ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، ކްލަބް ވެލެންސިއާ އިން ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގުކުޑަކޮށްފި އެވެ.
މިރޭ ވެލެންސިއާ މޮޅުވުމުން މާޒިޔާގެ ލީޑު ވަނީ ހަތަރު ޕޮއިންޓަށް ކުޑަވެފަ އެވެ. ލީގުގެ ދެ ވަނަ ބުރުގައި މާޒިޔާ އާއި ވެލެންސިއާ އަށް ބާކީ އަދި ދެ މެޗު އެބައޮތެވެ. ދެ ޓީމުން ވެސް 12 މެޗު ކުޅެފައިވާއިރު، ލީގުގައި މެޗަކުން ބަލިނުވެ އޮތް މާޒިޔާ އެއް ވަނައިގައި އޮތީ 28 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ އަށް 12 މެޗުން ލިބިފައިވަނީ 24 ޕޮއިންޓެވެ.
މެޗު ފަށައިގެން 10 ވަަނަ މިނިޓްގައި ވެލެންސިއާގެ ސްޕެއިން ފޯވާޑް ބޯހަސް މާޓިން އަށް ލިބުނު ހުސް ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ދެ މިނިޓް ފަހުން އޭރިއާ ތެރެއިން ވެލެންސިއާގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ ފަހުން މެޗުގެ 26 ވަނަ މިނިޓްގައި ވެލެންސިއާގެ އަހުމަދު ރިލްވާން (ރިލޭ) ބޮލުން ފޮނުވާލި ބޯޅައެއް ވެސް ޖެހުނީ ދަނޑީގަ އެވެ. އެކަމަކު އޭގެ މިނިޓެއް ފަހުން ރިލޭ ހުސްކޮށްލާފައި ދިން ބޯޅައެއް ގޯލަށް ވައްދާލައި ބޯހަސް ވެލެންސިއާ އަށް ލީޑުނަގައިދިނެވެ.
ކާޑު ހަމަވުމުގެ ސަބަބުން ވެލެންސިއާގެ ޑިފެންޑަރު އަކުރަމް އަބްދުލް ގަނީ (އަކޫ)ގެ ބަދަލުގައި ވެލެންސިއާ އިން މި މެޗުގައި ފަހަތަށް ބޭނުންކުރީ އީރާންގެ ޑިފެންޑަރު މެހެރްދާދު ޕޫލާދީ އެވެ. ކުރިން މެޗުތަކުގައި އޭނާ ކުޅުނީ މެދުތެރެއަށެވެ. ވެލެންސިއާ އިން ލީޑުނެގި ފަހުން ގްރާންޑޭ އިން އެޓޭކް ވަރުގަދަކޮށް ނަތީޖާ ހަމަހަމަކުރަން ރަނގަޅު ފުރުސަތުތަކެއް ހޯދި އެވެ.
މެޗުގެ 29 ވަނަ މިނިޓްގައި ދަ ގްރާންޑޭ އަށް ލިބުނު ހިލޭ ޖެހުމެއް އަވަސްކޮށްލުމަށް ފަހު އެ ޓީމުގެ އުޒްބެކިސްތާން ޑިފެންޑަރު ކޮމިލޯވް އަބްދުރަސުލް ޖައްސާލީ އޭރިއާތެރެއިން މުހައްމަދު ސަހާއު (ބޭލް) އަށެވެ. ބޭލް ޖެހި ޝޮޓް ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ. އޭގެ އަށް މިނިޓް ފަހުން ދަ ގްރާންޑޭގެ އުޒްބެކިސްތާން މިޑްފީލްޑަރު އުމަރުޔޯނޯފް އަހްރޯރް ޖެހި ހިލޭ ޖެހުން ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ. އަދި ފަހުން އޭރިއާތެރެއިން އަހްރޯރް ނަގައިދިން ބޯޅައެއް އޭރިއާތެރެއިން ވެއްޓިގެންފައި ގޯލަށް ފޮނުވާލަން ޔަސްފާދު ހަބީބް (މުލަކޭ) މަސައްކަތްކުރި ނަމަވެސް ބޯޅަ ރަނގަޅަށް އޭނާ ފައިގައި ލައްވާލާ ގޮތެެއްނުވި އެވެ.
ވެލެންސިއާ އިން ފުރަތަަމަ ހާފު ނިންމާލީ ދެ ގޯލުގެ ލީޑަކާ އެކު އެވެ. ލިބުނު ކޯނަރެއްގައި އަލީ ފާސިރު (ސެންޓޭ) ނެގި ބޯޅަ ދަ ގްރާންޑޭގެ އަހުމަދު ވިޖުދާން ފައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ގޯލާ ދިމާލަށް ދިއުމުން އެ ޓީމުގެ ކީޕަރު އިޔާން އަބްދުލް އަލީމް (ޗިކީ) ވަނީ އެ ބޯޅަ ބޭރުކޮށްފަ އެވެ. އެކަމަކު ޗިކީ އެ ބޯޅަ ބޭރުކޮށްލިއިރު، ގޯލުގެ ރޮނގު ހުރަސްކޮށްފައިވާ ކަމަށް ނިންމައި ރެފްރީ މުހައްމަދު ޖާވިޒް ވަނީ އެ ގޯލު ބަލައިގެންފަ އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ހަ ވަނަ މިނިޓްގައި ދަ ގްރާންޑޭގެ އިބްރާހިމް ނޫރައްދީން (އެންޑިން) ޖެހި ޝޮޓް ވެެލެންސިއާގެ ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ. އޭގެ ދެ މިނިޓް ފަހުން ސަހާއު ހުސްކޮށްލާފައި އޭރިއާ ތެރެއިން މުލަކޭ އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ވެލެންސިއާ އިން މެޗުގެ 56 ވަނަ މިނިޓްގައި ތިން ވަނަ ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އޭރިއާބޭރު ރޮނގުކައިރިން ދަގަނޑޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. އޭގެ 10 މިނިޓް ފަހުން ސެންޓޭ ޖެހި ބޯޅައެއްގެ ރީބައުންސް އޭރިއާތެރެއިން ދަގަނޑޭ އަށް ލިބުމުން އޭނާ ފޮނުވާލި ބޯޅަ ދިޔައި ހުރަސްދަނޑިމަތިންނެވެ. މެޗުގެ 71 ވަނަ މިނިޓްގައި ދަ ގްރާންޑޭގެ ސަހާއު އޭރިއާތެރެއިން ޖެހި ބޯޅަ ކީޕަރު ފައިސަލް މަތަކުރި އެވެ.
ވެލެންސިއާގެ ތިން ވަނަ ގޯލު ޖެހީ މެޗުގެ 75 ވަނަ މިނިޓްގައި ބޯހަސް އެވެ. ހާފްގެ މެދެއްހާ ހިސާބުން ދަގަނޑޭ ހުސްކޮށްލާފައި ދިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ބޯހަސް ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
ދަ ގްރާންޑޭ އިން ޖުމްލަކޮށް ބަލާއިރު މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. އަދި ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރިއިރު، ލަނޑެއް ޖެހޭގޮތްވީ މެޗުގެ 86 ވަނަ މިނިޓްގަ އެވެ. ހިލޭ ޖެހުމެއްގައި އޭރިއާތެރެއަށް ހުރަސްވި ބޯޅަ ކީޕަރު ފައިސަލް އަތުން ދޫވެގެން ގޮސް ލިބުނީ ދަ ގްރާންޑޭގެ ހަސަން ޝިފާން އަށެވެ. އޭނާ ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ ރޯދަ މަހުގައި ކުޅުނު ފުރަތަމަ މެޗު ކަމަށްވެފައި އެކި ކަހަލަ އުނދަގޫތަކެއް ދިމާވި ކަމަށެވެ. އަދި މިއީ ވެލެންސިއާގެ ފެންވަރަށް ބަލާއިރު އެންމެ ރަނގަޅު ކުޅުމެއް ދެއްކުނު މެޗެއް ނޫން ކަަމަށް އާތީ ބުންޏެވެ.
"ވެލެންސިއާ އިން ހިފަހައްޓަމުން އައި ކޮންސިސްޓަންސީ އަށް ބަލާއިރު ރަނގަޅެއް ނޫން ކަންނޭނގެ. އެކަަމަކު މި ކަހަލަ ލީގެއްގައި ތިން ޕޮއިންޓް މުހިއްމުވާނީ. އެކަން ކުރެވިއްޖެ،" އާތީ ބުންޏެވެ.
މި ނަތީޖާއާ އެކު ދަ ގްރާންޑޭ އޮތީ ލީގުގެ ހަތަރު ވަނައިގަ އެވެ. އެއީ 13 މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ ފަސް ވަނައިގައި އޮތް އީގަލްސް އަށް 11 މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، މެޗު ހަމަކޮށްގެން ލީގުގެ ހަތަރަކަށް އެރުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.
ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ މެޗުން ބަލިވި ނަމަވެސް ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި ދަ ގްރާންޑޭގައި ރަނގަޅު ސްޓްރައިކަރެއް ހުރިނަމަ މި މެޗުގައި ލަނޑު ޖަހަން އެ ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭނެ ކަމަށާއި މިރޭގެ މެޗުގައި އެ ޓީމަށް ގޯސްކޮށްދިޔަ ކަމަކީ ހަމައެކަނި ނަތީޖާ ކަމަށް އިންމަ ބުންޏެވެ.













