ގުރައިދޫ މަރުކަޒުގަ ޑޮކްޓަރުން ނެތުމުގެ ޒިންމާ މިނިސްޓްރީން ނަގައިފި

އެޗްއާރްސީއެމް އަދި ޖެންޑާ މިނިސްޓްރީގެ ބޭފުޅުން ކޮމިޓީގައި ގުރައިދޫ މަރުކަޒުގައި ޑޮކްޓަރެއް ނެތުމުގެ ޒިންމާ ނަގާ ކަމަށް މިނިސްޓްރީން ބުނޭ-

އެޗްއާރްސީއެމް އަދި ޖެންޑާ މިނިސްޓްރީގެ ބޭފުޅުން ކޮމިޓީގައި ގުރައިދޫ މަރުކަޒުގައި ޑޮކްޓަރެއް ނެތުމުގެ ޒިންމާ ނަގާ ކަމަށް މިނިސްޓްރީން ބުނޭ-

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ޑޮކްޓަރުންނާއި ނަރުހުން ނެތްތާ ހަތަރު މަސް ވެފައިވާއިރު އެކަމުގެ ޒިންމާ ނަގާ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ އެ މަރުކަޒުގައި ނަފްސާނީ ބަލިތަކަށް ފަރުވާދޭނެ ޑޮކްޓަރަކު ނެތި ވެސް އަހަރަކަށް ވުރެން ގިނަ ދުވަސް ވެއްޖެ އެވެ. އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެމްބަރުން މިއަދު ވަނީ މަޖިލީހުގެ ކޮމެޓީއަށް ހާޒިރު ކޮށްފަ އެވެ.

މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމެޓީގެ މެމްބަރުން ވަނީ މިހާ ދުވަސްވީއިރު އެ މަރުކަޒަށް ޑޮކްޓަރަކު ހަމަޖައްސާފައި ނުވާތީ ޖެންޑާ މިނިސްޓްރީ ކުށްވެރި ކޮށްފަ އެވެ. ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ އެ މައްސަލާގައި ޖެންޑާ މިނިސްޓަރު އައިޝާ ދީދީ ކޮމެޓީއަށް ހާޒިރު ކުރަން ޖެހޭ ކަމަށެވެ. އެކަމުގެ ޒިންމާ ނަގަން ޖެހޭ ކަމަށާއި ވާހަކަތަކެއް ދައްކައިގެން މައްސަލަ ހައްލު ނުވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

އެކަމަށް ޖަވާބު ދެއްވަމުން ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ރަޝީދު ވިދާޅުވީ ޑޮކްޓަރުން ހޯދުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ޑޮކްޓަރަކު ނުލިބި ލަސްވުމުގެ ޒިންމާ ނަގާ ކަމަށް ވެސް ވިދާޅުވި އެވެ.

އަޅުގަނޑުވެސް ގަބޫލު ކުރަން އަޅުގަނޑުމެންގެ ޒިންމާ މީގައި އެބައޮތްކަން. ޖެންޑާ މިނިސްޓްރީއަކުން މިހާ ދުވަސްވާއިރު އަޅުގަނޑުމެންނަކަށް ނުވިއޭ ބުނެފައި އެހާ ފަސޭހަ ގޮތެއް ނޫންކަން މިއީ. ހަމަ މަސައްކަތް ކުރަން ޖެހޭކަން ގަބޫލު ކުރަން،-- އައިޝަތު

ސައިކޭޓްރިސްޓެއް ހޯދަން ކިހާ މަސައްކަތެއް ކުރެއްވިންތޯ މެމްބަރުން ސުވާލު ކުރުމުން ސްޓޭޓް މިނިސްޓަރު އައިޝަތު ވިދާޅުވީ ހެލްތް މިނިސްޓްރީ އާއި އައިޖީއެމްއެޗްގައި ވެސް އެކަމަށް އެދުނު ކަމަށެވެ. ކޮވިޑާއެކު ރިސޯޓްތައް ބަންދު ކުރުމުން އެތަންތަނުގައި ތިބި ޑޮކްޓަރުންނާއި ނަރުހުން ހޯދަން މަސައްކަތް ކުރުމުން އެކަން ވެސް ކާމިޔާބު ނުވި ކަމަށް އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރުން ހޯދަން ދިމާވާ ދަތިތައް ހިއްސާ ކުރައްވަމުން ސްޓޭޓް މިނިސްޓަރު ވިދާޅުވީ ގުރައިދޫ މަރުކަޒުގައި ތިބެން ޖެހޭތީ ބައެއް ދިވެހި ޑޮކްޓަރުންނާއި ދިވެހި ނަރުހުން އުޒުރުވެރިވާ ކަމަށެވެ. ރާއްޖޭން ބޭރުން އަންނަ ޑޮކްޓަރުންނާއި ނަރުހުން އެ މައްސަލަ ނުޖައްސާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖެންޑާ މިނިސްޓްރީގެ ޑިރެކްޓާ އަހުމަދު އިމާދު، ވިދާޅުވީ ޑޮކްޓަރުން ފަދަ ސިއްހީ ޓެކްނިކަލް މަގާމުތަކަށް މީހުން ހޯދުމަށް ދަތިތަކާ ކުރިމަތިވާ ކަމަށެވެ. ސައިކޭޓްރިސްޓެއް ހިމެނޭގޮތަށް ޑޮކްޓަރުންނާއި ނަރުހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރުންނާއި ނަރުހުން ލިބުން ދަތިވުމުން ހެލްތް މިނިސްޓްރީއާ ގުޅިގެން ވެސް އެކަން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް އެކަން ކާމިޔާބު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްއާރުސީއެމްގެ ބޮޑެތި ކަންބޮޑުވުންތަކެއް

އެޗްއާރުސީއެމްގެ މެމްބަރު ޑރ. އަހުމަދު އަދްހަމް އަބްދުﷲ ވިދާޅުވީ ޖެނުއަރީ މަހު އެ ކޮމިޝަނުން އެ މަރުކަޒަށް ޒިޔާރަތް ކުރި ކަމަށާއި އޭރު އެތަނުގައި 194 މީހުން ތިބި ކަމަށެވެ. އެތަނުގެ އެއް ވިންގް ބަންދުކޮށްފައި ހުރުމުގެ ސަބަބުން އޭރު އެތަނުގެ ކެޕޭސިޓީއަކީ 150 ކަމަށާއި އެހެންކަމުން އޭރު މީހުން ތިބީ ތިބެން ޖެހޭ އަދަދަށް ވުރެ އިތުރަށް ކަމަށް އައިމަން ވިދާޅުވި އެވެ.

އައިމަން ވިދާޅުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެ މަރުކަޒުގައި ސައިކޭޓްރިސްޓެއް ނެތް ކަމަށެވެ. އަދި މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ޑޮކްޓަރެއް ނެތް އިރު މިދިޔަ ޖެނުއަރީން ފެށިގެން ނަރުހެއް އެ މަރުކަޒުގައި ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"މެޑިކަލް ސްޓާފުން ނެތުމުގެ ސަބަބުން ބޭސް ދެއްވަނީ އެތަނުގައި ވަރަށް ގިނަ ދުވަސް ވަންދެން އުޅުއްވާފައި ހުރި އަންޓްރެއިންޑް ބޭފުޅުން ބޭސް ނަގާފައި ދަޅުދަޅަށް އަޅާފައި،" އައިމަން ވިދާޅުވި އެވެ.

އެކަމަށް ޖަވާބު ދެއްވަމުން ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ވިދާޅުވީ ބޭސް ދިނުމުގެ ކުރިން ޗެކްކުރުން ފަދަ ކަންކަމުގައި ގުރައިދޫ ސިއްހީ މަރުކަޒުގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށެވެ.

އައިމަން ވިދާޅުވީ އެ މަރުކަޒުގެ 72 ކަމެއް އިސްލާހު ކުރަން އަންގާފައިވާ ކަމަށެވެ.

އެޗްއާރުސީއެމްގެ މެމްބަރު އާމިނަތު ޝިފާއަތު އަބްދުއްރައްޒާގު ވިދާޅުވީ ސައިކޭޓްރިސްޓަކާއި ޑޮކްޓަރެއް އެ މަރުކަޒަށް ލިބެންދެން އެތަނަށް ނަފްސާނީ ބަލީގެ އެއްވެސް މީހެއް ނުގެންދިއުމަށް އަންގާފައިވާ ކަމަށެވެ. އަދި ނަފްސާނީ ބައްޔަށް ފަރުވާދޭ ޑޮކްޓަރަކާއި ނަރުހުން މިހާރުން މިހާރަށް ހޯދުމަށް ވެސް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމީހަކު އަދި އެތަނަށް ގެންދިއުމަކީ ފަރުވާ ދެވެނީ ކަމަކަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ. އެފަރުވާ އެ ނޫން ގޮތަކަށް ވެސް އިންތިޒާމު ވެގެން ދާން އެބަ ޖެހޭ،" ޝިފާއަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަރުކަޒަށް މުވައްޒަފުން ލިބުން ދަތިވާ މައްސަލަ ހައްލު ކުރުމަށް އެތަނުގައި މުވައްޒިފުން ތިބޭ ފެސިލިޓީތައް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އަދި އެފަދަ ތަނެއްގައި މަސައްކަތް ކުރަން ދޭ މުސާރައަކީ ރަނގަޅު މުސާރައެއްތޯ ބަލައި ރިވިއު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެޗްއާރުސީއެމްގެ އެންގުންތަކަށް އަމަލު ކުރާ ގޮތް ބެލުމަށް މިދިޔަ ބުދަ ދުވަހު ޖެންޑާއަށް ލިޔުނު ކަމަށާއި ނަމަވެސް އަދި ޖަވާބު ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާއަތު ވިދާޅުވީ މަރުކަޒަށް ދިމާވެފައިވާ ޑޮކްޓަރަކު ނެތް މައްސަލައަކީ ތަކުރާރުވަމުން އަންނަ އަދި ދާއިމީ ހައްލެއް ލިބެން ޖެހޭ މައްސަލައެއް ކަމަށެވެ. އެކަން ކުރެވެން އޮތީ ޖެންޑާ މިނިސްޓްރީ އާއި ހެލްތް މިނިސްޓްރީގެ ގުޅުން މިހާރަށް ވުރެއް ހަރުދަނާ ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްއާރުސީއެމްގެ މެމްބަރު މަރިޔަމް މުނާ ވިދާޅުވީ ގުރައިދޫ މަރުކަޒުގެ ސީއީއޯއާ ވާހަކަ ދެއްކުމުން ޑޮކްޓަރެއް ނެތި ހިނގާ ކަންކަމަށް ޒިންމާނުވާނެ ކަން ޖެންޑާ މިނިސްޓްރީއަށް އޭނާ އަންގާފައިވާ ކަމަށް ވިދާޅުވި ކަމަށެވެ. އަދި އެހެން ވިދާޅުވުމަކީ ވަރަށް ބޮޑު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ތިމަންނަމެން މިހާރު އޮންނާނީ ޖެންޑާ މިނިސްޓްރީއަށް އަންގާފައޭ ސައިކޭޓްރިސްޓެއްނެތި، ޑޮކްޓަރެއް ނެތި މެޑިކަލް އެޓެންޓް ކުރާނެ އެއްވެސް ފަރާތެއްނެތި ހިނގާ ދުވަސްތަކުގައި އެތަނުގައިވާ ކަންތައްތަކަކަށް ޒިންމާއެއް ތިމަންނަމެންނަކަށް ނުވެވޭނޭ،" މުނާ ވިދާޅުވި އެވެ.

"ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އެތައް ބައެއްގެ ހައްގުތަކަކާ ގުޅޭ ވާހަކައެއް އެ ބުނެވެނީ. އެހެންވީމައި އަޅުގަނޑުމެންނަށް ވަރަށް ކޮންސާނިން ކަމެއް އެކަމަކީ."

ފިނޭންސްއިން ބުނިގޮތުގައި ގުރައިދޫ މަރުކަޒުގައި 167 މުވައްޒަފުން ތިބިއިރު އޭގެ ތެރޭގައި ގިނައީ ބަލި މީހުން ބަލަހައްޓާ މީހުންނެވެ. ޑޮކްޓަރުންނާއި ނަރުހުންގެ މަގާމަށް ބޭނުންވާ ބަޖެޓް ހަމައްސައި ދީފައިވާ ކަމަށް ވެސް ފިނޭންސްއިން ބުނެ އެވެ.

ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިތުރުން އުމުރުން ދުވަސްވީ އަޅާލާނެ މީހެއް ނެތް 197 މީހުން ގުރައިދޫ މަރުކަޒުގައި އެބަތިއްބެވެ. އޭގެ ތެރޭގައި ނަފްސާނީ މައްސަލަތައް ހުރި 158 މީހުންނާއި އުމުރުން ދުވަސްވީ 39 މީހުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox