މީހުން ފޮރުވަން ދޭ އެއްޗެހި ރައްކާތެރިކޮށް އޭގެ ވެރިމީހާ ބޭނުންވުމުން އަނބުރާ ދިނުމަކީ އަމާނާތްތެރިކަމުގެ ވައްތަރެކެވެ. ނަމަވެސް އެއީ މުޅި އަމާނާތްތެރިކަމުގެ ފުރިހަމަ މާނަކަމަށް ވަރަށް ގިނަ މީހުންނަށް ހީވެފައިވެ އެވެ. އެގޮތަށް ގަބޫލުކުރެވިފައިވެ އެވެ. ދީނީގޮތުން ބަލާއިރު އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ.
އެތައްހާސް ބަޔަކު ވޯޓުލައިގެން އިންތިހާބުކުރާ މަގާމުތަކުގައި ތިބޭ މީހުންނާ ހަވާލުކުރެވިފައިވާ ބާރުތަކަކީ ހާދަހާ ބޮޑު އަމާނާތެކެވެ. ބިރުން ވިރިގެންދާފަދަ ބިރުހުރި ކަމެކެވެ. މިހެން މި ދެންނެވީ ކީއްވެގެންތޯ ސުވާލުކުރާށެވެ. އަދި ޖަވާބު ހޯދުމަށް ކިޔަމުން ގެންދަވާށެވެ. ޖުމުލައިން ޖުމުލަ ވަކިކޮށް، ކޮންމެ އިބާރާތަކާމެދު ވަކިވަކިން ވިސްނަމުން ފިކުރު ހިންގަމުންނެވެ.
ޝޭހް މުހައްމަދުލްޣަޒާލީ އޭނާގެ ފޮތް "ޚުލްޤުލްމުސްލިމް" ގައި ކީރިތި ގުރުއާނުގެ އާޔަތްތަކާއި މާތް ނަބިއްޔާގެ ހަދީސް ބަސްފުޅުތަކުގެ އަލީގައި އަމާނާތްތެރިކަމުގެ ފުރިހަމަ މަފްހޫމް ޝަރަހަކޮށްދެއްވައި ބަޔާންކޮށްދެއްވާފައިވެ އެވެ. އަދި ބުނެވުނު ފަދައިން އަނެކާގެ މުދާ ރައްކާތެރިކޮށްދިނުމަށް ފަހު އަނބުރާ ހަވާލުކުރުމަށްވުރެ އަމާނާތްތެރިކަމަކީ މާފުޅާ މަފްހޫމެއްކަމުގައި ވިދާޅުވެފައިވެ އެވެ. މައިގަނޑު ހުލާސާއަކީ، އަމާނާތްތެރިކަމަކީ ތިމާއާ ހަވާލުކުރެވޭ އެންމެހާ ކަމަކާއި ތިމާއާ މަތިވާ އެންމެހާ ކަމަކާ މާތް ﷲ ގެ ހަޒުރަތުގައި ޖަވާބުދާރީވާންޖެހޭނެކަން ޔަގީންކޮށް އެކަން ދެނެގެން މުސްލިމް އިންސާނާ ހުރުމެވެ. އެ މާނަކުރުން ބިނާވަނީ މާތް ނަބިއްޔާގެ ހަދީސް ބަސްފުޅެއްގެ މައްޗަށެވެ.
"ތިޔަބައިމީހުންކުރެ ކޮންމެ މީހަކީ ބެލެހެއްޓުންތެރިއެކެވެ. އަދި ކޮންމެ މީހަކީ އޭނާގެ ބެލުމުގައިވާ ތަކެއްޗަށާއި ކަންކަމާ ސުވާލުވެވޭނެ މީހެކެވެ." -ޞަޙީޙުލްބުޚާރީ-
މަގާމެއްގެ އަމާނާތް ހަވާލުކުރެވިފައިވާ މީހަކު އަމާނާތްތެރިކަމުގެ ސިފައިން ކިރިޔާ ކަސިޔާރުވިޔަސް އެވެވެނީ ބޮޑުވެގެންވާ ހިޔާނާތެކެވެ. ރައްޔިތުންގެ އެތައް މަސްލަހަތަކާއި މުޅި ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ އެންމެހާ ކަމެއްގެ ބާރުތަކުގެ އަމާނާތް ހައުދަހައި ބޮޑުވާނެ އެވެ. ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުންނާ މަތިކުރެވިފައިވާ ޒިންމާތަކާއި ބާރުތަކަކީ އާދައިގެ އަމާނާތެއް ނޫނެވެ. އެއިން ކަމެއްގައި އަމާނާތްތެރިކަމުގެ ސިފަ ގެއްލިއްޖެނަމަ ހިޔާނާތުގެ ފާފަ އިންތިހާއަށް ބޮޑުވާނެ އެވެ.
އަމާނާތްތެރިކަމަކީ ބޮޑުވެގެންވާ ދަރުމަހުރިކަމެއްގެ އިތުރުން، އެއިން އެއްވެސް ވަގުތަކު އެއްކައިރިވެ ދުރަށް ޖެހިގެންނުވާނެ ވާޖިބެކެވެ. އެސިފައިން ދުރަށް ޖެހިލާ ކޮންމެ ހިނދަކާއި ވަގުތަކީ ހިޔާނާތުގެ ފާފައިން ތަތްތެޅެމުންދާ ވަގުތުތަކެކެވެ. ހިޔާނަތަކަށް ވާނީ ދައުލަތުގެ ބަޖެޓުން ފައިސާ ނަގައި ޖީބަށް ލީމާ އެކަންޏެއް ނޫނެވެ. ހިޔާނާތަކަށްވާނީ ހިޔާނާތް ސާބިތުވެ ޖަލަށްލެވުނީމާ އެކަންޏެއްނޫނެވެ. ނުވަތަ މީޑިއާގެ ވަސީލަތްތަކަކުން އެތުހުމަތު ތިމާއަށް ކުރެވުނީމާއެއްވެސް ނޫނެވެ.
ހިޔާލަށް ގެންނާށެވެ. މީހަކު ތިބާގެ އަތަށް ސަތޭކަ ރުފިޔާ އަމާނާތެއްގެ ގޮތުގައި ރައްކާތެރިކުރަންދެ އެވެ. އެއީ އެންމެ މީހަކު ދިން އެންމެ ސަތޭކަ ރުފިޔާ އެވެ. ދުއިސައްތަ ރުފިޔާ ދީފިނަމަ އަމާނާތްތެރިވާންޖެހޭ މިންވަރު ބޮޑުވާނެ އެވެ. އެއަށް ހިޔާނާތްވެއްޖެނަމަ ހިޔާނާތުގެ ފާފަވެސް ބޮޑުވާނެ އެވެ. ހިޔާލަށް ގެންނާށެވެ. ތިބާގެ އަތަށް ސަތޭކަ މީހުން ކޮންމެ މީހަކު ދުއިސައްތަ ރުފިޔާގެ މަގުން ދީފިނަމަ ލިބޭ އަދަދުގެ ބޮޑުކަމާ އެއްވަރަށް އަމާނާތް ބޮޑުވާނެ ވަރާއި އެއަށް ހިޔާނާތްތެރިވެއްޖެނަމަ ހިޔާނާތުގެ ފާފަ ބޮޑުވާނެވަރެވެ.
އެހެންކަމުން އަމާނާތާ ހަވާލުވާންވާނީ އެ އަމާނާތް ބެލެހެއްޓޭނެކަމުގެ ޔަގީންކަން އޮތުމާއެކު، އެކަމުގެ ވަސީލަތްތައް ވެސް ތިމާގެ އަތުގައި ހުރެގެންނެވެ. މީހަކު ރައްކާތެރިކުރާށޭ ކިޔާފައި ދިނަސް އެ އަމާނާތް ބެލެހެއްޓުމުގެ ގާބިލުކަމާއި، އެކަމަށް ބޭނުންވާ ވަސީލަތްނެތި އެފަދަ އަމާނާތަކާ ހަވާލުވުމަކީ، ނިޔަތުގައިވެސް އަމާނާތްތެރިކަން ނެތްކަމުގެ މައްޗަށް އޮތް ފާޅުކަން ބޮޑު ދަލީލެކެވެ.
މިސާލަކަށް މީހެއްގެ ގޭގައި ތަޅު ލެވޭ ދޮރެއް ނެތެވެ. ތަޅުލެވޭ ކޮޓަރިއެއް ނެތެވެ. ގެ ހުންނަނީ ވަގުންގެ މައިދާނެއްގެ މެދުގަ އެވެ. މިފަދަ ހާލެއްގައި ހުރި މީހެއްގެ އަތަށް މީހަކު އަމާނާތެއްގެ ގޮތުގައި ރައްކާތެރިކުރުމަށް މުދަލެއް ދީފިނަމަ އޭގައި ހިފުން ހެޔޮވާނެ ހެއްޔެވެ؟ ހިޔާނާތެއްގެ ތުންފަތްމައްޗަށް އަމިއްލައަށް ހުށަހެޅިގަތުމަކީ ހިޔާނާތެކެވެ. އެއީ ހިޔާނާތެއްކަން އެނގެނީ މާތް ނަބިއްޔާގެ އަރިހުގައި މާތް ﷲ ރުއްސުންލެއްވި އަބޫ ޛައްރު އޭނާއަށް ވެރިކަމުގެ ތެރެއިން ކަމެއް ހަވާލުކުރުމަށް ދެންނެވި ހިނދު ހަދީސްކުރެއްވި ބަސްފުޅުންނެވެ.
