އަޝްފާގު ދަނޑުމަތީގައި ހުއްޓަސް އެއީ އިދިކޮޅު ޓީމަށް ޕްރެޝަރު: ސާންތީ

ދަގަނޑޭ އަތުން ބޯޅަ ހޯދަން ސަސްގެ ޖެންނޭ (ކ) ޓެކްލްކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދަގަނޑޭ އަތުން ބޯޅަ ހޯދަން ސަސްގެ ޖެންނޭ (ކ) ޓެކްލްކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އެންމެ ފަހުން ކުޅުނު މެޗުތަކުގައި ވެލެންސިއާގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)ގެ އެންމެ ރަނގަޅު ކުޅުން ނުފެނުނު ކަމުގައި ވިޔަސް އޭނާ ދަނޑު މަތީގައި ހުއްޓަސް އެއީ އިދިކޮޅަށް ނުކުންނަ ޓީމަށް އޮންނާނެ ޕްރެޝަރެއް ކަމަށް މިރޭ ވެލެންސިއާއާ ދެކޮޅަށް ނުކުންނަ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

ލީގުގެ ދެ ވަނައިގައި މި ވަގުުތުގެ ވެލެންސިއާ އޮތްއިރު، ޔުނައިޓެޑް ވިކްޓްރީގެ ކޯޗު ސާންތީގެ ނަޒަރުގައި އޭގެ ކްރެޑިޓް އެންމެ ހައްގު އެއް ފަރާތަކީ އުމުރުން 35 އަހަރުގެ ދަގަނޑޭ އެވެ. ސާންތީ ބުނީ ވެލެންސިއާއޭ ބުނީމަ ފެންނަނީ އަލީ އަޝްފާގުގެ ދައުރު ވަރަށް ބޮޑުކޮށް ކަަމަށެވެ.

"ކުުޅުންތެރިންގެ ވިޔަސް އަންނާނެ މޮމެންޓަމް ގެއްލޭ ވަގުތާ ފޯމުގެއްލި ކަންތައްތައް ވެސް ވާނެ. އެކަމަކު (ވެެލެންސިއާގެ) މުޅި އެތި ބިނާކޮށްފައި މީނދީ އަޝްފާގަށް ކަހަލަ ގޮތަކަށް،" ސާންތީ ބުންޏެވެ. "ދެން އަޅުގަނޑު ދެކޭގޮތުގައި އަޝްފާގު ފޯމު ގެއްލިފައި މިހެން ހުއްޓަސް. އަޝްފާގު ގޮނޑިއެއްގައި ދަނޑުމަތީގައި ބޭންދިޔަސް އިދިކޮޅު ޓީމުގެ ގޯލު ކައިރީގައި ވެއްޖިއްޔާ އަދިވެސް ޕްރެޝަރު އެއީ. ވެލެންސިއާ އެ ހިސާބުގައި އޮތުމުގެ ކްރެޑިޓް އަޅުގަނޑު ދޭނީ އަޝްފާގަށް،"

ލީގުގައި އެންމެ ފަހުން ޔުނައިޓެޑް ވިކްޓްރީގެ މެޗަށް ފަހު ސާންތީ (ކ) އީސައާ ބައްދާލަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ޔުނައިޓެޑް ވިކްޓްރީން މިރޭގެ މެޗުގައި އަޝްފާގުގެ އިތުރުން ދެން ވިސްނަން ޖެހޭ އަނެއް ކުޅުންތެރިއަކީ އަލީ ފާސިރު (ސެންޓޭ) ކަމަށް ސާންތީ ދެކެ އެވެ.

"އަޅުގަނޑަށް ފެންނަނީ ވެލެންސިއާގެ ދެ މީހުން ނުރައްކާކޮށް. ނުރައްކަލޭ މި ބުނަނީ ވެލެންސިއާ ނުކުޅެވިގެންދާ ދުވަހެއްގައި ވެސް ކޮންމެ ވަގުތެއްގައި ވެސް ނަތީޖާ ބަދަލުކުރެވޭވަރުގެ ދެ ކުުޅުންތެރިން އޭގެ އެބަތިބި. އެއީ އަޝްފާގާއި ސެންޓޭ،" ކުރިން އީގަލްސް އަށް ކޯޗުކޮށްދިން ސާންތީ ބުންޏެވެ.

ސާންތީ މެޗުތައް އެނަލައިޒްކުރާއިރު އޭނާ އަށް ފެނުނު އެއް ކަަމަކީ ޔުނައިޓެޑް ވިކްޓްރީ އާއި ވެލެންސިއާ އަށް އެއް ކަހަލަ މައްސަލައެއް އެބަ ކުރިމަތިވާ ކަން ކަމަށެވެ. އެއީ ދެ ޓީމުގައި ވެސް އެއް ފެންވަރެއްގައި ކުޅުން ބަހައްޓާލެވޭވަރަށް ބަދަލުކޮށްލާނެ ކުޅުންތެރިން ބެންޗުގައި ނެތުމުގެ މައްސަލަ އެވެ.

ވެލެންސިއާއާ ދެކޮޅަށް ނުކުންނައިރު ޔުނައިޓެޑް ވިކްޓްރީ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެންމެ ފަހުން ދެ މެޗުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން މޮޅުވެފައިވުމެވެ. ސަސްޕެންޝަނަށް ފަހު މިރޭގެ މެޗުގައި ޔުނައިޓެޑް ވިކްޓްރީގެ ކިރްގިސްތާން މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭފް އަށް ވެސް ކުޅެވޭނެ އެވެ. އެކަމަކު ފަހަކަށް އައިސް ޔުނައިޓެޑް ވިކްޓްރީގެ ފަހަތުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ މޫސާ އަޒީމް ހަސަން (ރާމޯސް) އަށް މި މެޗުގައި ކާޑުހަމަވުމުގެ ސަބަބުން ނުކުޅެވޭނެ އެވެ.

ލީގުގެ ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު ފަަހަކަށް އައިސް ތަފާތު ފޯމެއްގައި ހުރި ޔުނައިޓެޑް ވިކްޓްރީގެ އިސްމާއިލް އީސަ (މެސީ) އެވެ. އީސަ އަކީ ޔުނައިޓެޑް ވިކްޓްރީ އެންމެ ފަހުން ކުޅުނު ދެ މެޗުގެ ވެސް މޮޅު ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ލަނޑު ޖެހުމުގެ އިތުރުން ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އީސަ ތަފާތު ފޯމެއްގައި ހުރުމުގެ ހިތްހަމަޖެހުން ވެސް ސާންތީ އަށް އެބައޮތެވެ.

ޔުނައިޓެޑް ވިކްޓްރީގެ ހާލަތު ބަދަލުވެއްޖެ، ވިސްނަންޖެހޭ: އާތީ

ލީގުގައި ޔުނައިޓެޑް ވިކްޓްރީ އެންމެ ފުރަތަމަ ކުޅުނު 11 މެޗު ނިންމާލީ މޮޅެއް ނުހޯދަ އެވެ. އެކަމަކު އޭރު ވެސް އެ ޓީމުން ރަނގަޅަށް ކުޅުނުކަން ކޯޗުން ވަނީ ފާހަގަކޮށްފަ އެވެ. ޖެހިޖެހިގެން ދެ މޮޅު ހޯދައިގެން ޔުނައިޓެޑް ވިކްޓްރީ ރަނގަޅު ފޯމެއްގައި އޮތުމަކީ ވެލެންސިއާ ސަމާލުވާންޖެހޭ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު އާތިފް (އާތީ) ވަނީ ބުނެފަ އެވެ.

"ޔުނައިޓެޑް ވިކްޓްރީ އޭ ބުނެލާއިރު އެންމެ ފަހުން ނެގި ހަ ޕޮއިންޓަކީ ފާހަގަކޮށްލަން ޖެހޭ ހަ ޕޮއިންޓް. އަޅުގަނޑު ގަބޫލުކުރާގޮތުގައި ޕޮއިންޓެއް ނުލިބި ޔުނައިޓެޑް ވިކްޓްރީ މެޗުތަކުން ބަލިވެފައި ހުރީކީ އޮބިނޯވެގެން ގޮހެއް ނޫން. އެ ޓީމާ ދެކޮޅަށް 1-0 ނަތީޖާ އަކުން 60 ވަނަ މިނިޓްގައި ނަތީޖާ ނެރެފައި އެބަހުރި. ޔުނައިޓެޑް ވިކްޓްރީ އަކީ ވަރަށް ރަނގަޅު މިހާރު ވަކިން ބޮޑަށް ރަނގަޅުވެފައި އޮތް ޓީމެއް. ވަރަށް މަސައްކަތްކޮށްގެން ތިން ޕޮއިންޓް ހޯދޭނީ،" އާތީ ބުންޏެވެ.

ލީގުގެ ފުރަތަމަ ބުރުގައި ވެލެންސިއާ އިން ވަނީ 4-0 އިން ޔުނައިޓެޑް ވިކްޓްރީ ބަލިކޮށްފަ އެވެ. އޭރު ޔުނައިޓެޑް ވިކްޓްރީގެ ކޯޗަކަށް ހުރީ މުހައްމަދު އާދަމް އެވެ.

ވެލެންސިއާގެ ފުރަތަމަ އެގާރައިގައި ކުޅެމުން އައި ރަނގަޅު ކުޅުންތެރިންތަކެއް އަނިޔާގައި ތިބުމުން އެއް ފެންވަރެއްގައި އެ ޓީމަށް ނުކުޅެވޭނެ ކަމަށާއި އެއީ ނޫސްވެރިން ވެސް ވިސްނާލުން ރަނގަޅު ކަމެއް ކަމަށް އާތީ ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އާތީ ވާހަކަދައްކަނީ.- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

"ވެލެންސިއާ ފުރަތަަމަ އެގާރައިގައި ކުޅޭ ކުޅުންތެރިން ނުލައި ކުޅެން ޖެހުނީމަ ކޮންސިސްޓަންސީ އަށް އަސަރުކުރޭ. މުޅި ލީގެއްގައި އެއްވެސް ޓީމަކަށް ކޮންސިސްޓަންސީ ނުހިފެހެއްޓޭނެ،" އާތީ ބުންޏެވެ. "ވެލެންސިއާގެ ފުރަތަމަ އެގާރައިން ސްލޮޓެއް މި ދެނީ ވަކި ސެންޓޭ ވީމަ. ނޫނީ ބޮކުރީ (ހުސެއިން ނިޔާޒް) ވީމަ އެއް ނޫން. އެ މީހުންކުރާ ޕާފޯމަންސަށް ބަލާފައި،"

އާތީ ބުނީ ވެލެންސިއާގެ ސްކޮޑުގައި ތިބި ކުޅުންތެރިން ޓެސްޓްކޮށްލެވޭނެ ހާލަތްތަކުގައި ކުރެވޭ ވަރަކަށް އެކަން ކުރަމުން އަންނަ ކަމަށެވެ. އެކަމަކު މުޅި ސީޒަނަށް ބަލާއިރު ވެސް ތަފާތު ބޮޑުކޮށް ވެލެންސިއާ މޮޅުވެފައި ހުރީ މަދު މެޗަކުން ކަމަށާއި އެހެންވެ ނަތީޖާ ނެރެން ބަލާއިރު ރިސްކުނަގާފައި ކުޅުންތެރިން ކުޅުވަން ޖެހޭނީ ވަރަށް ވިސްނުންތެރިކަމާ އެކު ކަން އާތީ ފާހަަގަކުރި އެވެ.

"މީގެ ފޭސް ކުރަން ޖެހޭ ދެ ކަމެއް އެބައޮވޭ. އެއް ކަމަކީ އަޅުގަނޑުމެންނަށް ކުޅުންތެރިން މެޗުގައި ބަލާލަން ރަނގަޅު ރިޒަލްޓެއްގައި އިންނަން ވެސް އެބަޖެހޭ. ދެން 1-0 ގައި އިންނައިރު އެ ވަރުގެ ލީޑެއްގައި އޮވެ ކުޅުންތެރިން ޓެސްޓްކުރުމުގެ ރިސްކެއް ނުނެގޭނެ އެއީ އެއް މައްސަލަ. ދެން މި ދިމާވާ ކަމަކީ ފުލް ޕިޗް ޕްރެކްޓިސް ކޮށްލަން ނުލިބޭތީ ކުޅުންތެރިންގެ އެ މެޗުތަކުގައި ކުޅޭނެ ގޮތް ދެނެގަންނަން އުނދަގޫ. އެހެންވެ އެބަހުރި 11 އަށް ކުޅުންތެރިން ގެނެސް ލުމުގައި ދަތި ކަންތައްތަކެއް،" ޓީމު ރޮޓޭޓްކުރުމުގައި ހުރި ކަންބޮޑުވުންތަކަށް އިޝާރާތްކޮށް އާތީ ބުންޏެވެ.

ލީގުގައި ރޭ މާޒިޔާ މޮޅުވުމުން އެ ޓީމަށް އެއް ވަނައިގައި މި ވަނީ ހަތް ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ވެލެންސިއާ މިރޭ މޮޅުވެއްޖެނަމަ އެ ޓީމުގެ ލީޑު ހަތަރު ޕޮއިންޓަށް ކުޑަވާނެ އެވެ. މާޒިޔާ އެއް ވަަނައިގައި އޮތީ 13 މެޗުން 31 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ އަށް 12 މެޗުން ލިބިފައިވަނީ 24 ޕޮއިންޓެވެ.

މިރޭ ޔުނައިޓެޑް ވިކްޓްރީ އާއި ވެލެންސިއާ ކުޅޭ މެޗު ފަށާނީ 22:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox