތެއް ހޯދަން ވެސް ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ވަޒީފާތަކަށް ރައްކާތެރިކަން ދިނުން
މަބްރޫކް ވިދާޅުވީ ކޮވިޑާ އެކު ކުރިމަތިވި އިގްތިސާދީ ހާލަތުން އަަރައިގަތުމަށް އެކުލަވާލި ނެޝަނަލް ރިކަވަރީ ޕްލޭންގައި، އާ ވަޒީފާތައް އުފައްދަން އޮތީ މުހިއްމު އިސްކަމެއް ދީފައި ކަމަށެވެ. އެއާއެކު އެންމެ ބޮޑު އަހައްމިއްޔަތު ކަމެއް ދިނީ ދިވެހިންގެ ވަޒީފާތައް ރައްކާތެރިކޮށްދޭން ކަމަށް ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް: އޭނާ ވިދާޅުވީ އެންމެ ދަތިކަމުގައި ވެސް ދިވެހިން ވަޒީފާތަކުގައި ދެމިތިބެވޭނެ ގޮތަކަށް ކަންކަން ރާވަން ސަރުކާރުން އިސްކަން ދިން. -- ފޮޓޯ/ ރައީސް އޮފީސް
ކޮވިޑާ ހެދި ވަޒީފާ ގެއްލުނު މީހުންގެ ތެރެއިން 22،676 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 480 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ވިޔަފާރިތަކަށް ސަރުކާރުން ލޯން ދޫކުރީ ވަޒީފާތަކުން ދިވެހިން ވަކި ނުކުރަން ޝަރުތުކޮށްފަ އެވެ.
"ރިލީފް ލޯންތައް ކުދި ވިޔަފާރިތަކާއި ރިސޯޓްތަކަށް ދޫކުރިއިރު ސަރުކާރުގެ ޝަރުތަކީ ދިވެހިން ވަޒީފާ އިން ވަކި ނުކުރުން،" މަބްރޫކް ވިދާޅުވި އެވެ.
މި ޝަރުތަކާ އެކު ސަރުކާރުން ލޯނު ނަގާފައި ވެސް ވަޒީފާތަކުން ދިވެހިން ވަކިކޮށްފައި އެބަހުއްޓެވެ. އެފަދަ މައްސަލަތަކުގައި ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުން ކުދި ވިޔަފާރިތަކަށް ލޯން ދޫކުރި ސަބަބަކީ ވެސް މުވައްޒަފުން ގެއަށް ފޮނުވާލައި ތަން ހުއްޓުމަކަށް ނުގެނެސް ހިންގޭނެ ގޮތެއް ހޯދައިދޭން ކަން ފާހަގަކުރެއްވި އެވެ.
"ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެކު ސާވިސް ޗާޖު ދޭކަން ކަށަވަރު ކުރެވިއްޖެ. ޗުއްޓީގައި ހުންނަ މީހާގެ ސާވިސް ޗާޖަށް އަސަރެއް ނުކުރާނެ ކަން ކަށަވަރު ކުރެވިއްޖެ، މެޓާނިޓީީ ލީވްގެ ގޮތުގައި އަންހެނުންނަށް ހަ މަސް ދޫކުރަން އެ ވަނީ ނިންމިފައި،" މަބްރޫކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމުގެ ވާހަކަ ކޮންމެ ސަރުކާރަކުން ދެއްކި ނަމަވެސް އެސްއެމްއީ ބޭންކް މެދުވެރިކޮށް އެކަން ރަނގަޅަށް ތަންފީޒުކުރަން ފެށުނީ ވެސް މި ވެރިކަމުގަ އެވެ. އެ ބޭނުންކުން ލޯނެއް ނުލިބޭ އެންމެ އަތޮޅެއް ރާއްޖޭގައި ނެތެވެ. އެ ލޯނުން ފަށާ ވިޔަފާރިތަކުން އެވްރެޖްކޮށް 3-5 ވަޒީފާ އުފެދޭނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި އަޅާނުލައި ދޫކޮށްލާފައި ތިބި ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ވެސް އެކަށީގެންވާ ހައްލެއް ހޯދަން މަސައްކަތްތަކެއް މިހާރު ވަނީ ފަށައިފަ އެވެ. ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށްވާ މީހުންނަށް ދޭން ޖެހޭ ސަލާމަތާއި ރައްކާތެރިކަން ދިނުމާ އެކު ރެގިއުލަޒައިޒޭޝަން ޕްރޮގްރާމް ނުވަތަ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް އެބަދެ އެވެ. މި ވެރިކަން ފެށުމާ ހަމައަށް ސަރުކާރުގެ އެކި މުއައްސަސާތައް ހިމެނޭ ގޮތުން ސައްހަ ލިޔެކިޔުން ނެތް މީހުން ތިބި ނަމަވެސް އޭގެތެރެއިން 45،000 މީހުން ވަނީ ގާނޫނީ އިމުގެ ތެރެއަށް ވައްދައިފަ އެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ވަނީ އަނބުރާ ގައުމަށް ފޮނުވާލައިފަ އެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް ސަރުކާރުގެ އެޖެންޑާގެ ކުރީގައި މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށްދިނުން އޮންނާނެ އެވެ.













