ލަންޑަން (އޭޕްރީލް 23) - މުޅި ދުނިޔޭގެ ކްލަބް ފުޓްބޯޅައިގެ އެންމެ މަގުބޫލު މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގު 2024 އިން ފެށިގެން ކުޅެން ނިންމާފައިވާ ފޯމެޓަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ދާދި ފަހުން ޔުއެފާ އިން ފާސްކުރި ޗެމްޕިއަންސް ލީގުގެ އާ ފޯމެޓްގައިވާ ގޮތުން ކުރިން 32 ޓީމު އަށް ގްރޫޕަށް ބަހާލައިގެން އެ ގްރޫޕްތަކުގެ މެދުގައި ކުޅެމުން އައި ގްރޫޕް ސްޓޭޖު ދެން ނޯންނާނެ އެވެ. އޭގެ ބަދަލުގައި 36 ޓީމުގެ މެދުގައި "ސްވިސް ރޫލް" އިން ކުޅޭ ލީގު ބުރެއް ކުޅޭނީ އެވެ. އެ ގޮތުން ކޮންމެ ޓީމަކަށް ލީގު ބުރުގައި 10 މެޗު ކުޅެން ލިބޭނެ އެވެ. އެއީ ފަސް މެޗު އަމިއްލަ ދަނޑުގައި އަދި ފަސް މެޗު ރަށުންބޭރުގަ އެވެ. ކުރިން ގްރޫޕް ސްޓޭޖުގައި ހަ މެޗު ކުޅެން ޖެހޭއިރު، އާ ފޯމެޓާ އެކު ފުރަތަމަ ބުރުގައި އިތުރު ހަތަރު މެޗު ކުޅެން ޖެހޭނެ އެވެ.
ފުރަތަމަ ބުރުގެ ގަދަ އަށް ޓީމަށް ގަދަ 16 ޓީމުގެ ނޮކައުޓް ފުރަތަމަ ބުރުން ފުރުސަތު ލިބޭނެ އެވެ. އަނެއް އަށް ޓީމު ހޮވާނީ ފުރަތަމަ ބުުރުގެ ނުވަ ވަނައިން ފެށިގެން 24 ވަަނައާ ދެމެދުގެ ޓީމުތައް މެދުގައި ކުޅޭ ޕްލޭއޮފް ބުރަކަށް ފަހު އެވެ. ގަދަ 16 ބުރަށް ފަހު ދެން މުބާރާތް ކުޅޭނީ މިހާރު ވެސް ނޮކައުޓް އުސޫލުން މި ކުޅޭ ގޮތަށެވެ. ޗެމްޕިއަންސް ލީގުގެ އާ ފޯމެޓާ މެދު ގިނަ ބަޔަކު ހިތްހަމަ ނުޖެހޭ ސަބަބަކީ ޗެމްޕިއަންސް ލީގުގެ ހަތަރު ޖާގައެއް ޔުއެފާގެ ޕޮއިންޓް ރޭންކިން އަށް ބަލައިގެން ދޭގޮތަށް އޮތުމުންނެވެ.
އެކަމަކު ގާޑިއޯލާ ހިތްހަމަނުޖެހުނީ ޔުއެފާ އާއި ފީފާ އިން މުބާރާތްތަކުގެ ފޯމެޓަށް ގެންނަ ބަދަލާ އެކު ކުޅެން ޖެހޭ މެޗުތަކުގެ އަދަދު އިތުރުވާއިރު އޭގެ އިން ކުޅުންތެރިންނަށް ލިބޭ ގެއްލުމަށް ވިސްނާފައިނުވާތީ އެވެ.
"އަހަރެމެން މެނޭޖަރުން (ކޯޗުން) މި ޑިމާންޑްކުރާ ކަމަކީ ކުޅުންތެރިންނަށް ވިސްނާލުން. އެކަމަކު އަޑުއަހާނެ ބައެއް ނެތް. އަހަރެމެންގެ ލަފާ ދިނަސް އެއާ މެދު ވިސްނާތަނެއް ނުފެނޭ. ކަލަންޑަރު ހަދާއިރު ގިނަ މެޗުތަކެއް ކުޅެން އެ މީހުން ބޭނުންވިއްޔާ އެކަން ވެސް ކުރަންވީ. އެ މީހުން ބޭނުންވާ ގޮތަށް މި ޝޯ ކުރިއަށްދާން ޖެހޭނެ،" ހިތްހަމަނުޖެހިފައި ހުރެ ގާޑިިއޯލާ ބުންޏެވެ.
"އަހަރެންގެ ވަޒީފާ އަކީ ކުޅުންތެރިންނާއި ޓީމު މޮޅުކޮށްދިނުން. މާދަމާ ވެސް އެ މީހުން ވޯލްޑް ކަޕް ބާއްވާނީ 56 ޓީމުގެ މެދުގައޭ ބުންޏަސް ހަމައެ ގޮތަށް ދާންވީ. މެޗުތައް ކުޅެންވީ ކުޅުންތެރިންނަށް ވާ އުނދަގުލެއް ބެލުމެއް ނެތް.،"
ޔުއެފާ އިން ބޭނުންވަނީ ޗެމްޕިއަންސް ލީގު ރަނގަޅުކުރަން ކަމަށްވަންޏާ އޭގެ ބޭނުމަކަށްވާން ޖެހޭނީ ގިނަ މެޗުތަކެއް ކުޅެން ޖެހޭ ގޮތް ހެދުމެއް ނޫން ކަމަށާއި އެ މުބާރާތަށް ގެނެވޭނެ އެހެނިހެން ބަދަލުތަކެއް ވެސް ހުންނާނެ ކަަމަށް ގާޑިއޯލާ ބުންޏެވެ.
ސިޓީގެ މިޑްފީލްޑަރު އިލްކާއި ގުންޑޮގާން ބުނީ ފުޓްބޯޅައިގައި އުޅޭ މީހުންނަށް ފެނުނީ ޗެމްޕިއަންސް ލީގުގެ އާ ފޯމެޓާއި ސުޕަ ލީގުގެ ތެރެއިން އެންމެ ގެއްލުން ކުޑަ ގޮތްކަމަށާއި އޭގެ ތެރެއިން ޓީމުތަކުން އިހުތިޔާރުކުރީ ޗެމްޕިއަންސް ލީގު ކަމަށެވެ.
މީގެ ކުރިން ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތައް ކުޅޭވޭ ނިސްބަތް މަދުވާ ގޮތަށް ޔުއެފާ އިން ވަނީ ނޭޝަންސް ލީގުގެ މެދުގައި ވެސް މުބާރާތެއް ރާްވައިފަ އެވެ. ގިނަ ކޯޗުންތަކެއް ވަނީ އެ މުބާރާތަށް ވެސް ފާޑުކިޔައިފަ އެވެ. އެއީ މާނައެއް ނެތްގޮތަކަށް ގައުމީ ޓީމުތަކަށް އިތުރު މުބާރާތެއް ކުޅުވައިގެން މެޗު ޕްރެޝަރުތަކެއް ކުރިމަތިކުރުވާ މައްސަލައިގަ އެވެ.












