ކޮވިޑް-19ގެ ބަލިމަޑިކަމުގެ ތެރެއިން އިގުތިސޯދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް، ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި މަރުކަޒީ ބޭންކުން ސަރުކާރުގެ ދަރަންޏަށް ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ދިން ހުއްދަ އިތުރުކޮށްދޭން މެމްބަރުންގެ މަދުގައި ހުރި ކަންބޮޑުވުންތައް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ދުރުކޮށް ދެއްވައިފި އެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ގޮތުން އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭ ލިމިޓަކީ އެވެރެޖް އާމްދަނީގެ އެއް ޕަސެންޓެވެ. އެއީ ފާއިތުވި އަހަރުތަކުގެ އާމްދަނީއަށް ބަލާއިރު، ގާތްގަނޑަކަށް 170 މިލިއަން ރުފިޔާ އެވެ.
އެ ގޮތަށް ނަގާ ދަރަންޏެއް 91 ދުވަސް ތެރޭގައި ސަރުކާރުން އެމްއެމްއޭއަށް ދައްކަން ޖެހޭ ކަމަށް ވެސް ގާނޫނުގެ އެ މާއްދާގައި ބުނެ އެވެ.
ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފިނޭންސް މިނިސްޓްރީން އެދުނީ 4.4 ބިލިއަން ރުފިޔާއަށް އެ ލިމިޓު މަތިކޮށް ދިނުމަށެވެ. އަދި އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެ އަނބުރާ ދެއްކުން ފަސްވާގޮތަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އަމަލު ކުރުން އިސްތިސްނާ ކޮށްދިނުމުގެ ހުއްދައަކަށެވެ.
ގާނޫނުގައި ބުނާ ގޮތުން، މަޖިލީހަށް އެ އިސްތިސްނާ ކުރެވެނީ ގުދުރަތީ ނޫނީ އިގްތިސޯދީ ކާރިސާތަކުގެ ދަނޑިވަޅުތަކުގައި އެވެ.

އެއާއެކު ސަރުކާރުގެ ސާފު އަގުލަބިއްޔަތު އޮންނަ މަޖިލީހުން އޭރު އެ ހުއްދަ ދީފައިވަނީ ފިނޭންސުން އެދުނު ގޮތަށެވެ.
އޭރު ދިން މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާއިރު، އެ ހުއްދައިގެ މުއްދަތު އަދި އެއް އަހަރަށް އިތުރުކޮށް ދިނުމަށް ފިނޭންސް މިނިސްޓަރު ވަނީ މަޖިލީހުގައި އެދިވަޑައިގެންފަ އެވެ.
މެމްބަރުންގެ ގިނަ ކަންބޮޑުވުންތައް
މިނިސްޓަރުގެ ސިޓީގައި ވިދާޅުވެފައިވަނީ، ކޮވިޑުގެ ހާލަތުގައި އިގުތިސޯދަށް އައި ހީނަރުކަމުން އަދި އަރައިނުގަނެވޭ ކަމަށާއި، އެހެން ކަމުން ދައުލަތުގެ އާމްދަނީ އާއި ހަރަދުތައް ހަމަޖެއްސުމަށްޓަކައި، އަންނަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހާ ހަމައަށް އިތުރުކޮށް ދިނުމަށެވެ.
އެކަމަށް ހުޅުވާލެވުނު ބަހުސްގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން އެ ހުއްދަ އިތުރުކޮށްދިނުމާމެދު ކަންބޮޑުވުންފާޅު ކުރެއްވި އެވެ.
މިގޮތުން، ވިލުފުށި ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފް ވަނީ ފިނޭންސް މިނިސްޓްރީން މިފަހުން ހަރަދުތައް ކުރުމުގައި އަމަލުކޮށްފައިވާ ގޮތަށް ފާޑުވިދާޅުވެފަ އެވެ.
އެގޮތުން ކޮވިޑާ ގުޅިގެން ދުބާއީ ކުންފުންޏެއް މެދުވެރިކޮށް ވެންޓިލޭޓަރުތައް ގެނައުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"މި މަޖިލީހުން ހާއްސަ ކޮމެޓީއެއް ނަގައިގެން މި ހަރަދުތައް ކުރެވިފައި ހުރީ ރަނގަޅަށްތޯ ބަލައި ހަރަދުތައް ކުރަންވާ ގޮތާއި ރަނގަޅު އިރުޝާދުތަކާއެކު މި ހަރަދުތައް ކުރުމަށް އަޅުގަނޑަށް ފެންނަނީ އިތުރު މުއްދަތެއް ދިނުމަށް. އަޅުގަނޑު މި ހުށަހަޅަނީ މަޖިލީހުގެ ހާއްސަ ކޮމެޓީއެއް ނަގައިގެން ކޮމެޓީން މި ހުއްދަ ދިނުމަށް،" އަފީފް މިއަދުގެ ޖަލްސާގައި ހުށަހެޅުއްވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: މަޖިލިސް
އެ ހުށަހެޅުމަށް ތާއީދުކުރައްވައި، މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ ސަރުކާރުން ހަރަދުކުރަނީ ރައްޔިތުންގެ ޓެކްސް ފައިސާ ކަމަށްވާތީ، އެ ހުއްދަ އިތުރުކޮށް ދިނުމުގެ ކުރިން، ފިނޭންސް މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް މި އެއް އަހަރުގެ ތެރޭގައި ފައިސާ ހަރަދު ކުރި ގޮތާއި، ދަރަނި އަދި އެކި ގައުމުތަކުން ލިބުނު އެހީތަކުގެ ތަފްސީލް ހޯދަންޖެހޭ ކަމަށެވެ.
އެ ބަހުސްގައި އިދިކޮޅުގެ ފަރާތުން ކަންބޮޑުވުންފާޅު ކުރައްވަމުން، މާވަށު ދާއިރާގެ މެމްބަރު ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށް އަނެއްކާވެސް ފައިސާ ޗާޕްކުުރާނަ ދައުލަތް ބަނގުރޫޓްވެގެން ދިއުމުގެ ބިރު އެބައޮތް ކަމަށެވެ.
"މި މައުލޫ [ ފައިސާ ޗާޕްކުރުމުގެ މައްސަލަ] އެބަ ޖެހޭ ތަންކޮޅެއް ތަސައްރަފު ފުދޭގޮތަށް ދިރާސާކުރަން. ގައުމު އޮތީ އެންމެ ރަނގަޅު ހާލަތެއްގައި ނޫންކަން އަޅުގަނޑުމެން ގަބޫލްކުރޭ. ކަމަރު ބާރުކުރަން ޖެހޭ ކަމަށް. އެހެން ނޫންނަމަ ދައުލަތް މިހާރު މިއޮތް ހިސާބުން އިތުރަށް ސޮއްސާލައި ބަނގުރޫޓްވުމުގެ ބިރު އުފެދިގެންދާނެ،" ކުރީގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވި އެވެ.
ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ އޮވާޑްރޯ ކުރުމުގެ ހުއްދައަށް އެއް އަހަރު ފުރިފައިވާއިރު، އޭގެން ހަރަދު ކުރި ގޮތުގެ ތަފްސީލުތައް މަޖިލީހަށް އެނގެންޖެހޭ ކަމަށެވެ.
އަދި މި ފަހަރު ހުއްދަ އިތުރުކޮށްދޭއިރު، އޯޑީއަށް އިންޓަރެސްޓެއް ޗާޖު ކުރަން އޭނާ ހުށަހެޅުއްވި އެވެ.
"އެކަމުގައި ކޮސްޓެއް އެކުލެވެންޏާ، އެއީ ސަރުކާރަށްވެސް އިތުރު ބާރަކަށް ވާނެ، އެ އަނބުރާ ދެއްކުމަށް،" އިލްޔާސް ވިދާޅުވި އެވެ.
