މިހާރު އިންތިހާބުވެފައިވާ ރަށްރަށުގެ ކައުންސިލަރުންގެ ރައީސް ގެ މުސާރަ ފަހު ވަގުތު ކުޑަކޮށް ކައުންސިލްތަކުގެ މުސާރައާއި އިނާޔަތްތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ޕޭ ކޮމިޝަނުން މަޖިލީހަށް ފޮނުވާފައިވާ ލިޔުމުގައިވާ ގޮތުން، ސިޓީ ކައުންސިލުތަކުގައި މޭޔަރަކަށް 40،000ރ.، ޑެޕިއުޓީ މޭޔަރަކަށް 35،000ރ. އަދި ސިޓީ ކައުންސިލް މެމްބަރަކަށް 30،000ރ ލިބެމުން އައި އައުމަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
ނަމަވެސް، އަތޮޅު ކައުންސިލްގެ ރައީސަކަށް ލިބެމުން އައި ޖުމްލަ 26،000ރ ގެ މުސާރަ މި ފަހަރު ވަނީ 28،000ރ. އަށް ބޮޑުކޮށްފަ އެވެ.
އަތޮޅު ކައުންސިލުގެ ރައީސް ފިޔަވައި ނައިބު ރައީސް ހިމެނޭ ގޮތަށް ބާކީ ތިބޭ ކައުންސިލަރުން ތަމްސީލުކުރަނީ އެ އަތޮޅެއްގެ ރަށު ކައުންސިލުތައް ކަމުން، އެ ކައުންސިލަރުންނަށް މި ފަހަރު ކަނޑައަޅާފައިވަނީ ކޮންމެ ބައްދަލުވުމަކަށް ސިޓިން އެލަވަންސެކެވެ.
މިގޮތުން، ކޮންމެ ބަދަލުވުމަކަށް 500ރ. ގެ އެލަވަންސެއް ކަނޑައަޅާފައިވީ ނަމަވެސް، މަހަކު އެ އަދަދު ގިނަވެގެން 2،000ރ. އަށް ވަނީ ލިމިޓުކޮށްފަ އެވެ.

މުސާރަ ބޮޑުވީ ރަށު ކައުންސިލަރުންނަށް
މި ފަހަރު ކައުންސިލަރުންގެ މުސާރައަށް ޕޭ ކޮމިޝަނުން ހުށަހެޅި ބަދަލުތަކުގައި އެންމެ ހެޔޮ އަސަރެއްކޮށްފައިވަނީ ރަށު ކައުންސިލަރުންގެ މުސާރަ އާއި އިނާޔަތްތަކަށެވެ.
މިގޮތުން، މީގެ ކުރިން 15،000ރ. ލިބެމުން އައި ރަށު ކައުންސިލްގެ ރައީސަކަށް މިފަހަރު ހުށަހަޅާފައިވަނީ 23،000ރ. އެވެ.
ރަށު ކައުންސިލްތަކުގެ ނައިބު ރައީސުންގެ މުސާރަ ވެސް ވަނީ 12،000ރ. އިން 15،000ރ. އަށް ބޮޑު ކުރަން ހުށަހަޅައިފަ އެވެ.
އަދި ރަށު ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ ވަނީ 11،000ރ. އިން 12،000ރ. އަށް އިތުރުކުރަން ހިމަނައިފަ އެވެ.
ފަހު ވަގުތު ރަށު ކައުންސިލްގެ ރައީސްގެ މުސާރަ ކުޑަކޮށްފި
ރަށު ކައުންސިލުތަކުގެ ރައީސުންގެ މުސާރާ އެހެން މެމްބަރުންނާ އަޅާބަލާއިރު ނިސްބަތުން ބޮޑުކަމުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވެސް މެމްބަރުން ވަނީ ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.
އަދި އެކަމާމެދު އާއްމުންގެ ތެރެއިން ވެސް ހާއްސަކޮށް ސޯޝަލް މީޑިޔާގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ނަމަވެސް އެ ފަރަގު ބޮޑުކޮށްފައިވަނީ ކައުންސިލްތަކުގެ ޑިރެކްޓާ ޖެނެރަލުންގެ އަސާސީ މުސާރަ 17،000ރ. ގައި ހުރުމުން، ކައުންސިލް ރައީސްގެ މުސާރަ އެއަށްވުރެ ކުޑަ ނުކުރަން ވެގެން ކަމަށް ޕޭ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އެއާއެކު މިއަދު އެ ކަމަށް ވޯޓު ނެގުމުގެ ކުރިން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވަނީ ރަށު ކައުންސިލުތަކުގެ މުސާރަތަކަށް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.
މިގޮތުން، އަބްދުލްޣަފޫރު ހުށަހެޅުއްވި އިސްލާހުގައި އޮތީ ރަށު ކައުންސިލުގެ ރައީސަކަށް ހިމެނި 23،000ރ. މުސާރަ 20،000ރ. އަށް ކުޑަ ކުރުމަށެވެ.
އަދި ރަށު ކައުންސިލު މެމްބަރަކަށް ފުރަތަމަ ހުށަހެޅި 12،000ރ. އިން 13،000ރ. އަށް ބޮޑު ކުރުމަށް އަބްދުލްޣަފޫރު ހުށަހެޅުއްވި އެވެ.
އެ ހުށަހެޅުމާއެކު ކައުންސިލްތަކުގެ މުސާރައިގެ އޮނިގަނޑު މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ އިއްތިފާގުންނެވެ.












