ސްރީލަންކާގެ ދެކުނު ހަމްބަންޓޯޓާ ބަނދަރުގައި އޮތް ޗައިނާގެ މަނަވަރެއްގައި ނިއުކްލިއާ ހަކަތަ އާއި ހަތިޔާރު އުފައްދަން ބޭނުން ކުރާ ނުރައްކާތެރި ރޭޑިއޯއެކްޓިވް ޔުރޭނިއަމް މާއްދާ ހުރިކަން އެނގުމުން ފުރަން އަންގައިފި އެވެ.
ލަންކާ އެޓޮމިކް އެނާޖީ އޮތޯރިޓީގެ ވެރިޔާ އަނިލް ރަންޖީތު ވިދާޅުވީ މަނަވަރު ދަތުރު ކުރަމުން ދިޔައީ ނެދަލޭންޑްސްގެ ރޮޓަޑަމް ބަނދަރުން ޗައިނާއަށް ކަމަށެވެ. އެ ބޯޓު ހަމްބަންޓޯޓާގައި ބަނދަރު ކުރީ ޓެކްނިކަލް މައްސަލައެއް ދިމާވެގެންނެވެ.
ޗައިނާ މާޗަންޓްސް ޕޯޓް ހޯލްޑިން ކުންފުނީގެ މަނަވަރު ލަންކާގައި ބަނދަރު ކުރީ އޭގައި ރޭޑިއޯއެކްޓިވް ތަކެތި ހުރިކަން ނާންގަ އެވެ.

ލަންކާގެ އިދިކޮޅު ލީޑަރު ސަޖީތު ޕްރޭމަދާސަ ޕާލިމެންޓުގައި ވިދާޅުވީ ހަމްބަންޓޯޓާ ބަނދަރުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ކަނޑުގެ ސިފައިންނަށް މަނަވަރު ބެލުމުގެ ފުރުސަތު ވެސް އޭގެ ކްރޫއިން ދީފައި ނުވާ ކަމަށެވެ.
ނަމަވެސް ފަހުން ބެލި ބެލުމުން އެ މަނަވަރުގައި ޔުރޭނިއަމް ހުރިކަން ވަނީ ފާހަގަވެފަ އެވެ. އެހެންވެ އޭގެން އެއްވެސް މުދަލެއް ނުބޭލުމަށާއި ވަގުތުން ފުރުމަށް ވަނީ އަންގާފަ އެވެ.
މަނަވަރު ކައިރި ކުރި ހަމްބަންޓޯޓާ ބަނދަރަކީ 2017 ވަނަ އަހަރު ހަމްބަންޓޯޓާ އިންޓަނޭޝަނަލް ޕޯޓް ގްރޫޕަށް 99 އަހަރަށް ދޫކޮށްފައިވާ ބަނދަރެކެވެ. އެ ގްރޫޕަކީ ލަންކާ ސަރުކާރާއި މަނަވަރު ނިސްބަތްވާ ޗައިނާ މާޗަންޓްސް ޕޯޓް ހޯލްޑިން ކުންފުނީގެ ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕެކެވެ.










