ލަންޑަން (އޭޕްރީލް 29) - ތަށި ހޯދަން ބޭނުންވާ ކަމަށް ބުނެ ޓޮޓެންހަމް ދޫކޮށްލަފާނެ ކަމުގެ އިޝާރާތެއް އެ ޓީމުގެ ފޯވާޑް ހެރީ ކޭން ދީފި އެވެ.
ޓޮޓެންހަމްގެ އެކެޑަމީން ޕްރޮމޯޓްވެ ކޭން ސީނިއާ ޓީމަށް ކުޅެން ފެށީ 2011 ވަނަ އަހަރު އެވެ. އުމުރުން 27 އަހަރުގެ ކޭން އަށް ސީނިއާ ކެރިއަރުގައި އަދި ތަށްޓެއްގައި އަތްލުމުގެ ނަސީބު ނުލިބެ އެވެ. ޓޮޓެންހަމާ އެކު ތިން ފައިނަލަކުން ވަނީ ބަލިވެފަ އެވެ. އޭގެ ތެރޭގައި 2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލާއި މިދިޔަ އާދިއްތަ ދުވަހު މެންޗެސްޓާ ސިޓީ އަތުން ބަލިވި ލީގު ކަޕް ފައިނަލް ހިމެނެ އެވެ.
"ފުޓްބޯޅައިގެ އެންމެ ބޮޑު ޓްރޮފީތައް ހޯދަން އަހަރެން ބޭނުން. އެކަމަކު އަހަރެމެންނަށް އެކަމެއް ނުކުރެވޭ،" ކޭން ބުންޏެވެ.
ކޭން މި ވަގުތު ޓޮޓެންހަމްގެ ކޮންޓްރެކްޓްގައި ހުރީ 2024 ގެ ނިޔަލަށެވެ. ދާދި ފަހުން މީޑިއާގައި ވަނީ ކޭން މި ސީޒަނަށް ފަހު ޓޮޓެންހަމް ދޫކޮށްލާނެ ކަމަށް ބުނެ ވަރަށް ގިނަ ވާހަަކަތަކެއް ދެކެވިފަ އެވެ. މި ސީޒަނުގައި 44 މެޗުން 31 ގޯލު ޖަހާފައިވާ ކޭން އަށް ދާދި ފަހުން ވަނީ ލަންޑަން ފުޓްބޯޅަ އެވޯޑްގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ލިބިފަ އެވެ.
"އިންޑިވިޖުއަލް އެވޯޑްތައް ވަރަށް ފުރިހަމަ. ކެރިއަރު ނިންމާލާފައި ފަސް އެނބުރި ބަލާލާއިރު އަހަރެން ބޭނުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ކޮށްފައި ބަހައްޓަން. އޭގެއިން އެންމެ މުހިއްމު ކަމަކަށްވާނީ ޔަގީނުން ވެސް ޓީމު ޓްރޮފީ އަތުގައި ހުރުން،" ކޭން ބުންޏެވެ.
ޓޮޓެންހަމް ދޫކޮށްލަން ކޭން ނިންމައިފިނަމަ އޭނާގެ ސޮއި ހޯދަން ގިނަ ޓީމުތަކަކުން ބޭނުންވާނެ އެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑް އަދި ބަޔާން މިއުނިކް ހިމެނެ އެވެ.












