ލިވަޕޫލް (އޭޕްރީލް 24) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފަހު ސިކުންތުކޮޅުގެ ތެރޭގައި ނިއުކާސަލް ޔުނައިޓެޑުން ޖެހި ގޯލުން 1-1 އިން ލިވަޕޫލާ އެއްވަރުކުރިއިރު، ގަދަ ހަތަރެއްގެ ރޭހުގައި ލިވަޕޫލުން ބޮޑު ފުރުސަތެއް ނަގާލައިފި އެވެ.
މިރޭގެ މެޗުން މޮޅުވެގެން ލިވަޕޫލަށް ލީގުގެ ހަތަރު ވަަނަ އަށް ޖެހިލައި މި ރޭހުގައި އެ ޓީމަށް ވުރެ ކުރީގައި އޮތް ޗެލްސީ އާއި ވެސްޓް ހޭމް އަށް ޕްރެޝަރު ކޮށްލުމުގެ ފުރުސަތު އޮތެވެ. އެކަމަކު އެއްވަރުވުމުން ހަފްތާއެއްގެ ތެރޭގައި މުހިއްމު ދެ ވަނަ ފުރުސަތެއް ގެއްލުނީ އެވެ. ނިއުކާސަލް އަތުން ލިބުނު ޕޮއިންޓާ އެކު ލިވަޕޫލް އޮތީ ލީގުގެ ހަ ވަނައިގަ އެވެ. އެއީ 33 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ.
ވެސްޓް ހޭމް އާއި ޗެލްސީ މިރޭ ގަދަ ހަތަރެއްގެ ރޭހުގައި މުހިއްމު މެޗެއް ކުޅޭނެ އެވެ. ޗެލްސީ މި ވަގުތު ހަތަަރެއްގައި އޮތީ ފަސް ވަނައިގައި އޮތް ވެސްޓް ހޭމްއާ އެއްވަރަށް 32 މެޗުން 55 ޕޮއިންޓް ހޯދި ނަމަވެސް ލަނޑުގެ ތަފާތުން ކުރި ހޯދައިގެންނެވެ.
ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ތިން ވަނަ މިނިޓްގައި މުހައްމަދު ސަލާހު ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. މި ގޯލާ އެކު ސަލާހު ވަނީ ލިވަޕޫލަށް މި ފަހަރު ލީގުގައި 20 ގޯލު ހަމަކޮށްދީ ރެކޯޑެއް ހަަދައިފަ އެވެ. އޭނާ އަކީ ޕްރިމިއާ ލީގުގެ ތިން ސީޒަނެއްގައި 20 ގޯލު ހަމަކުރި ލިވަޕޫލްގެ ފުރަތަމަ ކުޅުންތެރިޔާ އެވެ.
ސަލާހުގެ ގޯލުން ލިވަޕޫލް ފުރަތަމަ ހާފު ލީޑުނެގި ނަމަވެސް ދެން މުޅި މެޗުގައި ކަހަލަ ގޮތަކަށް އެ ޓީމަށް ލަނޑު ޖަހަން ލިބުނު އެއްވެސް ފުރުސަތެއްގެ ބޭނުމެއް ނުހިފުނެވެ. ސަލާހުގެ އިތުރުން ސަަޑިއޯ މާނޭ އާއި ޑިއޯގޯ ޖޮޓާ އަތުން މުހިއްމު ގިނަ ފުރުސަތުތަކެއް ގެއްލުނެވެ.
މިދިޔަ ހޯމަ ދުވަހު ލީޑްސް އިން ވެސް ވަނީ ފަހު ވަގުތު ލިވަޕޫލާ އެއްވަރުކޮށްފަ އެވެ. މި މެޗުގައި ނިއުކާސަލް އިން ވެސް އެކަން ތަކުރާރުކުރީ އެވެ. އިތުރު ވަގުތުގެ ފުރަތަަމަ މިނިޓްގައި ނިއުކާސަލްގެ ކަލުމް ވިލްސަން ޖެހި ގޯލު ބަލައިނުގަންނަން ނިންމީ އޭނާ އަތުގައި ބޯޅަ ޖެހުނު ކަމަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ދެއްކުމުންނެވެ. އެކަމަކު އިތުރު ވަގުތުގެ ފަހު ސިކުންތުގައި ޖޯ ވިލޮކް ވަނީ ގޯލެއް ޖަހައި ނިއުކާސަލް އަށް މުހިއްމު ޕޮއިންޓެއް ހޯދައިދީފަ އެވެ.
ލީގުގެ 15 ވަނައިގައި ނިއުކާސަލް އޮތީ 33 މެޗުން 36 ޕޮއިންޓް ހޯދައިގެންނެވެ.
މި މެޗުން މޮޅުނުވެވެވުމުން ލިވަޕޫލުން ގަދަ ހަތަރެއްގައި ނިންމައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅެން ކުރާ މަސައްކަތަށް އިތުރު އުނދަގޫތަކެއް ވަނީ ކުރިމަތިވެފަ އެވެ.
މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މި ގޮތަށް ކުޅޭނަމަ ލިވަޕޫލަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ހައްގުނުވާކަމަށާއި ފަރުވާކުޑަކޮށްލުމުގެ އަގު ދައްކަން ޖެހޭތީ ކުޅުންތެރިން އެކަން ސީރިއަސްކޮށް ނަގަން ކުރިއަށް ހުރި މެޗުތަކުގައި ޖެހޭނެ ކަމަށެވެ.












