"ކުޑަކުޑަ އާބާދީއަކުން 100 މީހުން ކޯޓަށް ދާންޖެހުމަކީ ކުޑަކަމެއް ނޫން،"
ތ. ކަނޑޫދޫ، ރައްޔިތުންތަކެއް ވޯޓާ ގުޅޭ މައްސަލާގައި ކޯޓަށް ދާން ޖެހުމުން ވަކީލް މުހައްމަދު ތަސްނީމް ވިދާޅުވި އެވެ.
ކުޅިގަދަ މިރުސް ހެއްދުމުގައި މަޝްހޫރު ރަށް، ކަނޑޫދޫގެ ރައްޔިތުންގެ އުދާސްތައް މި އިންތިހާބާ ގުޅިގެން ބޮޑުވެ އެންމެ ގިނައިން އަޑުއިވުނު ނަމަކަށް އެ ރަށް ވީ ކޯޓަށް ހުށަހެޅި ތިން މައްސަލައަކާ ގުޅިގެންނެވެ.
ސުޕްރީމް ކޯޓަށް ފުރަތަމަ މައްސަލަ ހުށަހެޅުއްވީ ކައުންސިލްގެ ރައީސްކަމަށް ވާދަކުރެއްވާ ހަސަން މޫސާ އެވެ. އޭގެ ފަހުން ހައި ކޯޓަށް ރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ ވޯޓުގެ ހައްގު ގެއްލޭ މައްސަލައެއް ވައްދައިފަ އެވެ.
އެކަން ހިނގީ ކިހިނެއް؟
ހަސަން މޫސާގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރީ ސާބިތު ދަރަންޏެއްގެ މައްސަލައެއްގަ އެވެ. އޭނާ ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުމުން ފުރަތަމަ އެ ކޯޓުން ހުކުމްކުރީ، އިލެކްޝަނުން ކެންޑިޑެސީ ބާތިލް ކުރީ ގޯސްކޮށް ކަމަށެވެ. އެ މައްސަލަ ކޯޓުން ނިންމީ، ހަސަން މޫސާ ކެންޑިޑެންސީ ބަލައިގަތުމަށް އޮންނަ 48 ގަޑިއިރު ތެރޭގައި އެ ބަލައިގަނެ، ފަހުން ލިބުނު މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކެންޑިޑެންސީ ބާތިލްކޮށްފައިވާތީ އެވެ. ކެންޑިޑެސީއެއް 48 ގަޑިއިރު ފަހުން ބާތިލް ކުރާނަމަ އެ ބާރު އޮތީ ސުޕްރީމް ކޯޓަށެވެ.
އިލެކްޝަން ކޮމިޝަނުން ބުނެފައިވާ ގޮތުގައި، ދަރިންގެ ސާބިތު ހަރަދުގެ މައްސަލައިގައި ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާކަން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ކޮމިޝަނަށް އެންގީ 48 ގަޑިއިރު ފަހުންނެވެ. ނަމަވެސް ހުކުމް އައި ގޮތުން ހަސަން މޫސާގެ ނަން އަލުން ކެންޑިޑޭޓުންގެ ލިސްޓްގައި ހިމެނުމަށް ފަހު، ސުޕްރީމް ކޯޓަށް ކެންޑިޑެންސީ ބާތިލް ކުރަން ހުށަހެޅި އެވެ. ސާބިތު ދަރަނި އޮތްކަން ސާބިތުވާތީ، ސުޕްރީމް ކޯޓުން ވެސް ނިންމީ ހަސަން މޫސާގެ ކެންޑިޑެންސީ ބާތިލް ކަމަށެވެ.
ހަސަން މޫސާގެ ކެންޑިޑެސީ ބާތިލު ކުރުމާއެކު އޭނާއާ ވާދަ ކުރި އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ރީހާން ވަނީ ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ހޮވިފަ އެވެ. ގާނޫނު ބުނާ ގޮތުން އެއް ކެނޑިޑޭޓަކު ވާދަ ކުރާނަމަ އެ މީހަކު އޮޓޮމެޓިކުން ހޮވެ އެވެ.
އޮޓޯއިން ހޮވުމުގެ ކަންބޮޑުވުން!
ކަނޑޫދޫގެ ރައީސް ކަމުގެ ގޮނޑި ވެސް ހިމެނޭގޮތުން މި ފަހަރު ވޯޓަކާ ނުލައި 120 މީހަކު ކައުންސިލްތަކުގެ ގޮނޑީގައި އިށީންނާނެ އެވެ. ރައްޔިތުންގެ މަންދޫބުންނަކީ ވޯޓަކުން ހޮވާ ބައެއް ކަމަކު، ގާނޫނުން އޮތް ގޮތުން މިކަން މިގޮތަށް ވަނީ އެވެ.
ކައުންސިލް އިންތިހާބާ ބެހޭ ގާނޫނުގައި ބުނަނީ، ކައުންސިލެއްގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަކީ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުން ކަމަށްވެފައި އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ އަދަދު އިންތިހާބު ކުރަންޖެހޭ މެންބަރުންގެ އަދަދު އެއްވަރުނަމަ ނުވަތަ އެއަށްވުރެ މަދުނަމަ އެ އިންތިހާބުގައި ވޯޓުލުމެއް ނެތި އެ ކެންޑިޑޭޓުން އެ މަގާމުތަކަށް އިންތިހާބުވީ ކަމަށް އިއުލާން ކުރަންވާނެ ކަމަށެވެ.
ކަނޑޫދޫ މީހުން ހައިކޯޓަށް މި މާއްދާއާ މެދު ހިތްހަމަނުޖެހިގެން ދިޔައިރު، މިއީ ވަރަށް ފުޅާކޮށް ބަހުސް ކުރެވެމުންދާ ކަމެކެވެ.
މީގައި ބަހުސަކީ ގާނޫނު އަސާސީ އާއި އިންތިހާބާ ބެހޭ ގާނޫނާ އޮތީ ފުށުއެރުމެއްތޯ އެވެ؛
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރައްވާ، ގާނޫނީ ވަކީލް އަދި ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީ ވިދާޅުވެފައިވާ ގޮތުގައި، އިންތިހާބު ނުނިމެނީސް އެކަކުވެސް ނުހޮވޭނެ ކަމަށާއި ވޯޓުލީ މީހުންގެ މެޖޯރިޓީ ނުލިބި އިންތިހާބުވުމަކީ ގާނޫނު އަސާސީ ދަންނަ ކަމެއް ނޫން ކަމަށެވެ.
އެ ވާހަކަ ތަފްސީލް ކުރައްވަމުން ކުރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވި ގޮތުގައި، ގާނޫނު އަސާސީގެ 231 ވަނަ މާއްދާގައި ކައުންސިލްތަކަށް މެމްބަރުން އިންތިހާބު ކުރަންޖެހޭ ގޮތް ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާއިރު އެއާ ހިލާފަށް އިންތިހާބުވެފައިވާ ކަމަށް ބުނަމަކީ ގާނޫނާ ހިލާފަށް ކުރެވޭ ކަމެއް ކަމެވެ.
ގާނޫނު އަސާސީގެ 231 ވަނަ މާއްދާގައި ބުނަނީ ކައުންސިލްތަކުގައި ހިމެނެން ވާނީ ހަމައެކަނި އެ ކައުންސިލް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުން ދީމިގްރާތީ އުސޫލުތަކުގެ މަތީން ސިއްރު ވޯޓަކުން އިންތިހާބު ކުރާ މެންބަރުން ކަމެވެ.
