ހަރުކަށި ފިކުރުން ދުރުހެލިވުން

އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އީމާން ކަމަށް ފަހު އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަތަކީ ސިއްހަތު ސަލާމަތުން ހުރުމާއި، އަމަން އަމާންކަން ލިބިގެން ވުމެވެ. އަމަން އަމާން ކަމަކީ ބިރުވެރިކަމާއި ނާމާންކަމުގެ އިދިކޮޅެވެ. އަމަން އަމާންކަމަކީ ހިތްހަމަޖެހުމާއި މަޑުމައިތިރި ކަމާއި ހިތަށް އުފާވެރިކަން ގެނެސްދޭ އެންމެ ހެޔޮ ފަރުވާއެވެ. އަމަން އަމާންކަން އޮންނަ ތަނެއްގާ އެއްވެސް މީހާކު އޭނާގެ ދީނާމެދު އަދި އަމިއްލަ ނަފްސުގެ މައްޗަށް އެއްވެސް ކަމަކާމެދު ބިރުހީވާކަށް ނުޖެހޭނެ އެވެ. އަދި އަބުރާއި އިއްޒަތާއި ކަރާމަތާ މެދު ބިރުގަންނާކަށް ނުޖެހޭނެ އެވެ. މުދަލާއި، ހައްގު ތަކާމެދު ބިރުގަންނާކަށް އަދި ޖެހިލުން ވާކަށެއް ވެސް ނުޖެހޭނެ އެވެ. އަމަން އަމާންކަމަކީ އިންސާނާ ދިރިއުޅުމުގެ އަސްލުތަކުގެ ތެރެއިން އެއް އަސްލެވެ. އިންސާނާ އޭނާގެ ހަޔާތުގައި އަމާން ކަމާނުލައި، ކުރިއެރުމެއް ނުލިބޭނެ އެވެ. އަދި ތަރައްގީގެ މަގުގައި އެއްވެސް ކާމިޔާބީއެއް ނުހޯދޭނެ އެވެ. އަދި ހަމައެޔާ އެކު، އަމާންކަމުގެ ސަބަބުން މީސްތަކުންގެ ހިތުން ބިރުވެރިކަން ފިލައިގޮސް އުފާ ފާގަތި ކަމުގާ ދިރި އުޅޭނެ އެވެ. ހައްގުތައް ރައްކާތެރި ކުރެވޭނެ އެވެ. އަދި ޝަކުވާތައް މަދުވާނެ އެވެ. ރުޅިވެރިކަމާއި ހަސަދަވެރިކަން ފިލައި ދާނެއެވެ.

އިސްލާމް ދީނަކީ ލުއި ފަސޭހަ ކަމުގެ ދީނެވެ. މި ދީނުގައި މީސްތަކުންނަށް އެއްވެސް ދަތި އުނދަގުލެއް އަދި ނުއުފުއްލޭ ފަދަ ބުރަކަމެއް ލައްވާފައި ނުވެއެވެ. މިކަން ބަޔާންކުރައްވާ މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެ އެވެ.

"އަދި دين ގައި އުނދަގޫވެގެންވާ ދަތިކަމެއް އެކަލާނގެ ތިޔަބައިމީހުންގެ މައްޗަކަށް ނުލައްވަތެވެ."

މިއުއްމަތަކީ މެދުމިނުގެ އުއްމަތްކަން ބަޔާންކުރައްވާ މާތް الله ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެ އެވެ.

"އަދި ހަމަ އެފަދައިން، މެދުމިން أمّة އެއް ކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ. އެއީ (قيامة ދުވަހުން) މީސްތަކުންގެ މައްޗަށް ހެކިވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވުމަށްޓަކައެވެ."

ރަސޫލު ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.

"ކަންކަމުގައި ތަކައްލުފު (އުނދަގޫ ގޮތްތައް) އިހުތިޔާރުކޮށް ހައްދުފަހަނަޅައިދާ މީހާ ހަލާކުވެއްޖެ އެވެ. ރަސޫލާ މިފަދައިން ތިންފަހަރު ހަދީސްފުޅުކުރެއްވި އެވެ."

މާތް الله އާއި އެކަލާނގެ ރަސޫލު މިފަދައިން އިސްލާމް ދީނުގެ އުސޫލުތައް ބަޔާންކޮށްފައި ވީނަމަވެސް މީސްތަކުންގެ ތެރެއިން ބަޔަކު މިވަނީ ދީނުގައި ބަޔާންވެގެން ވާ މެދުމިނުގެ އުސޫލުތައް ދޫކޮށް ހަރުކަށިކަން ހިޔާރުކޮށްފަ އެވެ.

ދީނީ ގޮތުން ހަރުކަށިވެ ހައްދުފަހަނަޅައި ދިޔުމުގެ ފިކުރަކީ އިންސާނީ މުސީބާތެކެވެ. އެހެނީ އެކަމުގެ ސަބަބުން އިސްލާމް ދީނާއި މުސްލިމުން ބަދުނާމުވުމަށް ފުރުސަތު ލިބިގެންދެ އެވެ. އަދުގެ ދުނިޔޭގައި ގައިރު މުސްލިމުން، މުސްލިމުންނަށް ފުރައްސާރަ ކުރުމަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި "ހައްދުފަހަނަ އެޅުން" މިބަސް ބޭނުންކުރެ އެވެ. މުސްލިމުންގެ ނަމުގެ ފަހަތަށް ގުޅުވާލެވޭ ނަމެއްގެ ގޮތުގަ އެވެ.

ގައިރު މުސްލިމުން، މީޑިޔާތަކުގައި މުސްލިމުންނަކީ ހައްދުފަހަނަޅައިފައި ވާ ބައެއްކަމުގައި ސިފަކުރެ އެވެ. ގިނަފަހަރަށް މިފަދަ ވާހަކަތައް ދައްކާމީހުން މިވާހަކަތައް ދައްކަނީ އިސްލާމް ދީނަށް ނިސްބަތްވާ ކޮންމެ ވެސް މީހަކު ނުވަތަ ޖަމާއަތަކުން ދީނުގެ ނަމުގައި ހިންގާ ހައްދުފަހަނަ އެޅުމުގެ އަމަލަކަށް ނިސްބަތްކޮށެވެ. އެފަދަ ވާހަކަތައް މީޑިޔާތަކުގައި ދައްކާ މީހުންނަށް އިސްލާމް ދީނުގެ އަސްލު އުސޫލުތަކާއި ހަމަތަކެއް އޮޅުން ފިލާފައެއް ނުވެ އެވެ.

ހަރުކަށިވެ ހައްދުފަހަނަ އެޅުމަކީ މާތް الله އާއި އެކަލާނގެ ނަބިއްޔާ މުހައްމަދު ނަހީ ކުރައްވާފައިވާ އަމަލެކެވެ. ރަސޫލާ ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެ އެވެ.

"ތިޔަބައިމީހުން ހައްދުފަހަނަޅައި ދިޔުމުން ރައްކާތެރިވާށެވެ. އެހެނީ ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރީގެ މީސްތަކުން ހަލާކުވުމުގެ ސަބަބަކަށް ވީވެސް ހަމަ ދީނުގައި ހައްދުފަހަނަޅައި ދިޔުމެވެ." ހަމައެފަދައިން ދީނީ ގޮތުން ހައްދުފަހަނަޅައި ދިޔުމަކީ މީސްތަކުންގެ އަގީދާ ބަލިކަށިވެގެންދާ ކަމެއްވެސްމެ އެވެ. އެހެނީ ހައްދުފަހަނަޅައިދާ މީހާއަށް ޝަރީއަތުގައި ބަޔާންވެގެންވާ ގޮތާއި ދުރަށް ދެވެ އެވެ. މިއަދުގެ މުޖުތަމައުތަކުގައި، ކަންކަމުގައި މީސްތަކުން ދެކޭގޮތް ތަފާތުވެ ހިލާފުތައް ގިނަވުމުގެ ސަބަބުން ވެސް ދީނުގައި ހައްދު ފަހަނަޅައި ދިޔުމުގެ މައްސަލަތައް ގިނަވެފައިވެ އެވެ.

އިސްލާމްދީނުގެ މެދުމިންކަމާއި، ސަމާހަތަކީ އިންސާނީ ސިކުނޑިން އެކަށައަޅާއިފާއިވާ ކަމެއް ނޫނެވެ. އެކަން ކަނޑާއަޅާފައިވަނީ ޝަރުޢީ ނައްސުތަކުންނެވެ. އިސްލާމްދީނުގެ ތައުލީމުގައި ފުރިހަމައަށް ހިފަހައްޓައިގެން ހުންނަ މީހާ މެދުމިން ފަހަނައަޅާއި ދިއުމުން ސަލާމަތް ވާނެ އެވެ. ހައްދު ފަހަނައަޅާފައިވާ މީހާ ނުވަތަ ދީނުގެ ތައުލީމަށް ފުރިހަމައަށް އަހުލުވެރިވެފައި ނުވާ މީހާ މަގު ކަސިޔާރުވެގެންދަނީ، ދީނުގެ ތައުލީމުގައި ފުރިހަމައަށް ހިފަހައްޓާފައި ނުވާތީ އެވެ. އިސްލާމީ ޝަރީއަތަށް ވިސްނައި ފިކުރުކޮށްފި ކޮންމެ މީހަކަށް ފެނިގެންދާނީ، އިސްލާމީ ޝަރީޢަތުގެ ހުކުމްތައް ލެއްވިގެންވަނީ އަޅުތަކުންގެ މަސްލަހަތުތައް ރައްކާތެރިކުރެއްވުމަށް ކަމަށެވެ. އަޅުތަކުންނަށް ގެއްލުން ހުރި ކަންތައްތަކުން އެބައިމީހުން ރައްކާތެރި ކުރެއްވުމަށާއި، އެބައިމީހުންނަށް ދެދުނިޔޭގައި ވެސް ކާމިޔާބު ހުރި ގޮތަށް މަގު ދެއްކެވުމަށް ކަމަށެވެ. މިއަދު އިސްލާމްދީނާމެދު ނުބައި ފިކުރުތަކެއް ވަނީ ފެތުރިގެން ގޮސްފައެވެ. ހައްގު އިސްލާމްދީނުގެ ވިސްނުމާމެދު ގިނަ ބަޔަކު ވަނީ ހައްދު ފަހަނަޅައި ގޮސްފަ އެވެ. އެއްބަޔަކު އިސްލާމްދީނުގެ ލުއި ފަސޭހަކަމުގެ ނަމުގައި ދީނުގެ މަތިވެރި ހުކުމްތަކާއި ޝަރީއަތުގެ މަސްދަރުތައް ދޫކޮށް، ދީނާ ދުރަށް ޖެހެން ފަށައިފި އެވެ. އަނެއް ބަޔަކު އިސްލާމްދީނުގައިވާ ލުއި ފަސޭހަކަމަށް އިންކާރުކުރާ ހާލު ދީނުގެ ނަމުގައި، އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައި ދާންފަށާފައިވެ އެވެ. އެހެންކަމުން އިސްލާމްދީނުގެ ހަގީގީ ލުއިފަސޭހަކަމަކީ ކޮބައިކަން އަޅުގަނޑުމެން ހަނދާނަށް ގެނެސްގަތުމަކީ ނުހަނު ބޭނުންތެރި މުހިއްމު ކަމެކެވެ.

އިލްމުވެރިން ބަޔާން ކޮށް ދެއްވާފައިވާ ގޮތަށް ކީރިތި ގުރްއާނުގެ ސަފުހާތަކަށް ނަޒަރު ހިންގައިލުމުން ފެނިގެންދަނީ، ކީރިތި ގުރްއާނުގައި ބަޔާން ކުރައްވާފައިވާ ސަމާހަތުގެ ވާހަކަ އެވެ. މެދުނިމުގެ ވާހަކައެވެ. މާތް الله ކީރިތި ގުރްއާނުގައި އެކަލާނގެ ނަބިއްޔާ އާއި މުހާތަބު ކުރައްވައި ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެ އެވެ.

"އެއުރެންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ، اللَّه ގެ حضرة ން ލެއްވި رحمة އެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، خُلق ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު عفو ކުރައްވާށެވެ! އަދި، އެއުރެންނަށް ފާފަފުއްސެވުން އެދި ދަންނަވާށެވެ! އަދި، ކަންތަކުގައި ކަލޭގެފާނު އެމީހުންނާ مشورة ކުރައްވާށެވެ! ފަހެ، (ކަމަކާމެދު) ކަލޭގެފާނު عزم ކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު اللَّه އަށް وكيل ކުރައްވާށެވެ! ހަމަކަށަވަރުން، وكيل ކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.

އިސްލާމްދީން ވަނީ މެދުމިނުގެ އުސޫލުތަކެއް ގެނެސްދީ ފަ އެވެ. އަސަބިއްޔަތާއި މަވަންތަކަމުގެ ފިކުރު މުޖުމައުން ފޮހެލުމަށް އަމުރު ކޮށްފަ އެވެ. ހަމައެފަދައިން މަޒްހަބީ ވަންތަކަމާއި، ދީނުގެ އަސަބިއްޔަތުން އެކަހެރިވެ މެދުމިނުގެ ދީން ކަމުގައިވާ އިސްލާމްދީނަށް ބޯލަނބާލުމަށް ގޮވާލާފަ އެވެ.

"އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށްޓަކައި އެކަލާނގެ حق ތައް ފުރިހަމަޔަށް قائم ކުރާ، އަދި عدل އަށް ހެކިދޭ ބަޔަކު ކަމުގައިވާށެވެ! އަދި ބަޔަކުމީހުން ދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން عدل ވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން عدل ވެރިވާށެވެ! އެގޮތް تقوى ވެރިކަމާ ގާތްކަން ބޮޑެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުންކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ.

އިސްލާމްދީނުގެ ލުއިފަސޭހަކަމުގެ މާނައަކީ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައި ދިޔުމެއް ނޫނެވެ. އިސްލާމްދީނަކީ ލުއިފަސޭހަ ދީނޭ ބުނެ، ނަމާދު އޭގެ ވަގުތުގައި އަދާކުރުމުން އެއްކިބާވުމެއް ނޫނެވެ. އަދި އިސްލާމްދީނަކީ ލުއިފަސޭހަ ދީން ކަމަށް ބުނެ، އިސްލާމްދީނުގައި ހެދުން އެޅުމަށް ކަނޑައަޅުއްވާފައިވާ ގޮތާ ހިލާފަށް ހެދުން އެޅުމެއް ވެސް ނޫނެވެ. އެހެނެއް ކަމަކު، އެއީ އިސްލާމްދީނަށް އުޅުމަށް ދެއްވާފައިވާ ފުރިހަމަ ލުއިފަސޭހަކަމެކެވެ. އެއީ އެކަމުގެ ސަބަބުން އިސްލާމްދީނަށް އުޅުމަކީ ބުރައަކަށް ވެގެން ނުދާނެ ކަންތައްތަކެކެވެ. ހުރިހާ ހާލެއްގައިވެސް އަދުލުވެރިކަމުގެ މީޒާނަށް ރުޖޫއަވެގެން މެނުވީ، މިދުނިޔެ އިސްލާހު ނުވާނެ އެވެ. މީހަކަށް އަނިޔާވެރިވެގެން ނުވާނެ އެވެ. އަދި މީހެއްގެ ހައްގެއް ނިގުޅައިގަނެގެންވެސް ނުވާނެ އެވެ.

އިސްލާމްދީނުގެ ލުއިފަސޭހަކަމުގެ ސަބަބުން ކަންކަމުގައި ގަދައަޅާ މަސައްކަތްކުރުން މަނައެއް ނުކުރެ އެވެ. ނަޒާހާތްތެރިކަން ދެމެހެއްޓުމާއި ފަސާދައާ ދެކޮޅަށް މަސައްކަތްކުރުންފަދަ ކަންކަމުގައްޔާއި މަސްތުވާތަކެތީގެ ނުރައްކާތެރިކަން ހުއްޓުވުންފަދަ ކަންކަމުގައިވެސްމެ އެވެ. އަދި އަމާންކަން ނަގާލައި ހަމަނުޖެހުން އުފައްދައި މީސްތަކުން ބައިބައި ކުރާ މީހުން ހުއްޓުވުންފަދަ ކަންކަމުގައިވެސްމެ އެވެ.

އަމަން އަމާން ކަމަކީ ކޮންމެ ފަރުދެއްގެ ވެސް އަސާސީ ހައްގެކެވެ. އެކަން ޙާސިލު ކުރުމަށްޓަކައި މަސައްކަތް ކުރާން ތިބި ބަޔަކީ ވެސް އިންސާނުންނެވެ. މީސްތަކުންނަށް އަމާންކަން ހޯއްދަވާ ދެއްވުމަށްޓަކައި ކީރިތި ރަސޫލާ ވަރަށް މަތިވެރި ގުރުބާނީ ތަކެއް ވެވަޑައިގެންފައި ވެ އެވެ. ދުޝްމަނުންނާ ހަގުރާމަ ކުރެއްވި އެވެ. މަދީނާ އާއި މައްކާ އަމާން ތަނެއް ކަމުގައި ހެއްދެވި އެވެ. އަދާ ޖެހެން ދެންވެސް އެކަންއޮތީ އެގޮތަށެވެ. އަދި ދުނިޔޭގައި އަމާންކަން ގާއިމު ކުރެއްވުމަށްޓަކާ އިންސާނީ ހައްގުތައް ބަޔާން ކުރައްވާފައި ވެއެވެ. އެކަން ވަނީ حَجَّةُ الوَدَاع ގެ ބަލާގާތްތެރި خطبة ގައި ވަރަށް ފުރިހަމައަށް ބަޔާން ކުރައްވާފަ އެވެ. އެކަލޭގެފާނުގެ އެވަސިއްޔަތަށް އަމަލު ކުރުމަކީ، މުސްލިމުންނަށް ވާޖިބު ކަމެކެވެ. އެހެން ކަމުން އެވަސިއްޔަތާ އެއްގޮތަށް އަމަލު ކުރުމުގެ ސަބަބުން، މާތްވެގެންވާ އިސްލާމް ދީނަށް ނަސްރު ދޭބަޔަކުކަމުގައި ވަމާ ހިންގަވާށެވެ!

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި އޮތީ އިސްލާމީ ޓޫރިޒަމެއް؛ ސަބަބުތައް މިއޮތީ!

ދިވެހި ޓޫރިޒަމް ދާއިރާ އިޝްތިހާރު ކުރަން ތިބި މީހުން އެއީ ލާދީނީ ކާފަރު ޓޫރިޒަމެއްކަމަށް ސިފަކުރަމުންދާނަމަ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ މުސްލިމުންނަށް އެދެވެނީ ކޮން ކަހަލަ މެސެޖެއްހެއްޔެވެ؟ އެމީހުންނަށް އެކަންޏެއް ނޫނެވެ. ދީނީ ހަރުކަށި ވިސްނުމުގެ އަހުލުވެރިންނަށް ވެސް އެދެވެނީ ކޮން ކަހަލަ ދައުވަތެއްހެއްޔެވެ؟

އަހަރެމެން ދިވެހިންނާ ހެދި ކިހާ ބަޔަކު އިސްލާމްވެދާނެބާ؟

މުސްލިމުން އިސްލާމްދީން އުގެނި ދަސްކުރީ މާތް ނަބިއްޔާ މުހައްމަދުގެފާނުގެ އަރިހުންނެވެ. މުސްލިމުން އިތުރު އެކަލޭގެފާނުގެ އަރިހުން ދަސްކުރި އަމަލީ އިސްލާމްދީން އިސްލާމީ އުންމަތް އޭގެ ކުރިބޯއްޓަށް އަރާފައި ދުޝްމަނުންގެ އަތުން ބަލިވެ ބަގުދާދު ފުނޑި ސުންނާފަތިވީއިރުވެސް މުސްލިމުންގެ މެދުގައި ދިރިދިރި އޮތެވެ. މީގެ އެތައް މިސާލެއް ތާރީހުން ފެނެ އެވެ.

ޚަލީފާ އަބޫޖަޢުފަރުލް މަންޞޫރަށް މުޤާތިލް ދެއްވި ނަސޭހަތް

މިވާހަކައިން އިޝާރާތްކުރަނީ، ތިމާގެ ދަރިފަސްކޮޅުގައި ބަރަކާތްލެވި އެބައިމީހުންގެ މުދާވެރިކަމާއި މުއްސަނދިކަން އިތުރުވެ ވެރިންގެ ދަރިންގެ މުސްތަގުބަލު އުޖާލާކުރެއްވުން ގުޅިފައި އޮތީ، އަދުލުވެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންގެ ފައިސާއަށް ރައްކާތެރިވެގެން ވެރިކަން ކުރެވުނު މިންވަރެއްގެ މައްޗަށްކަމެވެ.

ވާހަކައަކުން ކިޔާ މީ އީދު ތަހުނިޔާ

ހަމަކަށަވަރުން ނަރަކައިގައި ޖާޑިތަކެއް ފަދަ ހަރުފަތަކަކާއި ބަޣަލްތަކެއް ފަދަ ނަގުލަންދާށިތަކެއް ލެއްވިފައިވެއެވެ. އެތަކެތި ވިހަލައި ކަށިޖަހައި އުޅެނީ ރައްޔިތުންނަށް އަދުލުވެރި ނުވާ ވެރިންގެ ގަޔަށެވެ.

މިރޭ އީދަށް ހަނދެއް ނުފެންނާނެ

ބުދަ ދުވަހަކީ ފަލަކީ ގޮތުން މުލަ ރޯދަ ދުވަސް

ޒަކާތު ފައިސާ އިންވެސްޓްކުރުން ހުއްދަތަ؟

Newsletter

Get the latest news delivered straight to your inbox