އުސާމާ ބިން ލާދިންގެ މަރަށް ދިހަ އަހަރު ފުރުމާ ދިމާކޮށް އަލް ގައިދާއިން އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދީފި އެވެ.
އަލް ގައިދާއިން ބުނީ އިސްލާމީ ގައުމުތަކުން އެމެރިކާ ސިފައިން ނުފައިބަނީސް ހަނގުރާމަ ހުއްޓާ ނުލާނެ ކަމަށެވެ. އެފަދަ އިންޒާރެއް ދިން އިރު، އެމެރިކާއިން ނިންމާފައިވަނީ ސެޕްޓެމްބަރު 11 ގެ ކުރިން އެމެރިކާގެ ސިފައިން އަފްގާނިސްތާނުން ބޭލުމަށެވެ.
އެމެރިކާ އާއި ތާލިބާނުންނާ ދެމެދު ސުލްހަ ގެންނަން ކޮންމެވެސް ވަރެއްގެ އެއްބަސްވުމެއް އޮތް ނަމަވެސް، އަލް ގައިދާއިން ބުނީ އެމެރިކާއާ ދެކޮޅު ހަނގުރާމަ ހުއްޓާ ނުލާނެ ކަމަށެވެ.
އަލް ގައިދާގެ އިންޒާރެއް އައުމާއެކު ބައެއް ފަރާތްތަކުން ބުނެފައިވަނީ މިއީ އެ ޓެރަރިސްޓް ގްރޫޕުން އަފްގާނިސްތާނުގައި އަލުން ހަރަކާތެރިވާން ފަށާނެ ކަމުގެ ނިޝާނެއް ކަމަށެވެ.

އަލް ގައިދާގެ މިހާރުގެ ލީޑަރު އައިމަން އަލް ޒަވާހިރީ (ކ) އަދި އުސާމާ ބިން ލާދިން.--
ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާގައި ދިން ޓެރަރިސްޓު ހަމަލާތަކުގެ ފަހަތުގައި ވަނީ ސައުދީ އަރަބިއްޔާއަށް އުފަން އުސާމާ ބިން ލާދިން އުފެއްދި އަލް ގައިދާ އެވެ. އެމެރިކާއިން އަފްގާނިސްތާނަށް އަރާ ހަނގުރާމަ ފެށީ އެ މައްސަލައިގަ އެވެ.
އެ ހަނގުރާމައަށް ދިހަ އަހަރު ހޭދަވި ފަހުން އެމެރިކާއިން ދިން ވައިގެ ހަމަލާއެއްގައި މޭ 2011 ވަނަ އަހަރު އުސާމާ މަރާލީ ޕާކިސްތާނުގައި ހުއްޓަ އެވެ. މިހާރު އަލް ގައިދާގެ ލީޑަރަކީ މިސްރަށް ނިސްބަތްވާ އައިމަން އަލް ޒަވާހިރީ އެވެ.
ސެޕްޓެމްބަރު 11 ގެ ކުރިން އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބާނެ
މީގެ ކުރިން އެމެރިކާއިން ތާލިބާނުންނާއެކު އެއްބަސްވެފައި އޮތީ މި އަހަރުގެ މޭ މަހުގެ ކުރިން އެ ގައުމުން ފޭބުމަށެވެ. ނަމަވެސް ރައީސް ޖޯ ބައިޑެން ފަހުން ވިދާޅުވީ މޭ އެއް ވަނަ ދުވަހުގެ ކުރިން އެ ލަނޑުދަނޑިއަށް ވާސިލްވާން ދަތި ކަމަށެވެ.
އަލަށް ކަނޑައެޅި ތާރީހަކީ އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރާއި ޕެންޓެގަންއަށް ދިން ޓެރަރިސްޓް ހަމަލާއަށް 20 އަހަރު ފުރޭ ދުވަހެވެ. އެމެރިކާ ސިފައިން އަފްގާނިސްތާން ދޫކޮށް ދިޔުމުގެ މަސައްކަތް ކުރަނިކޮށް ހަމަލާއެއް ދީފި ނަމަ ރައްދުގައި އެމެރިކާއިން ވެސް ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފައި ވެއެވެ.
ބައިޑެން ވިދާޅުވީ މިއީ ހަނގުރާމަ ނިންމަންވީ ވަގުތު ކަމަށް
އަފްގާނިސްތާނުން އެމެރިކާ ސިފައިން ފޭބުމަށް ފަހު ވެސް އެ ގައުމަށް އެހީތެރިވާނެ ކަމަށާއި ނަމަވެސް އެއީ "އަސްކަރީ" އެހީ ނޫން ކަމަށް ބައިޑެން ވަނީ ވިދާޅުވެފަ އެވެ.
"މިއީ އެމެރިކާގެ އެންމެ ދިގު ހަނގުރާމަ ނިންމަންވީ ވަގުތު،" ވައިޓް ހައުސްގައި ހުންނަވާ ބައިޑެން ވިދާޅުވި އެވެ.
ބައިޑެން ވިދާޅުވީ އަފްގާނިސްތާނުގެ ދިފާއީ އަދި ސަލާމަތީ ފައުޖުތަކަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދެމުން ދާނެ ކަމަށާއި އަފްގާނިސްތާނުގެ ސަރުކާރަށް ވެސް އެއްބާރުލުންދެމުން ގެންދާނެ ކަމަށެވެ
އަސްކަރީ ގޮތުން އަފްގާނިސްތާނުގައި އަޅުގަނޑުމެން ހަރަކާތްތެރި ނުވި ނަމަވެސް، އަޅުގަނޑުމެންގެ ޑިޕްލޮމެޓިކް އަދި އިންސާނީ މަސައްކަތްތައް ދާނީ ކުރިއަށް. -- ބައިޑެން
ނޭޓޯ އާއި އެމެރިކާއިން އަފްގާނިސްތާނުގައި ކުރި ހަނގުރާމައިގައި މި ވަގުތު ޖުމްލަ 9،600 ސިފައިން އުޅެ އެވެ. އޭގެ ތެރެއިން 2،500 ސިފައިންނަކީ އެމެރިކާ މީހުންނެވެ. ބާކީ ސިފައިން ނިސްބަތްވަނީ ނޭޓޯގެ އެހެން ގައުމުތަކަށެވެ.
އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގަނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމެރިކާގެ ރައީސް ބައިޑެންއާ ފޯނުން ވާހަކަފުޅު ދެއްކި ކަމަށާއި އެމެރިކާގެ ނިންމުމަށް އިހްތިރާމު ކުރައްވާ ކަމަށެވެ.
އޭގެ އިތުރުން އަފްގާނުގެ ފައުޖުތަކަށް ވެސް "ގައުމާއި ރައްޔިތުން ދިފާއު ކުރުމުގެ ފުރިހަމަ ގާބިލުކަން ލިބިފައިވާ ކަމަށް" އަޝްރަފް ގަނީ ވިދާޅުވި އެވެ.










