ޓިއުރިން (އޭޕްރީލް 27) - ޔުވެންޓަސް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިނުވެއްޖެނަމަ ޕޯޗުގީސް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމު ދުކޮށްލާނެ ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މީގެ ތިން އަހަރު ކުރިން ޔުވެންޓަސް އިން 100 މިލިއަން ޔޫރޯ ހަރަދުކޮށް ރޮނާލްޑޯ ގެނައި އެންމެ ބޮޑު އަމާޒަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ. ރޮނާލްޑޯ ގުޅުނު ފަހުން ޔުވެންޓަސް އަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފަހަނައަޅައި ދެވިފައިނުވެ އެވެ.
ޔުވެންޓަސް އަށް މިހާތަނަށް ކުޅެދިން 121 މެޗުން 93 ގޯލު ޖަހާފައިވާ ރޮނާލްޑޯ މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލުމުގެ ފުރުސަތު ބޮޑު ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އިޓާލިއަން ލީގުގައި މި ހަފްތާގެ މެޗުތަކަށް ފަހު އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އަށް ގަދަ ހަތަރެއްގައި އޮވެ ލީގު ނިންމާލުމުގެ ޗެލެންޖް ވަނީ ބޮޑުވެފަ އެވެ. ތަށި ދިފާއުކުރުމުގެ ދޮރު ގާތްގަނޑަކަށް ޔުވެންޓަސް އަށް އޮތީ ބަންދުވެފަ އެވެ.
ޗެމްޕިއަންސް ލީގުން ފުރުސަތު ލިބެނީ އިޓަލީގެ ގަދަ ހަތަރު ޓީމަކަށެވެ. ލީގުގެ ފަހު ފަސް މެޗަށް ނުކުންނައިރު ޔުވެންޓަސް މި ވަގުތު އޮތީ ހަތަރު ވަަނައިގަ އެވެ. ގަދަ ހަތަރެއްގެ ފަހު ތިން މަގާމަށް ފަސް ޓީމަކުން ވާދަކުރެ އެވެ.
އެއް ވަަނައިގައި އިންޓަ މިލާން އޮތީ 33 މެޗުން 79 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެޓަލަންޓާ އަށް 33 މެޗުން ވަނީ 68 ޕޮއިންޓް ލިބިފަ އެވެ. ތިން ވަަނައިގައި އޮތީ ޓޮރިނޯ އަތުން ރޭ 2-0 އިން މޮޅުވި ނަޕޯލީ އެވެ. ނަޕޯލީ އަށް 33 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، ހަމަ އެ އަދަދަށް ހަތަރެއްގައި އޮތް ޔުވެންޓަސް އާއި ފަސް ވަނައިގައި އޮތް މިލާނަށް ވެސް ވަނީ ޕޮއިންޓް ލިބިފަ އެވެ. ލާޒިއޯ ހަ ވަނައިގައި އޮތީ 32 މެޗުން 61 ޕޮއިންޓާ އެކު އެވެ. މެޗު ހަމަކުރާއިރު ލާޒިއޯ އަށް މިލާނާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ދެ ޕޮއިންޓަށް ކުޑަކުރެވޭނެ އެވެ. އިޓާލިއަން ލީގުގައި ދެ ޓީމު ޕޮއިންޓް އެއްވަރުވެއްޖެނަމަ ބަލާނީ ހެޑް ޓު ހެޑް ގަވާއިދަށެވެ. އެ އަށް ފަހު ލަނޑުގެ ތަފާތަށް ބަލާނެ އެވެ.
ޔުވެންޓަސްއާ އެކު ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރު ޖޫން މަހު އެވެ. އެކަމަކު އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުވެންޓަސް ޗެމްޕިއަންސް ލީގަށް ކޮލިފައިނުވެއްޖެނަމަ އުމުރުން 36 އަހަރުގެ ރޮނާލްޑޯ އޭނާގެ ކޮންޓްރެކްޓްގައި ބާކީ އޮތް އަހަރު ކެންސަލްކުރަން ހުށަހެޅުމުގެ ފުރުސަތު އެބައޮތެވެ.
ރޮނާލްޑޯ ހޯދަން އޭނާގެ ކުރީގެ ދެ ކްލަބް މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑްގެ އިތުުރުން ޕީއެސްޖީން ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.












