ކޮވިޑް-19 ގައި ރާއްޖެ އިން މިއަދު އަނެއްކާވެސް މީހަކު މަރުވެއްޖެ އެވެ.
މި ބަލީގައި ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދިން އަންހެނަކު ވެސް މިއަދު ހެނދުނު ވަނީ މަރުވެފަ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހަވީރު މަރުވީ އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމަށް ގެންދިޔަ 86 އަހަރުގެ ފިރިހިނެއް ކަމަށެވެ. އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު އެއްވެސް ހަރަކާތެއް ނެތް ކަމަށާއި މަރުވީ 4:20 ހާއިރު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މިއީ ރާއްޖެ އިން މި ބަލީގައި މަރުވި 69 ވަނަ މީހާ އެވެ.
ރާއްޖޭގައި މިހާތަނަށް 26،021 މީހުންނަށް މި ބަލީ ވަނީ ޖެހިފަ އެވެ. މި ބަލިން 23،360 މީހުން ރަނގަޅު ވެފައިވާ އިރު އެކްޓިވް ކޭސް އުޅެނީ 2،584 ގަ އެވެ.

ވެކްސިން ގެ ދެވަނަ ޑޯޒް ޖަހަން ފަށާފައިވާ އިރު، ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް ދެ ހަފްތާ ފަހުން ކަރަންޓީން ނުވެ ރަށްރަށަށް ދަތުރުކުރެވޭނެ ގޮތް ވަނީ ހަމަޖައްސައިފަ އެވެ.











