ކުރުވާހަކަ: ނެގި ރާޅު

ކުރުވާހަކަ: ނެގި ރާޅު

ބޮޑު އީދުގެ ކުލަ މަޖާގަނޑުގެ ތެރޭގައި އަހަރެމެން އުޅެމުން އައީ ވަރަށް އުފާވެރިކަމާއެކުގައެވެ. މާލެއިންނާއި އެކި ރަށްރަށުން އައިސް އުޅޭ ބައިގަނޑުގަނޑުން ރަށުތެރެ ވަނީ ހަލަބޮލިވެފައެވެ. އީދުގެ ފުރިހަމަ އުފާ ލިބެނީ ވެސް، މިގޮތަށް ރަށުތެރޭގެ ބައި ހެޔޮވެލީމައެވެ. ދަންނަ މޫނުތަކާއި ނުދަންނަ މޫނުތައް އެކުވެ، ގުޅި ލާމެހުނީމައެވެ.

އީދު ދުވަހުގެ ރޭގެ އިރާކޮޅުގެ ވަގުތެވެ. ރައްޓެހި ކުދިންކޮޅަކާއެކު އަހަރެން ދިޔައީ ކޯޑިނެރޭ ތަނަށެވެ. ދުވާލެކޭ އެއް ގޮތަށް މަގުތައް ވަނީ ރަކަރަކަ އަޅާފައެވެ. އަހަރެމެން ދިޔައީ ތުނޑިއާވީ ކޮޅަށެވެ. ކޯޑި ނެރުމުގެ އެންމެ ފޯރިގަދަ ބައި އޮންނާނީ އެ ހިސާބުގައި ކަމަށް ވާތީއެވެ.

ތަންކޮޅަކަށް ދެވުނު ތަނާ، ކުރިމަތިން ފިރިހެން ގުރޫޕެއް އަންނަތަން ފެނުނެވެ. އެ ތަނުގައި ތިބީ، ރަށުގެ ހަތަރުފަސް ކުއްޖަކާއި ބީރައްޓެހި ސޮރެކެވެ. އަހަރެމެންނާ އަރައިހަމަވެފައި، ރަށު ކުއްޖަކު އަހަންނަށް ގޮވައިލުމާއެކު، ބީރައްޓެހި ކުއްޖާ ވެސް އަހަރެންގެ ނަމުން ގޮވައިލިއެވެ. އެއީ އަހަރެން ދަންނަ ކުއްޖަކަށް ނުވާތީ، އަނގައަކުން ނުބުނަމެވެ. އެކަމަކު އެހައި ހިސާބުން އެ ގުރޫޕު އަހަރެމެންގެ ފަހަތު އަޅުވާލައިފިއެވެ.

އެ ރޭ، އޭނާ އަހަންނަށް ވަރަށް ޖެއްސުން ކުރިއެވެ. ފާޑުފާޑުގެ އެއްޗެހި ކިޔައި ދިމާކޮށް ހެދިއެވެ. އެހެންނަމަވެސް އަނގައަކުން ނުބުނަމެވެ. ރުޅި އައީ އަތުގައި ހިފުމުންނެވެ. އައި ރުޅީގައި އޭނާގެ ކަންކަށި މަތީގައި އެތިފަހަރެއް ޖެހުނެވެ. ގައިގައި އަތްލައިގެން ނުވާނޭކަން ހަނދާންކޮށްދިނުމުގެ ގޮތުންނެވެ. އެހައިތަނުން އޭނާގެ އުނދަގުލުން އެ ރޭ ސަލާމަތްވެއްޖެއެވެ.

އެއީ އީދު ޗުއްޓީއަށް މާލޭން އައިސް އުޅޭ ޒުވާނެކެވެ. ނަމަކީ ވިދާދެވެ. އޭނާ އަހަރެން ދެކެ މާ ބޮޑަށް ލޯބިވަނީޔޯލައެވެ. އަޖައިބެކެވެ. އަހަރެން މި އުޅެނީ މީހަކާ ހިތާނުވެވިގެން ހެއްޔެވެ؟ އޯލެވެލް ނިމުނެއްކަމަކު، އިތުރަށް ކިޔެވުމަށް ކުރާ އުއްމީދު އަހަރެން ދުލެއް ނުކުރަމެވެ. ވީއިރު އެހެން އަންނަ ވިދާދަކީ އަހަންނަށް ކާކުހެއްޔެވެ؟ އެހެންނޫނަސް ޒަވާޖީ ހަޔާތަކީ ކުޅޭކުޅޭ އެއްޗެއް ނޫނެވެ. އަހަރެން މާކުރިއްސުރެ ކަނޑައަޅާފައި އޮންނަ އަޒުމެއް އޮވެއެވެ. ރާއްޖޭގައި ފުރެމުން އަންނަ ވަރީގެ ލިސްޓަށް، އަހަރެންގެ ސަބަބުން އެންމެ ނަމެއް ވެސް އިތުރުވިޔަ ނުދިނުމެވެ. އެއީ އެއް ދުވަހަކު ނޫހަކުން ފެނުނު ހަބަރަކާ ގުޅިގެން ކަނޑައެޅުނު އަޒުމެކެވެ.