"ރައްޔިތުންގެ ސިއްރު ވޯޓުން އިންތިހާބުކުރުން ގާނޫނު އަސާސީން ލާޒިމްކުރާ މަގާމަކަށް ކުރިމަތިލާ ފަރާތްތައް ނަން އަނބުރާ ގެންދިޔުމަކީ ނަން އަނބުރާ ނުގެންދާ ފަރާތާމެދު ދާއިރާގެ ރައްޔިތުން ބަސް [ވޯޓުން] ހޯދުމަކާ ނުލައި، އިންތިހާބުވާންޖެހޭ ސަބަބެއް ނޫން،" ހައިލަމް ވިދާޅުވި އެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވެސް ވިދާޅުވީ ގާނޫނު އަސާސީގައި އެހެން ލިޔެފައި އޮއްވައި އެއާ ހިލާފު ގޮތެއް ގާނޫނެއްގައި ނުލިޔެވޭނެ ކަމަށެވެ. ޑރ. ދީދީ ވިދާޅުވީ ހައެރާކީ ގޮތުން ގާނޫނުތަކުގެ އެންމެ މަތީގައިވާ ގާނޫނު އަސާސީއާ އެއްގޮތް ނޫން ކަމެއް ގާނޫނާ އެއްގޮތް ކަމަށް ބަލާނެ އެއްވެސް ހަމައެއް ނޯންނާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، އިންތިހާބާ ބެހޭ ގާނޫނުތައް އިސްލާހުކޮށް ރައްޔިތުން ފުރިހަމަ ގޮތުގައި ތަމްސީލް ކުރެވޭނެ އިންތިހާބީ ނިޒާމެއް ގާއިމުކުރަންޖެހެ އެވެ.

ކަނޑޫދޫ: އެ ރަށުގެ ވޯޓާމެދު ހިޔާލު ތަފާތުވުން ވަނީ އުފެދިފައި
ގާނޫނު ބަދަލުކުރެވިދާނެ، އެކަމަކު ނަތީޖާއަކީ ކޮބާ؟
ކަނޑޫދޫ ރައްޔިތުންގެ ބަޔަކު ކޯޓަށް މައްސަލަ ހިފައިގެން ދިޔަ ނަމަވެސް ހަގީގަތުގައި މިކަމުގެ ހައްލު ކޯޓަކު ނެތެވެ. އެއީ، ގާނޫނެއްގެ ސާފު ބަހުން ލިޔެފައިވާ ލިޔެވުމެއް އެހެން ގޮތަކަށް މާނަ ކުރުން ނުވަތަ އެ މާއްދާއެއް އެއީ ނެތް މާއްދާއެއް ކަމަށް ކަނޑައެޅުމެއް، ހައިކޯޓަށް ނެތީމަ އެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވެސް ވިދާޅުވެފައިވާ ގޮތުގައި، ވޯޓަކާ ނުލައި ބައެއް ކެންޑިޑޭޓުން އިންތިހާބުވާ ކަމަށް އިއުލާން ކުރަނީ އެހެން ގާނޫނުގައި ލިޔެފައި އޮތުމުންނެވެ. ރައްޔިތުންނަށް ވޯޓުލުމުގެ ހައްގު ހޯދައިދިނުމުގައި އުޅޭ އިލެކްޝަން ކޮމިޝަނަށް ވެސް އެއީ މާކުރާ ހިތްވާ ކަމަކަށް ނުވާނެ އެވެ.
މިކަމުގެ ހައްލު އޮތިއްޔާ އޮތީ ރައްޔިތުންގެ މަޖިލީހުގަ އެވެ؛
ޑރ. ދީދީގެ ވެސް ފާހަގަ ކުރެއްވި ގޮތުގައި މިކަން އިސްލާހު ކުރަން ބޭނުންނަމަ، ޖެހޭނީ ގާނޫނަށް ބަދަލު ގެންނާށެވެ. އެ ނޫން ހައްލެއް ނުލިބޭނެ އެވެ. އެކަމަކު، ގާނޫނުގައި އެހެން ލިޔެފައިވަނީ ވެސް މަގުސަދެއް އޮތަތީ އެވެ. އެ ބަދަލު ކޮށްފިނަމަ ހައްލެއްގެ ބަދަލުގައި ގާނޫނީ ބޮޑު ހުސްކަމަކަށް ދިއުން ވެސް ގާތެވެ.
"ވަރަށް ކުދިކުދި އާބާދީތަކެއް އެބަ ހުރޭ، އެފަދަ އާބާދީތަކުން އެކަކަށްވުރެ ގިނަ މީހުން ކުރިމަތިނުލާ ހާލަތްތައް ވަރަށް ގިނައިން އެބަ ފެނޭ، އެހެންވެއްޖެ ކަމުގައިވާނަމަ ކައުންސިލަރެއް ނުލިބި ގާނޫނީ ހުސްކަމަށް ދާނެ، އެނެއްކާ ޖެހެނީ އެކަމަށް ހައްލު ހޯދަން އުޅެން،" ވަކީލަކު ވިދާޅުވި އެވެ.
އެކަމަކު، ކަނޑޫދޫން ކޯޓަށް ދިޔަ، ރައްޔިތުންގެ ގަބޫލު ކުރުން ތަފާތެވެ.
އެ ރަށުގެ ރައްޔިތުން ހައިކޯޓުގައި އެދިފައިވަނީ ރަށު ކައުންސިލްގެ ރައީސްގެ އިންތިހާބު ފަސްކޮށް، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލުމުގެ އަމުރެއް ނެރެދިނުމަށެވެ. އެފަދަ އަމުރެއް ނެރެދިނުމަށް ހައިކޯޓަށް ގާނޫނު ތަންދޭތޯ ސުވާލު އުފެދޭއިރު، ރަށުގެ އެ ރައްޔިތުން މުހިންމު ކަމެއް ފާހަގަ ކުރެ އެވެ.
"ދައުލަތުގެ އިހުމާލު މިކަމުގައި އެބަ އޮތް،"
ކަނޑޫދޫ ހަސަން މޫސާގެ ދަރަންޏެއް އޮތްތޯ 48 ގަޑިއިރު ތެރޭ ފުރަތަމަ ބެލިއިރު ނެތް ކަމަށް ބުނެ ކެންޑިޑެންސީ ގަބޫލުކުރި ކުރުމަކީ ހަގީގަތުގައި ރަށުގެ ރައްޔިތުންގެ ހައްގު ގެއްލިގެން ދިޔަ އޮޅުން ކަމަށް އެމީހުން ދެކެ އެވެ.
އެ މީހުން ގަބޫލު ކުރާ ގޮތުގައި، ހަސަން މޫސާގެ ދަރަންޏެއް އޮތްކަން ފަހުން އެނގި، އޭނާގެ ކެންޑިޑެންސީ ބާތިލްކުރިއިރު ކުރިމަތިލުމުގެ މުއްދަތު ހަމަވެފައި އޮތުމަކީ އިހުމާލެކެވެ.
"ހަސަން ކުރިމަތީ ޕީޕީއެމް ޓިކެޓްގައި، އޭނާއަށް ކުރިމަތި ނުލެވޭކަން މުއްދަތު އޮއްވައި އެނގުނު ނަމަ އެ ޕާޓީގެ ޓިކެޓްގައި ވާދަ ކުރާނެ އެހެން މީހުން އެބަތިބި، އަދިވެސް އެމީހުން ތިބީ ފުރުސަތަށް އެދި، ނަމަވެސް ދައުލަތުގެ އިހުމާލުން ފުރުސަތު މި ގެއްލެނީ،" ކަނޑޫދޫއަށް ނިސްބަތްވާ މީހަކު ބުންޏެވެ.
މިކަމާ ހިޔާލު ތަފާތު މީހަކާ ވެސް ދިމާވި އެވެ؛ އޭނާ ޒިންމާ އެޅުވީ ހަސަން މޫސާގެ ބޮލުގަ އެވެ.
"އިންތިހާބުތަކުގައި ވާދަކުރާއިރު ގާނޫނުގައި ބަޔާންކުރާ ޝަރުތުތައް ތިމާގެ ހަމަވޭތޯ ބަލާނަމަ މިފަދަ ކަންކަން ދިމާނުވީސް!،"ކަނޑޫދޫ ބަޔަކު ކޯޓަށް ދިޔަ ހަބަރު "އަދަދު"ން ހިއްސާކުރުމުން މީހަކު ޓްވީޓުކުރި އެވެ.
ކައުންސިލް އިންތިހާބާ އެކު، އަޑު ގަދަވެފައިވާ ކަނޑޫދޫގެ ރައްޔިތުން ހައިކޯޓަށް ގެންދިޔަ މައްސަލައާ ގުޅޭ ގޮތުން ވަކި ގޮތެއް އަދި ހައިކޯޓުން ނާންގަ އެވެ. އެކަމަކު މިކަމުގައި ކަނޑުދޫގެ މަޝްހަރު މިއޮތީ ހޫނުކޮށެވެ.












