ހިޖުރަވެރިއެއްގެ ހުސްކަން: މަންމަ އަށް ފަރީދު ޒަކަރިއާގެ އަސަރުގަދަ އަލްވަދާއު

ފަރީދު (ވ) އޭނާގެ މަންމައާ އެކު. --ފޮޓޯ: އިންސްޓަގްރަމް

ފަރީދު (ވ) އޭނާގެ މަންމައާ އެކު. --ފޮޓޯ: އިންސްޓަގްރަމް

ދުނިޔޭގެ މައްސަލަތަކާއި ހާރިޖީ ގުޅުންތަކަށް އަމާޒުކޮށްގެން މަޝްހޫރު ނޫސްވެރިޔާ ފަރީދު ޒަކަރިއާ ސީއެންއެންގައި ގެނެސްދޭ "ފަރީދު ޒަކަރިއާ ޖީޕީއެސް" ޝޯ ގެ މި ހަފުތާގެ އެޕިސޯޑް އޭނާ ނިންމާލީ އާއްމު އާދަޔާ، ހިލާފުކޮށެވެ. އެޕިސޯޑުގެ އެންމެ ފަހު ވަގުތުކޮޅު އޭނާ ބޭނުންކުރީ ކޮވިޑް ޖެހިގެން ދިމާވި ސިއްހީ މައްސަލަތަކާ ގުޅިގެން މި ހަފުތާގައި މަރުވި އޭނާގެ މަންމަ ފާތިމަތު ޒަކަރިއާ އަށް، ހިތުގައި އޮތް ލޯބި ބަންޑުންކޮށް އަސަރުގަދަ އަލްވަދާއެއް ކިޔުމަށެވެ.

"އަހަރެމެން މިދަނީ މުޅި ދުނިޔޭން ކޮވިޑުގެ ތިން މިލިއަން މަރާ ދިމާލަށް. މީހުން ބައެއް ފަހަރު ފާހަގަކުރޭ އެ ތަފާސްހިސާބުތަކުގެ ފަހަތުގައި ވަނީ ވަކިވަކި އިންސާނުންނޭ،" ފަރީދު ފެށި އެވެ.

"މި ހަފުތާގައި އަހަރެންގެ މަންމަ، ފާތިމާ ޒަކަރިއާ ވެގެންދިޔައީ އޭގެން ތަފާސްހިސާބުގެ ބަޔަކަށް."

Advertisement

މަގުބޫލު ނޫސްވެރިޔާ، ކުޅަދާނަ ލިޔުންތެރިޔާ، ވިސްނުންތެރި އެނަލިސްޓް، އަދި ދުނިޔޭގެ މައްސަލަތަކަށް ފިކުރުހިންގުމުގައި އެފަދަ ދެ ވަނަ އެއް ނެތް ފަރީދު ބުނީ އޭނާ، އޭނާ އަށް ވުމުގެ ފަހުރު އެކަކަށް އެންމެ ބޮޑަށް ނެގޭނެ މީހަކީ މަންމަ ކަމަށެވެ.

"ކުޑަ ކަމަކަށް ވިޔަސް ބޮޑު ކަމަކަށް ވިޔަސް އަހަރެން މި ދުނިޔޭން ހާސިލްކުރި ކަމެއް ވިއްޔާ އެކަމަކަށް (ޒިންމާވާނީ) މަންމަ. އެހެންވެ އަހަރެން ހިތަށް އެރީ މަންމައާ ބެހޭގޮތުން ވާހަކަދައްކާލާނަމޭ،" ފަރީދު ބުންޏެވެ.

އަޅާލާނެ މީހަކު ނެތް ނިކަމެތި ކުދިންނަށް ކިޔައިދިނުމަށް އިޖްތިމާއީ ހަރަކާތްތެރިއެއްގެ ގޮތުގައި އެންމެ ފުރަތަމަ މަސައްކަތް ފެށި ނަމަވެސް ފަރީދުގެ މަންމަ ފާތިމާ ދެން މިސްރާބު ޖެހީ ނޫސްވެރިކަމާ ދިމާލަށެވެ. ކުޑަކުދިންގެ ކޮލަމިސްޓެއްގެ ގޮތުގައި މަސައްކަތް ފެށުމަށް ފަހު އޭނާ ވަނީ މުމްބާއީ ޓައިމްސް އާއި ދަ ޓައިމްސް އޮފް އިންޑިއާގެ ސަންޑޭ އެޑިޝަނުގެ އެޑިޓަރުކަންކޮށްފަ އެވެ.

"1970ގެ އަހަރުތަކުގައި މަންމަ އަކީ އިންޑިއާގެ މީޑިއާގެ ސީނިއާ މަގާމުތަކުގައި ތިބި މަދު އަންހެނުންގެ ތެރެއިން އެކެއް،" ފަރީދު ކިޔައިދިނެވެ. "އެއީ ފިރިހެނުންގެ ދުނިޔެއެއް. އެކަމަކު މަންމަ ދުވަހަކު ވެސް ޝަކުވާއެއް ނުކުރޭ. ބުރަކޮށް މަސައްކަތްކުރަމުން ކުރިއަށް ދިޔައީ."

ފާތިމާ ވަނީ އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު މާގްރެޓް ތެޗާ އާއި އިންޑިއާގެ ބޮޑުވަޒީރު އިންދިރާ ގާންދީއާ އިންޓަވިއުކޮށްފަ އެވެ. އަދި އިސްލާމުންނާ ބެހޭގޮތުން، އެތައް ބަޔެއްގެ ތާއީދާއި މަގުބޫލުކަން ލިޔުނު ކަވާ ސްޓޯރީއެއް ހަދާފައިވެ އެވެ. ފަހުން ނޫސްވެރިކަމާ ދުރުވުމަށް ފަހު ފާތިމާ މިސްރާބު ޖެހީ އޭނާގެ ފުރަތަމަ ލޯތްބާ ދިމާލަށެވެ. ކިޔަވައިދިނުމަށެވެ. ފާތިމާގެ ފިރިމީހާ، އިންޑިއާގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރު އަދި އިސްލާމީ އިލްމުވެރިޔާ ރަފީގު ޒަކަރިއާއާ ވެގެން އުފެއްދި ސްކޫލުން ނިކަމެތި އެތައް ކުދިން ދަރިވަރުވި އެވެ.

"ތައުލީމަކީ އިޖްތިމާއީ ބަދަލު ގެނައުމަށް މުހިއްމު ވަސީލަތެއް. ތައުލީމާއި ތަމްރީނުގެ ފައިދާ މުޖުތަމައުގެ އެތައް ދިމާލަކަށް ކުރޭ،" ފަރީދުގެ ޝޯގައި ދެއްކި ފާތިމާގެ ވީޑިއޯ ކްލިޕެއްގައި އޭނާ ބުނެފައިވެ އެވެ.

އެކަމަކު ފަރީދު ބުނީ ނޫސްވެރިކާއި ތައުލީމީ ހިދުމަތުގެ ކާމިޔާބީތަކާ އެކު ވެސް، މަންމަ އެންމެ ފަހުރުވެރިވީ މަންމައެއްގެ ގޮތުގައި އަދާކުރެވުނު ދައުރާ މެދު ކަމަށެވެ. ފަރީދު ބުނި ގޮތުގައި ދަރީންގެ ކަންކަމަށް ހުސްވުމުގެ އިތުރުން މަންމަގެ އެންމެ ހާއްސަ ސިފައަކީ ދަރީންގެ ވާހަކަތައް ސީރިއަސްކޮށް ނެގުން ކަމަށެވެ.

