ރެއާލާ ނުލައި ބާސެލޯނާ އަށް ސުޕަ ލީގުން ވަކިވެެވެން ނެތް: ރިޕޯޓް

Apr 23, 2021, 10:01 AM
ރެއާލާ ނުލައި ބާސެލޯނާ އަށް ސުޕަ ލީގުން ވަކިވެެވެން ނެތް: ރިޕޯޓް

މެޑްރިޑް (އޭޕްރީލް 23) - މައްސަލަ ބޮޑުވެފައިވާ ޔޫރަޕިއަން ސުޕަ ލީގުން ރެއާލް މެޑްރިޑް ވަކިނުވަނިސް ބާސެލޯނާ އަށް ވެސް ރަސްމީކޮށް އެ ލީގާ ދުރަށް ދެވެން ނެތް ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޔުއެފާ އާއި ފީފާގެ އިތުރުން ސަޕޯޓަރުންގެ ޕްރެޝަރާ ހެދި ސުޕަ ލީގު މި ވަގުތަށް އޮތީ ސަސްޕެންޑްކޮށްފަ އެވެ. ހަތްދިހަ ދެ ގަޑިއިރަށް ފުޓްބޯޅައިގެ ދުނިޔޭގެ ސަމާލުކަން ހުއްޓުނު ސުޕަ ލީގުގެ ފައުންޑަ ކްލަބްތަކުގެ ތެރޭގައި އޮތް 12 ކްލަބްގެ ތެރެއިން މިހާރު އެ ލީގުން ވަކިނުވެ އޮތީ ރެއާލާއި ބާސެލޯނާގެ އިތުރުން ޔުވެންޓަސް އެވެ. ލީގުން ވަކިވި ޓީމުތަކަކީ އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑް، މެންޗެސްޓާ ސިޓީ، ލިވަޕޫލް، އާސެނަލް، ޗެލްސީ އަދި ޓޮޓެންހަމްގެ އިތުރުން އިޓަލީގެ އޭސީ މިލާން އަދި އިންޓަ މިލާނާއި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް އެވެ.

ސުޕަ ލީގު ކުރިއަށް ގެންދަން ބޭނުންވި ކަމުގައި ވިޔަސް ފައުންޑާ މެމްބަރުންގެ ތެރެއިން ގިނަ ކްލަބްތަކެއް ލީގުން ވަކިވެފައިވުމުން ދެން މި ލީގު އިތުރަށް ކުރިއަށް ނުދާނެ ކަމަށް ޔުވެންޓަސްގެ ރައީސް އަންދްރެއާ އަގްނެލީ ވަނީ ވިދާޅުވެފަ އެވެ. އެކަަމަކު ސުޕަ ލީގުގެ ޗެއާމަން އަދި ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވީ ސުޕަ ލީގު އަދި "މަރު" ނުވާ ކަމަށެވެ.

Advertisement

"އަހަރެމެން އަދިވެސް މަސައްކަތް އެބަކުރަން. ލީގުގެ ހުވަފެން މަރެއް ނުވޭ. މި ވަގުތަށް ހުއްޓިފައި އޮތީ ފެންނަން ހުރި މަސައްކަތް. ފަރުދާގެ ފުރަގަހުން ކަންތައްތަކެއް އެބަދޭ. ރަސްމީކޮށް ވަކިވިކަމަށް ބުނި ކްލަބްތައް ވެސް އެއްކޮށް ލީގު ދޫކޮށްފައެއް ނުދޭ،" ޕެރޭޒް ވިދާޅުވި އެވެ.

ޕެރޭޒް ވިދާޅުވީ ހުރިހާ ކްލަބެއް ވެސް ސުޕަ ލީގުގައި ބައިވެރިވާން އެއްބަސްވެ ސޮއިކުރި ކޮންޓްރެކްޓްގައި ވަކިވެވޭނެ ގޮތްތަކެއް ބަޔާންކޮށްފައި އެބަހުރި ކަމަށާއި އެކަންކަން ފުރިހަމަކުރަން ޖެހޭ ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން ޕެރޭޒް އިޝާރާތްކުރެއްވީ ސުޕަ ލީގުން ވަކިވެއްޖެނަމަ ދައްކަން ޖެހޭ ޖޫރިމަނާ އަށެވެ.

ސްޕެއިނުގެ މީޑިއާ އިން ވަނީ އިނގިރޭސި ކްލަބްތައް ސުޕަ ލީގުން ނަން ނަގަން ޔުއެފާ އިން ފައިސާ ދިން ކަމަށް ތުހުމަތުކޮށްފަ އެވެ. ޕެރޭޒް ވިދާޅުވީ އެއީ އޭނާ އަށް ޖަވާބު ދެވޭނެ ކަމެއް ނޫން ކަމަށާއި ޔަގީނުން ވެސް އެނގޭ ކަމަކީ ސުޕަ ލީގުގައި ބައިވެރިވާން އައި އިނގިރޭސި ހަ ކްލަބްގެ ތެރެއިން އެއް ކްލަބް ފުރަތަމަ ދުވަހުން ފެށިގެން އުޅުނީ އެ ޕްރޮޖެކްޓްގެ ވިސްނުންތަކާ ދުރުގައި ކަމަށެވެ.

"އެ އިނގިރޭސި ކްލަބެއް އެނގޭ. އަހަރެން ނަމެއް ނުބުނާނަން،" ޕެރޭޒް ވިދާޅުވި އެވެ.

ޗެމްޕިއަންސް ލީގުގެ ބާރު ކަނޑުވާލާފައި ފަށަން މަސައްކަތްކުރަމުން އަންނަ ސުޕަ ލީގުން ޓީމުތައް ވަކިވަމުން ދިޔަ ވަގުތުގައި މީޑިއާގައި އެންމެ ގަދަޔަށް ދެކެވުނު އެއް ވާހަަކަ އަކީ ބާސެލޯނާ ވެސް އެ ލީގުން ނަން ނަގަން އުޅޭ ވާހަކަތަކެވެ. އެކަމަކު ބާސެލޯނާ އިން ރޭ ވަނީ ސުޕަ ލީގުގައި އެ ޓީމު ދެމި އޮންނާނެ ކަމަށް ބުނެފަ އެވެ.

ސްޕެއިނުގެ ރޭޑިއޯ އަކަށް ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ ވިދާޅުވީ ޑޮމެސްޓިކް ލީގުގައި ދެމި އޮވެ ސުޕަ ލީގުގައި ވެސް ކުޅެވޭނެ ގޮތްވާން އެދޭކަމަށާއި ސުޕަ ލީގަކީ ވަރަށް ޝައުގުވެރި ޕްރޮޖެކްޓަކަށްވާއިރު، އުއްމީދަކީ ޔުއެފާއާ ގުޅިގެން އެ ލީގު ފެށޭނެ ގޮތެއް ހޯދުން ކަމަށެވެ.

ބާސެލޯނާ އާއި ރެއާލް ސުޕަ ލީގަށް ބަރޯސާ މިވަނީ ކީއްވެ؟

ދުނިޔޭގެ ކުޅިވަރަށް ބެއްޔަސް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސްޕެއިނުގެ ގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާ އާއި ރެއާލްގެ ދަރަނި އިންތިހާ އަށް މަތިވެފައިވާކަން ބަޔާންކޮށް އެ ދެ ކްލަބްގެ ރަސްމީ އެކައުންޓްތަކުން ވަނީ މިދިޔަ ޖެނުއަރީ މަހު މީޑިއާ އަށް މައުލޫމާތު ދީފަ އެވެ.

އޭރު މާލީ ތަފާސްހިސާބުތައް އާންމުކުރިއިރު، ބާސެލޯނާގެ ޖުމްލަ ދަރަނީގެ އަދަދަކީ 1.173 ބިލިއަން ޔޫރޯ (1.4 ބިލިއަން ޑޮލަރު) އެވެ. އަދި ރެއާލްގެ ދަރަނީގެ ޖުމްލަ އަދަދަކީ 901 މިލިއަން ޔޫރޯ (1.1 ބިލިއަން ޑޮލަރު) އެވެ. އާންމު އުސޫލުން ބަލާ ނަމަ ގިނަ ފުޓްބޯޅަ ކްލަބްތަކުގެ ޖުމްލަ ދަރަނި އުޅެނީ އެވްރެޖްކޮށް 400-600 މިލިއަން ޑޮލަރާ ދެމެދުގަ އެވެ. ބާސެލޯނާ އާއި ރެއާލްގެ މާލީ ހާލަތު ގޯސްވީ ކޮވިޑް-19ގެ އިތުރުން ކްލަބް އެޑްމިނިސްޓްރޭޝަނުގެ ތެރޭގައި ހުރި ނުރަނގަޅު ނިންމުންތަކުގެ ސަބަބުންނެވެ.

އެ ރިޕޯޓްތަކަށް ބަލާއިރު ރެއާލަށް ވުރެ ގޯސް ފައްތަރެއްގައި އޮތީ ބާސެލޯނާ އެވެ. އެއީ ކުރު މުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ ދަރަނި ގިނަކަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ދޮޅު އަހަރުތެރޭގައި ބާސެލޯނާ އިން ދައްކަން ޖެހޭ ލޯންތަކާއި އެ ނޫން ވެސް ފައިސާގެ އަދަދު 400-500 މިލިއަން ޑޮލަރަށް އަރަ އެވެ.

އެމެރިކާގެ އިންވެސްޓްމަންޓް ބޭންކް ޖޭޕީ މޯގަންސް އިން ފަންޑް ދީގެން ފަށާ ސުޕަ ލީގު ފަށާއިރު ކޮންމެ ޓީމަކަށް މަދުވެގެން 400 މިލިއަން ޕައުންޑްގެ ސްޓާޓިން ކެޕިޓަލް އެއް ދޭން ސުޕަ ލީގުގެ އެއްބަސްވުމުގައި ހިމަނާފައިވާކަމަށް ދި ގާޑިއަން ނޫހުން ރިޕޯޓްކޮށްފައިވެ އެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާގެ ރައީސަކަށް ކުރިން ހުރި ޖޯސެފް މާރިއާ ބާޓޮމެއު ވަނީ ކްލަބްގެ ދަރަނީގެ ހާލަތު ގޯސްވާކަން އެނގިގެން ޕެރޭޒްއާ އެކު ކަންތައްތައް ރަނގަޅުކުރެވޭނެ ގޮތްތައް މަޝްވަރާކޮށްފަ އެވެ. އެ މަޝްވަރާތަކުގެ ތެރެއިން ރެއާލާއި ބާސެލޯނާ އިން ސުޕަ ލީގުގައި ބައިވެރިވަން މިދިޔަ އަހަރުގެ ސެޕްޓެމްބަރު ހިސާބުގައި ކޮންޓްރެކްޓް ހެދީ ދާދި އެއްގޮތަށެވެ. އަދި އެ ކޮންޓްރެކްޓްގައިވާ ގޮތުން އެ ދެ ކްލަބަށް ސުޕަ ލީގުން ވަކިވެވޭނީ އެއްކޮށް ކަމަށް ސްޕެއިނުގެ އެލް މުންޑޯ ޑިޕޯޓިވޯގެ ތަޖުރިބާކާރު ނޫސްވެރިއަކު ވަނީ ބުނެފަ އެވެ.

ބާޓޮމެއު ބާސެލޯނާގެ ރައީސް ކަމުން އިސްތިއުފާ ދެއްވިއިރު އެ ކްލަބުން އޮތީ ސުޕަ ލީގުގައި ބައިވެރިވާން ކުރަން ޖެހޭ ކަންކަން ނިންމައިފަ އެވެ. ދާދި ފަހުން ބާސެލޯނާގެ ފައިނޭންޝިއަލް ޑިޕާޓްމަންޓުން ހުށަހެޅި މައްސަލައެއްގެ ތަހުގީގަށް ބާޓޮމެއު ހާޒިރުކުރިއިރު، ވަނީ ސުޕަ ލީގުގެ އެއްބަސްވުންތަކާ ގުޅޭގޮތުން ސުވާލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox