ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދަ އެ ކޯޓުން ދީފި އެވެ.
ކްރިމިނަލް ކޯޓުގެ ފަސް ގާޒީއެއްގެ އިއްތިފާގުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ މަނީލޯންޑްރިންގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ. އެއީ، އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ފައިސާތަކެއް އެސްއޯއެފްއިން ޔާމީންގެ އެކައުންޓަށް ޖަމާކުރުމުން، އެ ފައިސާއިން ފައިދާ ހޯދާފައިވާ މައްސަލައިގަ އެވެ.
އެ މައްސަލާގައި ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ވެސް ކޮށްފައިވަނިކޮށް ހައިކޯޓުގައި ހުކުމް އިސްތިއުނާފު ކުރުމުން އެ ކޯޓުން ވެސް ހުކުމް ކޮށްފައި އޮތީ، ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.
އެހެން، ހައިކޯޓުން ހުކުމްކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތު ލިބިގެނެވެ.
ޔާމީންގެ މައްޗަށް އިތުރު މައްސަލައެއްގައި ވެސް ވަނީ މަނީ ލޯންޑްރިންގެ ދައުވާ އުފުލައި ކުރިމިނަލް ކޯޓުގައި ޝަރީއަތް ފަށާފަ އެވެ. އެއީ، ރިސޯޓް ހެދުމަށް ދޫކުރި މުއާމަލާތުން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދެއްވި ކަމުގެ ތުހުމަތު ކުރާ މައްސަލައެކެވެ.

އޭގެއިތުރުން، އެމްއެމްޕީއާރްސީއާ ގުޅޭ މައްސަލައެއްގެ ތަހުގީގަށް އިއްޔެ ވެސް ޔާމީން ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފަ އެވެ.