"އަހަރެން ހަނދާން އެބަހުރި ރޭގަނޑުގެ ކެއުމުގެ ތެރޭގައި، މަންމަ (އޭރު މަސައްކަތްކުރި މަޖައްލާގެ) ކަވަރުގައި ޖަހާނީ ސްޓޯރީއަކާ މެދު އަހަރެމެން މަޝްވަރާކުރިން. އޭރު ވެސް އުމުރުން 10 އަހަރުގެ އަހަރެންގެ ވަރުގަދަ ވިސްނުންތަކެއް ހުރި،" ފަރީދު ބުންޏެވެ.

ފާތިމާ (ކ-2) އޭނާގެ މާމަދަރިންނާ އެކު. --ފޮޓޯ: އިންސްޓަގްރަމް
ފާތިމާ (ކ-2) އޭނާގެ މާމަދަރިންނާ އެކު. --ފޮޓޯ: އިންސްޓަގްރަމް

ފާތިމާ (ކ-2) އޭނާގެ މާމަދަރިންނާ އެކު. --ފޮޓޯ: އިންސްޓަގްރަމް

ފަރީދު ބުނި ގޮތުގައި ދަރިން ދެކެ މަންމަވީ ލޯބި އެންމެ ބޮޑަށް ހާމަކޮށްދެނީ، އެނބުރި ނާންނާކަން އެނގޭ އިރު ވެސް، ދަރިން އެމެރިކާ އަށް ކިޔަވަން ދިއުމަށް ބާރު އެޅި އެޅުން ކަމަށެވެ. މަންމަގެ އުފާވެރިކަން އަގެއްގެ ގޮތުގައި ދެއްކުމަށް ފަހު ވިޔަސް މަންމަ ބޭނުންވީ ދަރީންނަށް ރަނގަޅު ގޮތް ކަމަށް ފަރީދު ބުންޏެވެ.

ކަންވީ އެހެންނެވެ. އެމެރިކާގެ ޔޭލް ޔުނިވާސިޓީން ފުރަތަމަ ޑިގްރީ އަދި ހާވަޑް ޔުނިވާސިޓީން މާސްޓާސް އާއި ޕީއެޗްޑީ ހާސިލްކުރުމަށް ފަހު ފަރީދު އެމެރިކާގައި މަޑުކުރީ އެވެ. އެމެރިކާގެ ރައްޔިޔަކަށްވެ އެ ގައުމުގައި ކެރިއަރު ބިނާކުރީ އެވެ. ނިއުސްވީކް އިންޓަނޭޝަނަލްގެ އެޑިޓަރުކަމާއި ޓައިމް މަޖައްލާގެ ކޮންޓްރިބިއުޓިން އެޑިޓަރުކަންކޮށްފައިވާ ފަރީދު ހުށަހަޅާ "ޖީޕީއެސް" ޝޯ އަކީ ދުނިޔޭގެ މަސްރަހު ދިރާސާކޮށް މުޅި ދުނިޔޭގައި ގެނެސްދޭ އެންމެ މަގުބޫލު އެއް ޝޯ އެވެ. ވޮޝިންޓަން ޕޯސްޓުގައި އޭނާ ލިޔާ ކޮލަމްތައް އެހާމެ ހިނގަ އެވެ. މިވަގުތު ދުނިޔޭގައި ހުރި އެންމެ ވަރުގަދަ އެއް ޕަބްލިކް އިންޓަލެކްޗުއަލް، ވަނީ "ޕޯސްޓް އެމެރިކަން ވޯލްޑް" ފަދަ ކާމިޔާބު އެތައް ފޮތެއް ލިޔެފަ އެވެ.

އެކަމަކު ފަރީދުގެ ދިރިއުޅުމުގައި ހުސްކަމެއް އެބައޮތެވެ؛ އޭނާ ބުނީ ހިޖުރަވެރިންގެ ވާހަކަ މީހުން ދައްކަނީ އުފާވެރި ވާހަކައެއްގެ ގޮތުގައި ކަމަށާއި އެކަމަކު ކޮންމެ ހިޖުރަވެރިއެއްގެ ވާހަކައިގައި ހިތާމަ ވެސް އެކުލެވޭ ކަމަށެވެ.

"ގައުމަކާއި ސަގާފަތަކާއި އާއިލާއެއް ދޫކޮށްލާފައި އައުމުގެ ހިތާމަ. ލޯބިވާ ދަރިފުޅާ ދުރުވާން ޖެހި، ރޭގަނޑު ސިއްރުސިއްރުން ކަރުނަ އޮހޮރަ މަންމައަކާ ވަކިވުމުގެ ހިތާމަ،" ފަރީދު އެ ހުސްކަން ސިފަކޮށްދިނެވެ.

ފަރީދު ބުނީ ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން، އެންމެ ފަހު ފަހަރަށް މަންމަ ދެކިލުމުގެ ފުރުސަތު ނުލިބި އަދި އެ މަންމަ ވަޅުނުލުމުގެ ފުރުސަތު ނުލިބުމުން މިއަދު އޭނާ އަށް އެ ދުރުމިނުގެ ހިތާމަ އިހުސާސްކުރެވޭ ކަމަށެވެ.

"އެހެންވެ އަހަރެން ހިތަށް އެރީ މި ފުރުސަތުގެ ބޭނުން ހިފައި ބުނެނާލަމޭ، މަންމާއޭ އަލްވަދާއު ކިޔަމޭ، މަންމަ ދެކެ ވަރަށް ލޯބިވެޔޭ،" ފަރީދު ނިންމާލި އެވެ.

މިއީ ފަރީދު އޭނާގެ މަންމަ އަށް ލޯބި ބަންޑުންކޮށްލި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. ހަވާޑް ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި 2012 ވަނަ އަހަރު ދިން ތަގުރީރުގައި، މައިންބަފައިން ދެކެ ލޯބިވުމާ ގުޅޭ ދިން ނަސޭހަތް ގިނަ ބަޔެއްގެ ހަނދާނުގައި ހަރުލާފައިވެ އެވެ. ތަޖުރިބާ އިން ލިބުނު ފިލާވަޅެއް ކަމަށް ބުނެ ފަރީދު ދަސްވެނީންނަށް އެ ދުވަހު ބުނީ ދަރިން ދެކެ މަައިންބަފައިން ވާ ލޯބި، ތިމާ އަށް އަމިއްލަ ދަރިން ލިބުމުން މެނުވީ އިހުސާސްނުކުރެވޭނެ ކަމަށެވެ.

"ދަސްވެނީންނޭ، އަހަންނަށް ކަމެއްކޮށްދީ. މާ ގިނަ ދުވަހު މަޑުނުކުރޭ. އަހަރެންގެ މަންމަ ދިރިއުޅެނީ 8000 މޭލު ދުރުގައި (އިންޑިއާގައި) އެހެންވެ އަހަރެން ކޮންމެ ދުވަހަކު މިކަމާ ވިސްނަން. ހުރިހާ ދުވަހެއްގެ ތެރެއިން ވެސް މިއަދު ތިކުދިން ތެދުވެ މައިންބަފައިންގައިގައި ބައްދާލާފައި ބުނޭ ލޯބިވެޔޭ،" ފަރީދު ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

މީހަކަށް ހަމަލާދިނުމުން ކްރިސް ބްރައުންއަށް ޖަލު ހުކުމެއް

ލަންޑަނުގެ ނައިޓްކްލަބެއްގައި މީހަކަށް ހަމަލާދިން މައްސަލައިގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިސް ބްރައުންގެ މައްޗަށް އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ހުކުމް ތަންފީޒުކުރުން 12 މަހަށް ފަސްކޮށްފިއެވެ. މި މާރާމާރީގައި ބައިވެރިވި އޭނާގެ ވޯކަލް ކޯޗަށް ވެސް ހަތަރު މަހުގެ ސަސްޕެންޑަޑް ހުކުމެއް އިއްވާފައިވާއިރު، ކޯޓުން ވަނީ މި ދެ މީހުން 1,500 ޕައުންޑުން ޖޫރިމަނާކުރުމަށް ވެސް އަމުރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox