ފްރާންސްގައި ދީނީ ހައްދު ފަހަނަ އެޅުން އިތުރުވުމުގެ ސަބަބުން ދާހިލީ ހަނގުރާމައެއް ފަށާފާނެ ކަމަށް ބުނެ ސިފައިންތަކެއް ސޮއިކޮށް އާއްމުކުރި ހުޅުވާލާފައިވާ ސިޓީއެއްގެ މައްސަލާގައި ސަރުކާރުން ހިތްހަމަނުޖެހިއްޖެ އެވެ.
އެ ސިޓީގައި ސޮއިކޮށްފައި ވަނީ މިހާރު ވެސް ސިފައިންގެ ހިދުމަތުގައި އުޅޭ 1000 މީހުންނާއި މިހާރު ރިޓަޔާކޮށްފައިވާ 20 ޖެނެރަލުންނެވެ.
ސިޓީގައި ބުނެފައިވަނީ ފްރާންސްގެ އެކި ކޮމިއުނިޓީތަކުގެ މެދުގައި ބައިބައިވުން އުފެދިފައި ވަނީ ދީނީ ހައްދު ފަހަނަ އަޅާފައިވާ މީހުންގެ ސަބަބުން ކަމަށެވެ. އޭގެ އިތުރުން ގައުމުގެ ބޮޑެތި ހިސާބުތަކަށް "އިސްލާމިސްޓުން" ވެރިވެ ގަންނަމުންދާ ކަމަށް ލިޔެފައި ވެއެވެ.

ކަނާއަތު ފިޔައިގެ ފިކުރުގެ މަޖައްލާއެއްގައި ޝާއިއުކުރި އެ ސިޓީ ބަލައިނުގަންނާނެ ކަމަށް ފްރާންސްގެ ކެބިނެޓް މިނިސްޓަރުން ވަނީ ވިދާޅުވެފަ އެވެ. ސިޓީ ޝާއިއުކޮށްފައި ފްރާންސްގައި ބަގާވާތެއް ކުރަން އެޅި، ނާކާމިޔާބުވިތާ 60 އަހަރު ފުރުނު ދުވަހާ ދިމާކޮށް އޭޕްރިލް 21 ގަ އެވެ.
"ވަގުތު ގާތް ވެއްޖެ. ފްރާންސް އޮތީ ނުރައްކަލުގައި،" ސިޓީގައި ލިޔެފައި ވެއެވެ.
ކަނާއަތު ފިޔައިގެ ސިޔާސީ ލީޑަރު މެރީން ލެ ޕެން ވަނީ އެ ސިޓީއަށް ތާއީދުކުރައްވާފަ އެވެ. އޭނާއަކީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓެކެވެ.
ނަމަވެސް ސިފައިންގެ ކަންކަމާ ބެހޭ މިނިސްޓަރު ފްލޮރެންސް ޕާލީ ވިދާޅުވީ މިއީ ސިފައިން އުސޫލުގެ ދެ ސިފައާ ހިލާފު ކަމެއް ކަމަށެވެ. އެގޮތުން ވަކި ކޮޅެއް ހިޔާރު ނުކުރުމާއި، ވަފާތެރިކަން ނެތްކަން މި ސިޓީން ހާމަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ސިޓީގައި ސޮއިކުރި ސިފައިންނާ މެދި ގާނޫނުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.










