ކޮވިޑް-19ގެ ބަލިމަޑިކަމުގެ ތެރެއިން އިގުތިސޯދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް، ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި މަރުކަޒީ ބޭންކުން ސަރުކާރުގެ ދަރަންޏަށް ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ދިން ހުއްދަ އިތުރުކޮށްދޭން ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުން އިތުރަށް ދިރާސާކުރަން މިއަދު ނިންމައިފި އެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ގޮތުން އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭ ލިމިޓަކީ އެވެރެޖް އާމްދަނީގެ އެއް ޕަސެންޓެވެ. އެއީ ފާއިތުވި އަހަރުތަކުގެ އާމްދަނީއަށް ބަލާއިރު، ގާތްގަނޑަކަށް 170 މިލިއަން ރުފިޔާ އެވެ.
އެ ގޮތަށް ނަގާ ދަރަންޏެއް 91 ދުވަސް ތެރޭގައި ސަރުކާރުން އެމްއެމްއޭއަށް ދައްކަން ޖެހޭ ކަމަށް ވެސް ގާނޫނުގެ އެ މާއްދާގައި ބުނެ އެވެ.
ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފިނޭންސް މިނިސްޓްރީން އެދުނީ 4.4 ބިލިއަން ރުފިޔާއަށް އެ ލިމިޓު މަތިކޮށް ދިނުމަށެވެ. އަދި އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެ އަނބުރާ ދެއްކުން ފަސްވާގޮތަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އަމަލު ކުރުން އިސްތިސްނާ ކޮށްދިނުމުގެ ހުއްދައަކަށެވެ.
ގާނޫނުގައި ބުނާ ގޮތުން، މަޖިލީހަށް އެ އިސްތިސްނާ ކުރެވެނީ ގުދުރަތީ ނޫނީ އިގްތިސޯދީ ކާރިސާތަކުގެ ދަނޑިވަޅުތަކުގައި އެވެ.

އެއާއެކު ސަރުކާރުގެ ސާފު އަގުލަބިއްޔަތު އޮންނަ މަޖިލީހުން އޭރު އެ ހުއްދަ ދީފައިވަނީ ފިނޭންސުން އެދުނު ގޮތަށެވެ.
އޭރު ދިން މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާއިރު، އެ ހުއްދައިގެ މުއްދަތު އަދި އެއް އަހަރަށް އިތުރުކޮށް ދިނުމަށް ފިނޭންސް މިނިސްޓަރު އިއްޔެ ވަނީ މަޖިލީހުގައި އެދިވަޑައިގެންފަ އެވެ.
މިނިސްޓަރު އިއްޔެ މަޖިލީހަށް ސިޓީގައި ވިދާޅުވެފައިވަނީ، ކޮވިޑުގެ ހާލަތުގައި އިގުތިސޯދަށް އައި ހީނަރުކަމުން އަދި އަރައިނުގަނެވޭ ކަމަށާއި، އެހެން ކަމުން ދައުލަތުގެ އާމްދަނީ އާއި ހަރަދުތައް ހަމަޖެއްސުމަށްޓަކައި، އަންނަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހާ ހަމައަށް އިތުރުކޮށް ދިނުމަށެވެ.
އިގުތިސޯދީ ހާލަތު މިނިސްޓަރު އަމީރު ސާފުކޮށްދެއްވި
އިއްޔެގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރު އަމީރު ވަނީ ހާޒިރުވެވަޑައިގެން މެމްބަރުންގެ ބައެއް ކަންބޮޑުވުންތަކަށް ޖަވާބު ދެއްވައިފަ އެވެ.
އޭރު ދިން ހުއްދައިގެ މުއްދަތު އިތުރުކުރުން ދިފާއުުކުރައްވަމުން އަމީރު ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަން އަދިވެސް މުޅިން ކޮންޓްރޯލް ކުރެވިފައި ނުވާ ކަމަށާއި، ކޮވިޑްގެ ކުރިން އިގުތިސާދީ ގޮތުން ރާއްޖެ އޮތް ހާލަތަށް އެނބުރި ދާން އަދި ވަގުތު ބޭނުންވާ ކަމަށެވެ.
އަދި އިގުތިސާދު ދެމެހެއްޓުމަށް ވިޔަފާރިތަކަށާއި ފަރުދުންނަށް ދޭން ޖެހޭ ސަޕޯޓް ދިނުން ހުއްޓައިލަން ރަނގަަޅު ވަގުތެއް ނޫން ކަން އަމީރު ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.
އިތުރަށް ވިދާޅުވީ އިގްތިސޯދު ރަނގަޅު ކުރަން އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަ ކަމަށާއި، ކޮވިޑު އައުމުގެ ކުރިން ރާއްޖޭގެ އިގުތިސާދު އޮތް ހަމައާ ދާދި ގާތަށް މި އަހަރު ދެވޭނެ ކަމަށެވެ.
މެމްބަރުންގެ މެދުގައި ހިޔާލުތަފާތު
އިއްޔެ އެކޭ އެއްގޮތަށް މިއަދުގެ ޖަލްސާގައި ކުރިއަށް ބަހުސްގައި ވާހަކަ ދެއްކެވި މެމްބަރުން މެދުގައި ހިޔާލު ތަފާތެވެ.
މިގޮތުން، ވިލުފުށި ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފް އިއްޔެ ހުށަހެޅުއްވި ގޮތަށް މި މަޖިލީހުން ހާއްސަ ކޮމެޓީއެއް ނަގައިގެން މި ހަރަދުތައް ކުރެވިފައި ހުރީ ރަނގަޅަށްތޯ ބެލުމަށް އެމްޑީޕީގެ ބައެއް މެމްބަރުން ހިމެނޭ ގޮތަށް ވަނީ ތާއީދުކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.
ނަމަވެސް، ސަރުކާރުން ކޮންމެ ކުރަންޖެހޭ ހަރަދުތަކެއް ކުރުމަށް ބޭނުންވާ ފައިސާ ހޯދަން މަޖިލީހަށް ހުށަހެޅުމުން، ސަރުކާރަށް އުނދަގޫ ކުރަން، އިތުރު ކޮމިޓީއެއް ނަގައިގެން މިކަން ދިގުދެންމުމާ ދެކޮޅަށް އެމްޑީޕީގެ ބައެއް މެމްބަރުން ވާހަކަ ދެއްކެވި އެވެ.

ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލިސް
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދުގެ ޖަލްސާގައި ވެސް ވިދާޅުވީ، އެ މައްސަލަ ކޮމިޓީއަކަށް ފޮނުވައިގެން މިކަމުގައި އިތުރު ވަގުތު ހޭދަކުރުމާ ދެކޮޅު ކަމަށެވެ.
އަދި އެކަން މަޖިލީހުން ކުރަނީ ސިޔާސީ ހަސަދަވެރިކަމާއި ވާދަވެރިކަމުގެ ތެރެއިން ސަރުކާރަށް ޖެއްސުން ކުރުމުގެ ނިޔަތުގައި ކަމަށް ޝަރީފް ތުހުމަތު ކުރެއްވި އެވެ.
"ސަރުކާރަކަށް ނޫން މި ޖެއްސުން ކުރެވެނީ. ރައްޔިތުންނަށް އެނގޭތޯ މި ޖެއްސުން ކުރެވެނީ،" އޭނާ ވިދާޅުވި އެވެ.
ޝަރީފްގެ ވާހަކަތަކަށް ބާރު ދެއްވަމުން، ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވީ، އިގުތިސޯދީ ހީނަރުކަމުން އަރައިގަތުމަށް ދެ އަހަރު ނަގާނެ ކަމަށް މީގެ ކުރިން ވެސް ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށާއި، މިހާރު އެދިފައިވަނީ އާ ކަމެއް ނޫން ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މިފަދަ ދަތި ހާލަތެއްގައި ވިޔަފާރިތަކަށާއި ރައްޔިތުންނަށް އެލަވަންސްތަކާއި އެހީތެރިކަން ފޯރުކޮށްދިނުން ސަރުކާރަށް ހުއްޓާލެވޭނެތޯ ސުވާލު ކުރައްވައިފަ އެވެ.
މުޅި މަޖިލީހުގެ ހާއްސަ ކޮމިޓީއެއް
ބަހުސްގެ ތެރެއިން، ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހުއްދަ އިތުރުކޮށް ދިނުމުގެ ކުރިން، ފިނޭންސްގެ އަންދާޒާތަކާ ގުޅޭގޮތުން މަރުކަޒީ ބޭންކު، އެމްއެމްއޭގެ އިތުރުން ބޭންކުތަކާއި އަމިއްލަ ވިޔަފާރިތަކާއެކު މަޝްވަރާއެއް ހިންގުމަކީ ބޭނުންތެރިކަމެއް ކަމަށެވެ.
މިދިޔަ އަހަރާއި އަޅާ ބަލާއިރު، މިއަހަރުގެ ފުރަތަމަ ދެ މަސް ދުވަހު ދައުލަތަށް ލިބުނު އާމްދަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، ކުރިން ނެގި އޯޑީ އަނބުރާ ދައްކަން މަޖިލީހުން އެންގި ނަމަވެސް، އެއީ ސަރުކާރަށް ކުރެވޭނެ ނޫނީ ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ބަލަން މުހިއްމު، ބަޖެޓުގައި ފިނޭންސް މިނިސްޓަރު މި ފައިސާއާ ގުޅޭގޮތުން އަމަލުކުރަން ނިންމަވާފައިވާ ގޮތްތައް. އެހެންވީމާ މިކަމަކީ ދިރާސާއެއް ބޭނުންވާ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
މި ކަން އެންމެ ފުރިހަމައަށް ދިރާސާކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާމެދު ބަހުސްގެ ތެރެއިން ބައެއް މެމްބަރުން ފާޅުކުރި ކަންބޮޑުވުންތަކަށް ވެސް ނަޝީދު އިޝާރާތްކުރެއްވި އެވެ.
މީގެ ކުރިން ވެސް މި މައްސަލަ ނިންމާފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީން ކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، މި ފަހަރު ވެސް މުޅި މަޖިލީހުގެ ކޮމިޓީގެ ތެރެއިން ހާއްސަ ކޮމިޓީއެއް ނަގައިގެން ކުރިއަށް ގެންދެވިދާނެ ކަމަށެވެ.
އަދި އެ މަސައްކަތް އަންނަ ހޯމަ ދުވަހުގެ ކުރިން ނިންމައި، މަޖިލީހުގެ ލަފަޔާއެކު ސަރުކާރަށް ހުށަހެޅުމަކީ މުހިއްމުކަމެއް ކަން ފާހަގަކުރައްވައި، ނަޝީދު ވިދާޅުވީ މިއަދުގެ ވޯޓު ގަޑީގައި ކޮމިޓީއަކުން މި މައްސަލަ ދިރާސާ ކުރުމުގެ ހުށަހެޅުމަށް ވޯޓަށް އެހޭނެ ކަމަށެވެ.













