ބޮޑު ހިޔާނާތް އަލުން ހިލި، އެމްޑީޕީ މެމްބަރުންގެ ކޯޅުމާއި ބޮޑެތި ތުހުމަތުތައް

ބޮޑު ހިޔާނާތުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި މިއަދު އަލުން ހިލި އެމްޑީޕީ މެމްބަރުންގެ މެދުގައި ވަނީ ބޮޑެތި ތުހުމަތުތައް އަމާޒުކޮށްފަ. -އިލަސްޓްރޭޝަން: އަހުމަދު އިހުސާން/ އަދަދު

ބޮޑު ހިޔާނާތުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި މިއަދު އަލުން ހިލި އެމްޑީޕީ މެމްބަރުންގެ މެދުގައި ވަނީ ބޮޑެތި ތުހުމަތުތައް އަމާޒުކޮށްފަ. -އިލަސްޓްރޭޝަން: އަހުމަދު އިހުސާން/ އަދަދު

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި މިއަދު އަލުން ހިލިފައިވާއިރު، މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީ މެމްބަރުންގެ މެދުގައި ވަރުގަދަ ބަހުގެ ހަމަލާތަކާއި ބޮޑެތި ތުހުމަތުތައް އަމާޒުކޮށްފި އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކުރީ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގައި ހިމެނޭ މީހުންގެ ތަފްސީލުތަކާއި އެ މައްސަލަ ގޮސްފައިވާ ހިސާބެއް ހޯދައި ދިނުމަށް ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފު ސިޓީއަކުން މިދިޔަ މާޗު މަހު ރިޔާސަތުގައި އެދިވަޑައިގެންފައިވާ ކަމަށެވެ.

އެ ސިޓީގައި ހަސަން ލަތީފު ލިސްޓު ކުރައްވާފައިވަނީ ޝަރުއީ ދާއިރާ އާއި ސަލާމަތީ ހިދުމަތްތަކާއި މިނިވަން މުއައްސަސާތަކާއި މަޖިލީހާއި ވަޒީރުންގެ މަޖިލީހުގެ ކުރީގެ އަދި މިހާރުގެ ބޭފުޅުންނެވެ.

ނަޝީދު ވިދާޅުވީ އެ ސިޓީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާގުޅޭ ކޮމިޓީއަށް ފޮނުއްވި ކަމަށެވެ.

އެ މައުލޫމާތު ހޯދަން އެންމެ އައުލާކަންބޮޑީ މަޖިލީހުގެ 241 ކޮމިޓީއަށް ކަމަށް ވިދާޅުވެ ކޮމިޓީގެ މުގައްރިރު ޖަވާބު ދެއްވާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ހިޔާނާތާގުޅޭ ހަގީގަތަކީ ރައްޔިތުންގެ ނަޒަރު ހުއްޓިވާފައިވާ މައްސަލައަކަށްވާތީ، އެ މައުލޫމާތު ހޯދަން އިއްޔެ އެދިފައިވާނެކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު އެދިއްޖައިން ޕްރޮސެކިޔުޓާ ޖެނެރަލް އަރިހުގަ އާއި އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި ފުލުހުންގެ ކިބައިން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އެ އެދިވަޑައިގަންނަވާ މައުލޫމާތު ސާފުކޮށް ދިނުމަށް،" އެމަނިކުފާނު ހާމަކުރެއްވި އެވެ.

އެ މައުލޫމާތު ލިބުމުން މަޖިލީހުގެ މެމްބަރުންގެ އިތުރުން ރައްޔިތުންނާ ވެސް ހިއްސާކުރައްވާނެ ކަމުގެ ޔަގީންކަން ނަޝީދު މިއަދު ދެއްވި އެވެ.

ކޯޅުމާއި ތުހުމަތުތައް

ނަޝީދު އެހެން ވިދާޅުވުމަށްފަހު ހުޅުވާލެއްވީ ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ ހުށަހަޅުއްވާފައިވާ ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސަށެވެ. ނަމަވެސް، ފަހަކަށް އައިސް ތަޅުމުން ފެންނަ މަންޒަރާ އެއް ގޮތަށް ފުރުސަތު ލިބުނު މަދު މެމްބަރަކު ފިޔަވައި، ގިނަ މެމްބަރުން ބަހުސްކުރެއްވީ އެ ބިލަކަށް ނޫނެވެ. ކޮންމެ މެމްބަރަކުވެސް ވާހަކަ އަނބުރާލެއްވީ ބޮޑު ހިޔާނާތަށެވެ.

އެއާއެކު ހިޔާނާތުގެ މައްސަލާގައި އެމްޑީޕީގެ ތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުޅޭކަން މިއަދު ވަނީ ހާމަވެފަ އެވެ.

އެގޮތުން، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވި ގޮތުގައި އޭނާއަށް ދިމާއަށް އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރެވޭ ކަމަށާއި ނަމަވެސް އެކަމުގައި އެއްވެސް ހަގީގަތެއްނެތް ކަމަށެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް

"އަޅުގަނޑު މި ތަނުގައި ވޯޓު ދީފައި އޮންނާނީ މަނިކުފާނު [ނަޝީދު] ވިދާޅުވި ގޮތަކަށް. ޑީލް ހެއްދެވިއްޔާ ހަދާފައި އޮންނާނީ މަނިކުފާނު،" ރިޔާސަތުގައި އިންނެވި ނަޝީދަށް އިޝާރާތް ކުރައްވަމުން ޝަރީފް ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ މަރަދޫ ދާއިރާގެ މެމްބަރާ ދެމެދު އެއްވެސް ބާވަތެއްގެ މުއާމަލާތެއް ހިނގާފައެއް ނުވާނެ ކަމަށެވެ.

"މެމްބަރު އަމިއްލަފުޅަށް ހިންގެވި މަސައްކަތެއް ތެރޭގައި އެހެން ބޭފުޅުން އޭގެ ތެރޭގައި ހިމަނަން މަސައްކަތް ކުރެއްވުމަކީ ބުއްދިވެރިކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

އެ ވާހަކަ ސާފުކޮށް ދެއްވަމުން ޝަރީފް އިތުރަށް ވިދާޅުވީ ޕާޓީގެ ނިންމުމާ ހިލާފަށް ތަޅުމުގައި އެއްވެސް ވޯޓެއް ދެއްވާފައިވާ ނުވާނެ ކަމަށެވެ.

އެއާއެކު ނަޝީދު ވަނީ ޝަރީފަށް އަނެއްކާވެސް ރައްދެއް ދެއްވައިފަ އެވެ.

"މިހާރު ތީގައި އޮވޭ ދިވެހި ހަރު ބަހެއް. އެއީ މިސްކިތު ހުޅުޖެހި މީހާއަށްވީ ގޮތް. އެއީ ދިވެހި ހަރު ބަހެއް،" ވަރަށް ބޮޑަށް ހިނިފުޅުވަޑުވަމުން ނަޝީދު ވިދާޅުވި އެވެ.

އެ ހިސާބުން ދޫނުކުރައްވައި، ޝަރީފް ވިދާޅުވީ ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ލައްވާ އޭނާއަށް ތުހުމަތުތައް ކުރަމުންދާ ކަމަށެވެ. އެގޮތުން، ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް މިއަދު ހެނދުނު ވެސް އެފަދަ ތުހުމަތެއް ކުރެއްވި ކަމަށް ޝަރީފް ވިދާޅުވި އެވެ.

އަދި ހަލީމަކީ ނަޝީދުގެ ވެރިކަމުގައި ވެރިކަމުގައި ގަވައިދާ ހިލާފަށް ދެ ރަށެއް ދިން މީހެއް ކަމަށް ޝަރީފް ތުހުމަތު ކުރެއްވި އެވެ.

"އަޅުގަނޑު ނުދައްކާ ވަރަށް ގިނަ ވާހަކަ އެބަހުރި. ޕާޓީގެ މަސްލަހަތަށްޓަކާ ނުދައްކާ ވާހަކަ އެބަހުރި. އަދި އަޅުގަނޑުމެންގެ އަތުގަ ރެކޯޑިންވެސް އެބަހުރި،" ޝަރީފް ވިދާޅުވި އެވެ.

އެއާއެކު ބަހުސްގެ ތެރެއިން އެމްޑީޕީގެ ދެ މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތަކާއި ތުހުމަތުތައް ބަދަލުކުރެވުނެވެ.

ހަލީމަށް ލިބުނު ފުރުސަތުގައި ވިދާޅުވީ 18 ވަނަ މަޖިލީހުގައި ތިބި އެމްޑީޕީގެ ބައެއް މެމްބަރުން ވެސް އެމްއެމްޕީއާރުސީގެ ވައްކަމުގައި ބައިވެރިވި ކަމަށެވެ.

"ހާއްސަކޮށް މަރަދޫ ދާއިރާގެ މެމްބަރަކީ ވައްކަމުގައި އިންތިހާއަށް ބައިވެރިވެފައި ހުރި ފަރާތެއް. އެއީ މި ދައުރަކު ނޫން ހުރިހާ އިރެއްގައި ވެސް ވައްކަމުގައި އުޅުއްވާ ބޭފުޅެއް،" އޭނާ ތުހުމަތު ކުރެއްވި އެވެ.

އަދި އެ ތުހުމަތުތައް ސާބިތުކޮށްދޭން ލިޔުމަކާއި ފުލުސް އޮފީހުން ނަގާފައިވާ ބަޔާނެއް އެބައޮތް ކަމަށާއި، އެއީ ބިލެއް ހުށަހަޅަން ޝަރީފް މިލިއަނުން ފައިސާ ނަންގަވާފައިވާ ކަމުގެ ހެކި ކަމަށެވެ.

އެއާއެކު ނަޝީދު ވަނީ އެ ބަޔާން މަޖިލީހަށް ހުށަހަޅައި ދެއްވުމަށް ހަލީމްގެ އަރިހުން އެދިވަޑައިގެންފަ އެވެ.

ޝަރީފްގެ ތުހުމަތަށް ރައްދު ދެއްވައި، އެއްވެސް ކަމަކަށް އެއްވެސް ސަރުކާރެއްގައި ރަށެއް ހޯދާފައިނުވާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.

އީވާގެ ވެސް ބޮޑު ތުހުމަތެއް

އެ ބަހުސްގެ ތެރެއިން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވެސް ވަނީ ވަރަށް ވަރުގަދަ ވާހަކަތަކެއް ދައްކަވައިފަ އެވެ.

އީވާ ވިދާޅުވި ގޮތުގައި ހާއްސަކޮށް މަޖިލީހުގެ ތަޅުމުގައި އެއް މެމްބަރަކު އަނެއް މެމްބަރަކު ބޮޑެތި ތުހުމަތުތައް އަމާޒުކުރަމުންދާއިރު، އެ ހިޔާނާތުގެ ހަގީގަތް ހޯދަންޖެހޭ އެންމެ ބޮޑު މަގުސަދަކީ އެއީ އެވެ. އަދި އެފަދަ ތުހުމަތުތެއް ކުރެވެންޖެހޭނީ ހިޔާނާތް ބަލާ ރިޔާސީ ކޮމިޝަނާއި، ފުލުހުންގެ އިތުރުން އޭސީސީން އެ މައްސަލަ ބަލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މަޖިލީހުގައި އެމްޑީޕީގެ ސާފު އަގުލަބިއްޔަތު އޮތް ނަމަވެސް، އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ބަލަން މަސައްކަތެއް ކުރާ ތަނެއް ނުފެންނަ ކަމަށް އީވާ ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ރިޔާސަތުން އިސްނަގައިގެން އެ މައްސަލަ ބަލަން ކޮމިޓީތައް ހަދައިގެން ކޮމިޓީތަކަށް ފޮނުވައިގެން ބޭނުންވާ މިންވަރުގެ ކުރިއެރުމެއް ނުލިބޭ ކަމަށެވެ.

އީވާ ވިދާޅުވި ގޮތުގައި ހަސަން ލަތީފު އެ މައްސަލަ ބަލަން ހުށަހެޅުއްވީ، ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދޭން އައި ބަޔަކު ދައުލަތާ ހަވާލުވެ ތިބިއިރު، އެފަދަ ބޮޑު ހިޔާނާތެއްގައި ހިމެނޭތޯ ބެލުމަކީ މުހިއްމުކަމެއްވާތީ ކަމަށެވެ.

އަދި ނަޝީދު މިހާރު އެދިވަޑައިގެންފައިވާ މައުލޫމާތު ލިބުމުން، އެކަން މުޅި މަޖިލީހުގެ ކޮމިޓީއަކުން ބެލުމަށް އީވާ އެދިވަޑައިގެންނެވި އެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ

މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލިސް

"އަޅުގަނޑަކަށް މިހާރު އިތުބާރެއް ނުކުރެވޭ މަޖިލީހުގައި މި އޮންނަ ކޮމިޓީތަކަށް ފޮނުވައިގެން ދެން މި މައްސަލަ ބެލޭނެ ކަމަކަށް. އަޅުގަނޑު މިހާރު އިތުބާރު ކުރަނީ ހުދު މަނިކުފާނަށް. އެހެންވީމާ އަޅުގަނޑު އެދެނީ މަނިކުފާނުގެ ބެއްލެވުމުގެ ދަށުން މި ތަޅުމުގައި ހާމަކަން ބޮޑު ގޮތެއްގައި ބައްލަވައި ދެއްވުމަށް،" އީވާ ވިދާޅުވި އެވެ.

އީވާ އެހެން ވިދާޅުވިއިރު، މަޖިލީހުގެ ހުރިހާ ކޮމިޓީތަކެއްގެ ވެސް ތަނަވަސް އަގުލަބިއްޔަތު އޮންނަނީ އެމްޑީޕީ އަށެވެ. އަދި ގަވައިދު ކޮމިޓީ ފިޔަވައި އެހެން ހުރިހާ ދާއިމީ ކޮމިޓީތަކެއް މުގައްރިރުންނަކީ ވެސް އެމްޑީޕީ މެމްބަރުންނެވެ.

އީވާގެ ވާހަކަފުޅާ ގުޅިގެން ނަޝީދު ވިދާޅުވީ ހިޔާނާތާ ގުޅިގެން ހޯދިފައިވާ 70،000 ޓެކްސްޓު މެސެޖު ހިމެނޭ ޕެން ޑްރައިވެއް މަޖިލީހަށް ލިބިފައިވާ ކަމަށާއި، އެ ޕެންޑްރައިވް ސަލާމަތީ ހިދުމަތްތަކާގުޅޭ ކޮމިޓީއަށް ފޮނުވުމުގެ އިތުރުން މަޖިލީހުގައި އެ އަރުޝީފު ވެސް ކުރެވިފައިވާނެ ކަމަށެވެ.

"އެހެންވީމާ އެ މައުލޫމާތު މި ތަނުގައި މިހާރު ހުންނާނެ. ދެން މެމްބަރުން ބައިނަލްއަގުވާމީ މާހިރުން ބޭނުން ކުރައްވައިގެން މިކަން ހޯއްދަވަން ބޭނުންވެވަޑައިގަންނަވަންޏާ އެކަން ކުރެވޭނެ،" ފޮރެންސިކް އެކައުންޓަޓުން މި ބާވަތުގެ މަސައްކަތް ވަރަށް ކާމިޔާބުކަމާއެކީ ކުރާކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ވައުދެއް

މިއަދު ކުރިއަށް ދިޔަ ބަހުސްގެ ތެރެއިން ރިޔާސަތުގައި އިންނަވައިގެން ނަޝީދު އެކި ވާހަކަތަކެއް ދެއްކެވިއިރު، ރައްޔިތުންނަށް އެމަނިކުފާނު ވަނީ ވައުދެއްވެސް ވެވަޑައިގެންފަ އެވެ.

ނަޝީދު ވިދާޅުވީ އެ ހިޔާނާތުގެ ހިޔަނި މަޖިލީހަށް ވެސް އެޅިފައިވާއިރު، އެކަން ނުބަލައި މަޖިލީހުން ދޫކޮށް ނުލާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

މިގޮތުން، ދައުލަތުގެ ހަޒާނާއިން އެތައް މިލިޔަން ރުފިޔާއެއް ނާޖާއިޒު ގޮތުގައި މަޖިލީހުގެ މެމްބަރުންނަށާއި ވަޒީރުންނަށާއި އަދި އެހެން ވެސް މުއައްސަސާތަކުގައި ތިބި އެތައް ބަޔަކަށް ބަހައިލެވުނު ގޮތް ވަރަށް ތަފްސީލުކޮށް، ހެއްކާއި ގަރީނާއާ އެކުގައި ސަަރުކާރުގެ ކަމާ ބެހޭ ކޮމިޝަނަށްް ހުށަހެޅިފައިވާނެކަމަށް ވިދާޅުވި އެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ

މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ނަޝީދު ބަލަހައްޓަވަނީ. -ފޮޓޯ: މަޖިލިސް

ނަޝީދު ވިދާޅުވީ އެކަމުގައި 200 އަށް ވުރެ ގިނަ މީހުންނާ ދެކޮޅަށް ދައުވާކުރަން ޖެހޭކަން މިހާރު ވެސް ފާހަަގަވެފައިވާ ކަމަށާއި އެ ދައުވާތައް ކުރިއަށް ގެންދާނެ ކަމާ މެދުގައި އެމަނިިކުފާނަށް ޝައްކެއް ނެތް ކަމަށެވެ.

"އިއްޒަތްތެރި ބައެއް މެމްބަރުންގެ ގޮނޑިފުޅު ވެސް ގެއްލިދާނެ. ބަައެއް ބޭފުޅުންގެ މަގާމުފުުޅު ވެސް ގެއްލިދާނެ އަދި އަނެއްބައި ބޭފުޅުންނަށް އިތުރު އެެހެން ގޮތްގޮތް ވެސް ވެދާނެ،" ނަޝީދު ނުސީދާ އިންޒާރެއް ދެއްވި އެވެ.

އެމްއެޕީއާރުސީ ހިޔާނާތުގެ މައްސަލަ މަޖިލީހުގައި ހޫނުވެފައިވާއިރު، އެކަމުގައި ތުހުމަތުވާ އެއްވެސް މީހަކަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ވަނީ ފާސްްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރުމުން އެމްޑީޕީގެ ކަންބޮޑުވުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރޭ. އެ ޕާޓީން ބުނީ މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް.

"ރަސްމާލެ ކުއްޔަށް ދެވިގެން ނުވާނެ، އެކަމާ ދެކޮޅު ހަދަންޖެހޭ"

ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، ޝަމްހީދު އެކަމާ ދެކޮޅު ހައްދަވާ. މަޖިލީހަށް ސިއްރުން މިފަދަ އަގުހުރި ބިންތައް ދޫކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި.

ބީއެމްއެލްއިން 12 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތަކާއި 3 ބުރީގެ ކޮމާޝަލް އިމާރާތެއް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ތަޖުރިބާކާރު ކުންފުނިތަކަކަށް ވާންޖެހޭއިރު، މަޝްރޫއު ކުރިއަށް ގެންދަންޖެހޭނީ ކޮންޓްރެކްޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން.

މާދަމާއަށް ތާވަލުކުރި ޔާމީންގެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި. މީގެ އިތުރުން، ވ. އާރަށް މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެއް މި މަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި.

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކްޓިވިސްޓު މުހައްމަދު ޝާމިން ހައްޔަރުކުރީ، އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުކޮށްފަ.

އަބޫދާބީ ކުންފުނީގެ ފްލެޓުތައް ސަރުކާރަށް ލިބެނީ ހިލޭ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓަކީ ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުވަތަ ފައިނޭންޝަލް ކޮމިޓްމަންޓެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ބުނޭ.

ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވި.

Newsletter

Get the latest news delivered straight to your inbox