ލަންޑަން (އޭޕްރީލް 21) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ބްރައިޓަންއާ ލަނޑެއް ނުޖެހި އެއްވަރުވެ، ލިބުނު ޕޮއިންޓާ އެކު ޗެލްސީ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.
މިރޭގެ މެޗުން މޮޅުވެގެން ލީގުގެ ތިން ވަނަ އަށް އެރުމުގެ ފުރުސަތު ޗެލްސީ އަށް އޮތެވެ. އެކަމަކު އެއްވަރުވުމުން އޮތީ ހަތަރު ވަނައިގަ އެވެ. ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ އަށް 31 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ޗެލްސީ އާއި ފަސް ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް ވަނީ 32 މެޗުން 55 ޕޮއިންޓް ލިބިފަ އެވެ. ލަނޑުގެ ތަފާތުން މި ވަގުތު ކުރީގައި އޮތް ޗެލްސީން ލީގުގައި ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި ހޮނިހިރު ދުވަހުގެރޭ ރަށުންބޭރުގައި ނުކުންނާނީ ވެސްޓް ހޭމްއާ ދެކޮޅަށެވެ.
ލިވަޕޫލް ހަ ވަނައިގައި އޮތީ 32 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ.

ޗެލްސީގެ ސަޕޯޓަރުން ދަނޑު ބޭރުގައި މުޒާހަރާކުރަނީ.
ޗެލްސީގެ ދަނޑު ސްޓެމްފޯޑް ބްރިޖުގައި މިރޭގެ މެޗުގެ ކުރިން އެ ކްލަބްގެ ސަޕޯޓަރުން ވަނީ އެ ޓީމުން ޔޫރަޕިއަން ސުޕަ ލީގުގައި ބައިވެރިވާން ނިންމާފައިވާތީ އެކަމަށް ހިތްހަމަނުޖެހުން ފާޅުކޮށް މުޒާހަރާކޮށްފަ އެވެ. ޗެލްސީން މިހާރު ވަނީ ސުޕަ ލީގުން ރަސްމީކޮށް ވަކިވާން ނިންމައި އެކަން އިއުލާންކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ސުޕަ ލީގުގެ ފައުންޑާ މެމްބަރުންގެ ގޮތުގައި އޮތް 12 ކްލަބްގެ ތެރެއިން މެޖޯރިޓީ ކްލަބްތަކުން ލީގު ކުރިއަށްދާން ބޭނުންނުވާތީ އެ ލީގުގެ މަސައްކަތް އޮތީ ހުއްޓުން އަރައިފަ އެވެ.
މިރޭގެ މެޗުގައި ފުރަތަމަ ހާފުގައި ޗެލްސީ އަށް އުފެއްދުނީ ތިން ހަަމަލާ އެވެ. އެ ޓީމުގެ އެޓޭކިން ކުޅުންތެރިންގެ ފަރާތުން ޖުމްލަކޮށް އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމަށް ގޯލު ޖަހާނެ މާ ގިނަ ފުރުސަތުތަކެއް ވެސް ނުލިބެ އެވެ. މި މެޗުގައި ގޯލު ޖަހަން އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބުނީ ފަހު ކޮޅުގައި ބްރައިޓަން އަށެވެ. އެ ޓީމުގެ އެޑަމް ލަލާނާ ޖެހި އެއް ބޯޅަ ދަނޑިކައިރިން ދިޔައިރު، އަނެއް ބޯޅަ ޗެލްސީގެ ގޯލުގައި ހުރި ކެޕާ އަރިއްޒަބަލާގާ ވަނީ މަތަކޮށްފަ އެވެ. އެކަމަކު ބްރައިޓަންގެ ޑެނީ ވެލްބެކް ގޯލު ޖެހި ޝޮޓް ކެޕާ އަތްމަތިން ގޮސް ސަލާމަތްވީ ދަނޑީގައި ޖެހިފަ އެވެ.
ބްރައިޓަން އިން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އިތުރު ވަގުތުގައި ކައުންޓައެޓޭކެއްގައި ޗެލްސީގެ ހަޑްސަން އޮޑޯއި އަށް ކުރި ފައުލަކަށް ބްރައިޓަންގެ ބެން ވައިޓަށް ދެ ވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ.
ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ މި މެޗުން މޮޅުވެވޭ ވަރަށް އޭނާގެ ޓީމަށް ފުރުސަތު ތަނަަވަސްނުކުރެވުނު ކަމަށާއި ހަގީގަތަކީ ބްރައިޓަން އިން ރަނގަޅަށް ޑިފެންސްކޮށް މޮޅުވެވޭވަރަށް ފުރުސަތު ވެސް ތަނަވަސްކުރި ކަަމަށެވެ.