"އޭ އަބޫ ޛައްރެވެ. ހަމަކަށަވަރުން ތިބާއީ ބަލިކަށި މީހެކެވެ. އަދި ހަމަކަށަވަރުން އެއީ އަމާނާތެކެވެ. އަދި ހަމަކަށަވަރުން އެއީ ގިޔާމަތް ދުވަހުން ހިތާމަޔާއި ހަލާކެވެ. އެކަން ހައްގުވެގެން އެކަން ލިބިގެނެގެން އޭގެ ހައްގުތައް އަދާކޮށްފި މީހަކަށް ފިޔަވަ އެވެ،"
ހަދީސްބަސްފުޅުގައި ވަނީ "އެމީހެއްގައި އަމާނާތްތެރިކަން ނެތް މީހެއްގެ ކިބައިގައި އީމާންކަން ނުވާކަމަށެވެ. އަދި އަހުދަށް ވަފާތެރިވުން ނުވާ މީހެއްގައި ދީންވެސް ނުވާކަމަށެވެ."
އަމާނާތްތެރިކަން ނެތްނަމަ، އީމާންކަމާއި ދީން އެމީހެއްގެ ކިބައިން ނިގުޅިގެންދާކަމަށް ހަދީސް ބަސްފުޅުގެ އިންޒާރުގައި އައިމާ ކަމުގެ ބޮޑުކަން އިތުރަށް ބުނެދޭކަށް ނުޖެހެ އެވެ. އަމާނާތާއި އަހުދު މިހާވަރަށް ގުޅުވީމާ އެއިން ދޭހަކުރެވޭ ވަރަށް މުހިންމު އެހެން މާނައެއްވެސް އެބަ އޮތެވެ. ވެރިކަމާއި މަގާމުތައް އަދާކުރަންވާނީ އެހަވާލުކުރެވުނު ގޮތެއްގެ މަތީންނެވެ. ވެވިފައިވާ އަހުދުކަށަވަރު، އެފަދަ އަހުދުކަށަވަރަކުން މެނުވީ ބަދަލުކުރުމަކީ މިހަދީސް ބަސްފުޅާ އެއްގޮތްވާނެ ކަމެއްނޫނެވެ.
ވެރިކަމަކީ އަމާނާތެކެވެ. އިންތިހާބުކުރެވޭ ނުވަތަ އައްޔަނުކުރެވޭ މަގާމުތަކަކީ އަމާނާތެކެވެ. ވަޒީފާއަކީ އަމާނާތެކެވެ. މަސްއޫލިއްޔަތެއް އުފުލުން އޮތް ކޮންމެ ކަމަކީ އަމާނާތެކެވެ. އެމަސްއޫލިއްޔަތު އުފުލުމުގައި ގަސްދުގައި ހިންގާ ގޯސްތަކަކީ ކަނޑައެޅިގެންހުރި ބޮޑު ހިޔާނާތެވެ. މަސްއޫލިއްޔަތު އުފުލުމުގެ ގާބިލުކަމެއް ފެންވަރެއް ނެތި ނުވަތަ ތިމާއަށްވުރެ އެކަށީގެންވާ މީހުން ތިއްބައި، ހަމައެކަނި މަގާމުގެ ނަމާއި މަންފާއަށް މަގާމުތަކާ ހަވާލުވުމާއި ހަވާލުކުރުމަކީ ހިޔާނާތްތަކެއްގެ ދަނޑުބިމުގައި ފަސްގަނޑުޖެހުމެވެ. އެއީ ވެސް ހަމަ ހިޔާނާތެވެ. އިހުމާލުތަކުން އުފެދޭ ބޮޑެތި ފަސާދަތައް އާންމުވުމުގެ ފަހަތުގައި، އަބޫޛައްރުގެ ހާދިސާގައި މާތް ނަބިއްޔާ ކަނޑައެޅުއްވި އުސޫލަށް އަމަލުނުކުރުމުގެ ނަތީޖާ ނޫން އެހެން ކަމެއް އޮތްތަނެއް އަހުރެނަކަށް ނުފެނުނެވެ.