އިގުތިސޯދީ ހާލަތު މިނިސްޓަރު އަމީރު ސާފުކޮށްދެއްވި
މިއަދުގެ ޖަލްސާގެ ހެނދުނުގެ ދަންފަޅީގައި މެމްބަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކާ ގުޅިގެން، އެކަމަށް ޖަވާބު ދެއްވަން ފިނޭންސް މިނިސްޓަރު އަމީރު ވަނީ މަޖިލީހަށް ހާޒިރުވެވަޑައިގެންފަ އެވެ.
އޭރު ދިން ހުއްދައިގެ މުއްދަތު އިތުރުކުރުން ދިފާއުުކުރައްވަމުން އަމީރު ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަން އަދިވެސް މުޅިން ކޮންޓްރޯލް ކުރެވިފައި ނުވާ ކަމަށާއި، ކޮވިޑްގެ ކުރިން އިގުތިސާދީ ގޮތުން ރާއްޖެ އޮތް ހާލަތަށް އެނބުރި ދާން އަދި ވަގުތު ބޭނުންވާ ކަމަށެވެ.
އަދި އިގުތިސާދު ދެމެހެއްޓުމަށް ވިޔަފާރިތަކަށާއި ފަރުދުންނަށް ދޭން ޖެހޭ ސަޕޯޓް ދިނުން ހުއްޓައިލަން ރަނގަަޅު ވަގުތެއް ނޫން ކަން އަމީރު ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.
އިތުރަށް ވިދާޅުވީ އިގްތިސޯދު ރަނގަޅު ކުރަން އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަ ކަމަށާއި، ކޮވިޑު އައުމުގެ ކުރިން ރާއްޖޭގެ އިގުތިސާދު އޮތް ހަމައާ ދާދި ގާތަށް މި އަހަރު ދެވޭނެ ކަމަށެވެ.
ސަރުކާރުން ކުރާ ހަރަދުތަކުގެ ތަފްސީލު ނޭނގޭކަމަށް މެމްބަރުން ވިދާޅުވި ވާހަކަތަކަށް ވެސް މިނިސްޓަރު މިއަދު ރައްދު ދެއްވި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު މަޖިލީހަށް މައުލޫމާތު ދެއްވަނީ. -- ފޮޓޯ: މަޖިލިސް
މިގޮތުން، މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓް ބޭރުން އެއްވެސް ހަރަދެއް ކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބަޖެޓުކޮށްގެން ހަރަދު ކުރަނީ. ބަޖެޓު ފޮތުގައި ފާހަގަ ކޮށްފައިވާ ކަންތައް ތަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވި ގޮތުގައި، ދައުލަތުގެ ޕްރޮކިޔުމަންޓް ނިޒާމު ވެސް މިހާރު ވަރަށް ބޮޑަށް ހަރުދަނާ ކުރެވި، އޮފީސްތަކުން ކުރާ ހަރަދުތައް ވަރަށް ގާތުން ބެލެހެއްޓޭ ކަމަށެވެ.
މިގޮތުން، ފިނޭންސް މިނިސްޓަރީން ފައިސާ ދައްކަނީ މާލީ ޒިންމާދާރު ވެރިން ކަށަވަރުކޮށް، ހުރިހާ ލިޔެކިޔުންތަކެއް ސެޕް ސިސްޓަމުގައި ޕޯސްޓު ކުރެވިގެން ކަމަށެވެ.
އަދި މުޅި މާލީ ދާއިރާގައި ހުރި ހިރާސްތައް ބަލާނެ ގޮތްތައް ވެސް ހެދިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ދައުލަތަކަށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަކަށް ހަރަދެއް ނުކުރެވޭނެ. އޭގެ އިތުރުން ދައުލަތުގެ ހަރަދުތައް ކޮންމެ ގޮތަކަށް ފައިނޭންސް ކުރިނަމަވެސް ހަރަދުތައް ބަޖެޓު ކުރެވެގެން ޖެހޭނެ. ހަރަދު ކުރެވެންވާނީ ބަޖެޓު ކުރެވުނު ކަންތައްތަކަށް،" އަމީރު ވިދާޅުވި އެވެ.