އަހަރެން ހީކުރީ އެ ރެއަށް ފަހު، ވިދާދުގެ އުނދަގުލެއް ނުފޯރާނޭ ކަމަށެވެ. އެކަމަކު ވީ އެހެނެއް ނޫނެވެ. އޭނާ ވަރަށް މޮޅެވެ. މަންމަގެ ބޯ ކައިލީއެވެ. އޭނާ ބޭނުންވީ އަހަންނާ އިންނާށެވެ. މާލެއަށް ގެންދާށެވެ. ކިޔަވައި ވެސް ދޭށެވެ. އަހަރެން ކިޔަވަން ބޭނުންވާހައި ދުވަހަކު، ދަރިއަކު ވެސް ނުހޯދާނޭ ކަމަށް މަންމަ ބުންޏެވެ. އަހަރެން އިންކާރު ކުރީމެވެ. ކަރުނައާއެކު މަންމަ ގާތު އާދޭސް ކުރީމެވެ. މަންމަ ހުރީ، ހަތިޔާރު ބަހައްޓާ ގޮތަކަށް ނޫނެވެ. މަންމަ އެދެނީ އަހަންނަށް ހެވާއި ލާބައަށެވެ.

އެންމެ ފަހުން އަހަރެން ކައިވެންޏާ އެއްބަސްވީމެވެ. އެހެން ގޮތެއް ނެތުމުންނެވެ. ހިތުން ލޭ އޮހޮރެމުން ދިޔަ ނަމަވެސް، މަންމަ އުފާކޮށްދެވޭތީ ހިތްހަމަޖެހުނެވެ. މާލޭގެ "ޢިއްޒަތްތެރި"އަކާ ކައިވެނި ކުރެވޭތީ، ވީ ރޯން ހެއްޔެވެ؟ އަހަރެމެން ކަހަލަ ވަނދު ބަނބުކެޔޮ ކައިގެން ބޮޑެތިވާ ރާއްޖެތެރޭ ކުދިންނަށް، ހުވަފެނަކުން ވެސް މި ކަހަލަ "ނަސީބެއް" ލައްވަފާނޭ ހެއްޔެވެ؟

ކައިވެންޏަށްފަހު އަހަރެން ގޮވައިގެން، ވިދާދު އައީ މާލެއަށެވެ. ރަށުން އަހަރެން ފުރި ދުވަހު މަންމަ ރުޔެވެ. އެހެނަސް މަންމަގެ ހިތުގައި އުފާވެރިކަމުގެ ރާގެއް ވެސް ކުޅެމުން ދާނޭކަން ޔަގީނެވެ. އަހަރެން މާލެ ގޮސް ވޭތުކުރާނީ، ކޮން ފަދަ އުފާވެރި ދިރިއުޅުމެއް ހެއްޔެވެ؟ ވިދާދުގެ ބޮޑު ގޭގައި، އޭނާގެ ފުރިހަމަ ހިމާޔަތުގައި އުޅޭނެ އަރާމު ދިރިއުޅުން........

ކޮންމެ ގޮތެއްވިޔަސް މިހާރު ވިދާދަކީ އަހަރެންގެ ފިރިމީހާއެވެ. އަހަރެން ކަނޑައެޅި އަޒުމެއް އޮތްކަން ހަނދާން ނައްތައެއް ނުލަމެވެ. އެހެންކަމުން އަހަރެން ގަސްދުކުރީ، ލޯބިނުވިޔަސް ވިދާދާއެކު ރަނގަޅަށް އުޅުމަށެވެ. އުފާވެރި ނޫނަސް، ހަމަޖެހޭ ދިރިއުޅުމެއް ވޭތިކުރެވޭތޯ ބެލުމަށެވެ. ދެން އޮތް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ވިސްނައިގެންނެވެ.

ވިދާދުގެ ބައްޕަގެ ގެއަކީ އަހަރެން ހީކުރިވަރަށްވުރެ ވެސް މާ ބޮޑު ގެއެކެވެ. ފަސްބުރީގެ ބޮޑު އިމާރާތެކެވެ. ހަތަރު ބުރި ހުންނަނީ ކުއްޔަށް ދީފައެވެ. ވިދާދުގެ އާއިލާ އުޅެނީ އެންމެ މަތީ ފަންގިފިލާގައެވެ. ގެ ބޮޑެއް ކަމަކު، އުފަލެއް ނުވެއެވެ. ބޭނުންވަނީ ކިޔަވާށެވެ. އަހަރެން ވިދާދާ ކައިވެނިކުރީ، ކިޔަވައިދޭނަމޭ ބުނުމުންނެވެ. މާލެ ގެނެސް ކޯހެއްގައި ބައިވެރި ކުރުވާނަމޭ ބުނުމުންނެވެ. އެކަމަކު ދެ ހަފުތާ ވެގެން ދިޔައިރު ވެސް، އެ ކަހަލަ އެއްވެސް ވާހަކައެއް އޭނާ ނުދައްކައެވެ. ކޯސްތަކަށް އިއުލާނު ނުކުރާތީ ކަންނޭނގެއެވެ.

ވޭތުވެ ދިޔަ ދުވަސްތަކުގައި، އަހަންނަށް ފާހަގަކުރެވުނު އެއް ކަމެއް އެބަ އޮތެވެ. ވިދާދު އަހަންނާ ދުރުކަމެވެ. އަނގައިން ނުބުނެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އާންމު ގޮތެއްގައި އަހަންނަށް އޭނާ ފެންނާނީ، މެންދަމުން އަލިވާ ފަހުންނެވެ. އައިސް އިންނާނީ ފިލްމު ބަލާށެވެ. އަހަންނަށް ނިދޭއިރު ވެސް، އޭނާއެއް ނާންނާނެއެވެ. ނިދަނީ ކިހާއިރަކުކަމެއް ނޭނގެއެވެ. އަނެއް ކޮޅުން ތެދުވާނީ މެންދުރުން އަނބުރާ ފަހުންނެވެ. ވަޒީފާއަކަށް ނުދެއެވެ.

ވިދާދުގެ އުޅުން އަހަންނަށް ކިތަންމެ ކަމުނުދިޔަސް، އެއްޗެއް ނުބުނަމެވެ. ރުޅި އަތުވެދާނެތީ ބިރުގަނެއެވެ. އޭނާގެ ސިނގު ރުޅި، އެއްދުވަހަކު އަހަންނަށް އޮތީ ފެނިފައެވެ. އޭނާގެ މަންމައާ ދިމާއަށް އެހެރަ ގޮވައިލި އެއްޗިއްސެވެ. ހިތަށް އެރިއެވެ. މިއީ ވާ މީހެކެވެ.

ކޯސްތަކަށް އިއުލާނު ކޮށްފިއެވެ. އަހަރެން އެ އިއުލާނު އަޑުއެހީމެވެ. ވިދާދު އައުމުން ފަސްޖެހުމާއެކު، އަހަރެން އެ ވާހަކަ ބުނީމެވެ. ރުޅިއަރުވާކަށް ނޫނެވެ. ކޮށްދޭނަމޭ ބުނެފައި އޮތްކަމަކަށް ވާތީ ބުނީއެވެ. އެހެނަސް އޭނާގެ ވާހަކަ ހުރީ، ހީކުރި ގޮތަކަށް ނޫނެވެ.

"ހީކުރަނީތަ އަހަރެން ކަލޭ ކޯސްތަކަށް ވައްދައިގެން ކިޔަވައިދޭން އުޅޭކަމަށް؟ މަގޭ ކަންކަށިމަތީގައި ޖެހިތަނުން އަދިވެސް ރިހުން ނުކެނޑޭ." ކޯތާފަތްމަތީގައި އެއް އަތުން ފިރުމައިލަމުން، ވިދާދު އަހަންނާ ދިމާއަށް ބަލައިލީ، ރަންކަނި ބުރަމުން ދިޔަ ދެ ލޮލަކުންނެވެ.

ވިދާދުގެ އެ ވިހަ ގަދަ ޖުމުލައާއެކު، އަހަރެންގެ ހިތް ތެޅިގަތީ، ބިރުވެރި ކަމާއެކުގައެވެ. ދެ ލޯ ބޮޑުވިއެވެ. އަނެއްކާ ވިދާދު އެވަރަކުން އަހަންނާ ކައިވެނިކުރީ، އެ ކަމުގެ ބަދަލު ހިފަންބާވައެވެ؟ އަހަންނަށް ހުރެވުނީ ވިދާދާ ދިމާއަށް ބަލާށެވެ.

"އާނ! މިއީ އެހެން އެއްވެސް ބޭނުމަކު ކުރިކަމެއް ނޫން!"

އަހަންނަށް ރޮވުނެވެ. ގަތް ބިރެއްގެ ބޮޑުކަމުންނެވެ. ވިދާދު ފިލްމު އަޅުވައިގެން ބަލަން އިންއިރު، އަހަންނަށް ކުރެވުނުކަމަކީ، އެނދުމަތީގައި އޮވެ ރުއިމެވެ. އިރުއިރުކޮޅުން ރުޅިވެރިކަމާއެކު އަހަންނާ ދިމާއަށް އޭނާ ބަލައިލާކަން އެނގެއެވެ. އެންމެ ފަހުން އޭނާ ރުޅިއައިސްގެން އައިސް، އަހަރެންގެ ދެ އަތުގައި ހިފައި، ކޮޅަށް ނެގުމަށްފަހު، މޫނުމަތީގައި އޭނާގެ އެ ވަރުގަދަ އަތްތިލަ ހުރިގޮތަށް ބަހައްޓައިލިއެވެ. ވީތަދާއެކު މޫނުމައްޗަށް އަނދިރިވެގެން ދިޔައެވެ. ބޮލަށް އެނބުރުން އަރައިގެން އެނދުމައްޗަށް ދެމުނެވެ.

އުމުރުން މިހާދުވަސް ވީއިރު، އަހަރެންގެ މަންމައެއް ވެސް ބައްޕައެއް ވެސް އަހަރެންގެ ގަޔަކު ޖަހާފައެއް ނޯނާނެއެވެ. އެހެންކަމުން މޫނުމަތިން ނެގި ދިލައަށްވުރެ، ހިތަށްލިބުނު ކެކުޅުން މާ ބޮޑުވިއެވެ.

އެ ރެއަކީ، ވިދާދުގެ ފަރާތުން އަހަންނަށް ލިބުނު އަނިޔާގެ ދިގު ސިލްސިލާ ފެށުނު ރެއެވެ. ހައްގުން ކަމަކާ ނުލައި، އަހަރެންގެ ގައިގައި އޭނާ ޖެހީ ކިތައް ފަހަރުކަމެއް ބުނާކަށް ނޭނގެއެވެ. އެންމެ ބޮޑު ވޭނަކަށްވީ، އޭނާގެ ހުންނަ ކުކުޅު ހާލުގެ އުސޫލެވެ. އެހެނަސް އެ ކަމަށް ވެސް ކެތްކުރީމެވެ.

ރައްޓެހިން ގޮވައިގެން ގެއަށް އައިސް، އެ މީހުންގެ ކުރިމަތީގައި، އަހަރެން ނިކަމެތިކޮށްލުމަކީ، އޭނާގެ އުފަލެކެވެ. އޭނާ ގެއަށް އަންނައިރު، އަހަރެން ތަނެއްގައި އޮށޯވެ އޮވެއްޖިއްޔާ ތެދުވާކަށް ނުބުނާނެއެވެ. ވައްޓައިލުން ފިޔަވައި، ދެވަނަ ދެ ގޮތެއް ނުހަދާނެއެވެ. އަހަންނަށް އަނިޔާއެއް ކޮށްލުމަކީ، އޭނާގެ ހިތަށް ފިނިކަން ލިބޭ ކަމަކަށް ވަނީ ކަންނޭނގެއެވެ.

ދެ ދުވަހުން އެއް ދުވަހު ކަހަލަ ގޮތަކަށް މަންމަ ނުވަތަ ބައްޕަ އަހަންނަށް ގުޅައެވެ. ހާލު ބަލައެވެ. މި ކަހަލަ އެއްވެސް ވާހަކައެއް އަހަރެން ކިޔައެއް ނުދެމެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ވިދާދާއެކު އުޅެން ބޭނުންވާތީއެވެ. އަހަރެންގެ ހިތާމައިގެ އެއްކޮޅު، މަންމައާއި ބައްޕަ ލައްވާ އުފުލާން ބޭނުންނުވާތީއެވެ.

އާ ދުވަހެކެވެ. މެންދުރު ފަހުގެ ވަގުތެވެ. ވިދާދު ނިދާ ހޭލައިގެން، ސައިބޮއިގެން އެ ދިޔަ ތަނަކަށް ހިނގައްޖެއެވެ. އަހަރެން ކޮޓަރިއަށް ވަދެ ޖައްސައިލީ، ބޮލުގައި ރިހޭލެއް ބޮޑުކަމުންނެވެ. ކުރީ ރެއަކު ވިދާދު ރުޅިއައިސްގެން އެނދުން ވައްޓާލި ވަގުތު، ފާރުގައި ބޯ ޖެހިގެން، އުފެދުނު ރިހުން، ދާއިމީ ވޭނަކަށް ވަނީ ވެފައެވެ.

ނިތްމަތީގައި އަތް ބާއްވާލައިގެން ފިކުރުގެ ކަނޑަކަށް އަހަރެން ގެނބިފައި އޮއްވާ، ކޮޓަރީ ދޮރު ހުޅުވާލައިފައި ވަނީ ވިދާދެވެ. އަހަރެން އުޅުނީ ތެދުވެވޭތޯއެވެ. އެކަމަކު ނުތެދުވެވުނެވެ. އޭނާ އައިގޮތަށް އައިސް ހިފީ، އަހަރެންގެ އިސްތަށިގަނޑުގައެވެ. ދަމައި ކޮޅަށް ނަގައިފިއެވެ. ވީތަދެއްގެ ބޮޑުކަމުން އަހަންނަށް ރޮއިގަނެވުނެވެ.

"ކަންނެތްކަމުގެ ހައްދެއް ނެތެއްނު! ކޮންމެހެން އަހަރެން އައިމަ ތެދުވަން ޖެހޭތަ؟ ޖެއްސުންކުރާން ނޫޅެއްޗޭ!" ވިދާދު ހަޅޭއްލަވައިގަތްއިރު، އޭނާގެ އަތްތިލަ އަހަރެންގެ މޫނުމައްޗަށް އަރައިފިއެވެ. އަނގަފެޅި، ލޭތައް އޮހިގަތެވެ. މޫނުމައްޗަށް އަނދިރިވިއެވެ.

ހޭވެރިކަން ވީއިރު، އަހަރެން އޮތީ ހޮސްޕިޓަލުގައެވެ. ކައިރީގައި އިނީ ބައްޕައެވެ. ބައްޕަ ފެނުމާއެކު އަހަންނަށް ރޮއިގަނެވުނެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. ބައްޕައަށް ވެސް ރޮވުނެވެ. އަހަރެންގެ ގައިގައި ފިރުމާލަމުން، ބައްޕަ އަހަންނަށް ދިނީ ވިދާދު އަހަރެން ވަރިކުރި ހަބަރެވެ. އަހަރެންގެ ލޮލުން ކަރުނަ އޮހިގަތެވެ. އުފަލާއި ހިތާމައިން ކުލަޖެހިފައިވާ ކަރުނައެވެ. މިއީ އަހަރެން ބޭނުންވި ކަމެކެވެ. އެހެނަސް ދެކެން ބޭނުންވި ދުވަހެއް ނޫނެވެ.

އަހަންނަށް އަންގައިނުލައި ބައްޕަ މާލެ އައީ، އަހަންނަށް ސަޕްރައިޒަކަށެވެ. އެހެނަސް ސަޕްރައިޒް ލިބުނީ ބައްޕައަށެވެ.

ހޮސްޕިޓަލުން ދޫކޮށްލުމުން އަހަރެން ގޮވައިގެން ބައްޕަ ރަށަށް ފުރިއެވެ. ވިދާދު އިނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އަހަރެން އެކަމަކާ އުފަލެއް ނުވެއެވެ. ދެރައެއް ވެސް ނުވެއެވެ. ދެރަވަނީ، އުމުރު ދުވަހު ރައްކާކޮށްގެން އުޅުނު އަގުބޮޑު މުދާ، ރަހުމެއް ހަމްދަރުދީއެއް ނެތް މީހަކަށް ހިބަކޮށް ދެވުނީތީއެވެ. މި ކަމުގައި ކުށްވެރިއަކީ ކާކުތޯ ބަލައި ތަހުގީގަކަށް ދާކަށް ނެތީމެވެ. ހުރިހައި އަނިޔާއަކާއި ނިކަމެތިކަމެއް ލިބުނީ އަހަންނަށެވެ. (ނިމުނީ)

ފަހުގެ ޚަބަރު

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox