މިއުނިކް (އޭޕްރީލް 24) - ޖަރުމަނު ލީގުގައި މިރޭ މައިންޒް އަތުން 2-1 އިން ބަލިވެ ބަޔާން މިއުނިކުން ލީގު ކަށަވަރުކުރަން ކުރާ އިންތިޒާރު ދިގުވެއްޖެ އެވެ.
މިރޭގެ މެޗުން މޮޅުވެގެން ޖެހިޖެހިގެން ނުވަ ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ބަޔާނަަށް އޮތެވެ. މި ވަގުތު ލީގުގެ އެއް ވަނައިގައި ބަޔާން އޮތީ 31 މެޗުން 71 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާރްބީ ލައިޕްޒިގަށް ވަނީ 30 މެޗުން 61 ޕޮއިންޓް ލިބިފަ އެވެ.
މައިންޒް ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ޖޮނަތަން ބުރްކާޑް އޭރިއާބޭރުން ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ ކައިރިން ޖެހި ގޯލުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މައިންޒުން ލީޑުފުޅާކުރި އެވެ. އެ ޓީމުގެ ލަނޑު ޖަހައިދިނީ މެޗުގެ 37 ވަނަ މިނިޓްގައި ރޮބިން ކުއާއިސަން ބޮލުންނެވެ.
ބަދަލުތަކެއް ގެނެސްގެން ދެ ވަނަ ހާފްގައި ބަޔާނުން ލަނޑެއް ޖަަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ އަނިޔާ އަށް ފަހު ކުޅުމަށް އެނބުރި އައި ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އެވެ. ބަޔާނުން އެންމެ ފަހުން ކުޅުނު ފަސް މެޗުގައި އަނިޔާގެ ސަބަބުން ލެވަންޑޯސްކީ ނުކުޅެ އެވެ.
މިއީ 2016 ވަނަ އަހަރަށް ފަހު މައިންޒް އިން ބަޔާން ބަލިކުރި ފުރަތަމަ ފަހަރެވެ. ލީގުގައި ބާކީ އޮތް ތިން މެޗުން ޗެމްޕިއަންކަން ހޯދަން ބަޔާނަށް މި ވަގުތު ބޭނުންވަނީ ތިން ޕޮއިންޓެވެ. އެކަމަކު ދެ ވަނައިގައި އޮތް ލައިޕްޒިގު ކުޅޭ މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން ބަޔާނަށް ތިން ޕޮއިންޓް ނުހޯދައި ވެސް ލީގު ކަށަވަރުވެދާނެ އެވެ.
ވުލްފްސްބާގް ދަނޑުގައި މިރޭ ބޮރޫޝިއާ ޑޯޓްމަންޑުން ވަނީ އެއް ކުޅުންތެރިއަކު މަދުކޮށް 2-0 އިން މޮޅުވެފަ އެވެ. ޑޯޓްމަންޑްގެ ދެ ގޯލު ޖެހީ އާލިން ބްރައުޓް ހާލަންޑް އެވެ. އެ ޓީމަށް ކުޅޭ އިނގިރޭސި ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންހަމަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. ޑޯޓްމަންޑް އޮތީ 31 މެޗުން 55 ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ.












