ފޮޓޯއިން ތި ފެންނަނީ މީގެ ދެ ދުވަސް ކުރިން ދޯންޏަކުން ކަނޑަށް ކުނި އަޅަމުން ދަނިކޮށް މީހަކު ނަގާފައި ޓުވިޓާ އަށް ލުމުން ވައިރަލް ވި ވީޑިއޯ އަކުން ނަގާފައިވާ ފޮޓޯ ގަނޑެކެވެ.
ސާޅީހަކަށް ސިކުންތުގެ ކުރު އެ ވީޑިއޯ އިން ފެންނަނީ ދުވާލުގެ މެދުރެއްހާ އިރު، ފުންޏަކަށް ކުނި ބަރާކޮށްގެން މާ ކަނޑަށް ދޯންޏެއްގައި ނިކުތް ބަޔަކު، އެމީހުން އުފުލި ހުރިހާ ކުންޏެއް ކަނޑަށް އަޅާ މަންޒަރެވެ. ކުނިތައް އުކައި ނިމުމުން ރަށާ ވީ ކޮޅަށް އެމީހުންގެ މިސްރާބު އަނބުރާލަ އެވެެ. އެމީހުން ކަނޑަށް ނިކުތީ އެ ބޭނުމުގަ އެވެ. އެއީ ރާއްޖޭގެ އެންމެ ބޮޑު ބައޮސްޕިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅައި ހިމާޔަތްކޮށްފައިވާ ބ އަތޮޅުގެ ހިތާދޫ އަށް ނިސްބަތްވާ ދޯންޏެކެވެ.
ދޯނިން އުކާލި ކުނިތައް އޮޔާ ދެމެމުން ދާއިރު ފަހަތުން ފެންނަން އޮތީ ހުދު ކުލައިގެ ދޮންވެލި ފިނޮޅެކެވެ.

މިއީ ބައެއް ރަށްރަށުގައި އަދިވެސް އާންމު ކަމަކަށް ވިޔަސް، ކަމުގެ ސީރިއަސްކަން އެ ކުރު ވީޑިއޯ އިން އެކަނި ވެސް ހަނދާންކޮށްދެ އެވެ.
އުކާލާ ކުނިން ގޮނޑުދޮށް ތަކުގެ ހިތްގައިމުކަން ދުއްވާލައެވެ. ކަނޑާއި ފަރުތަކުގެ ދިރުންތައް މަރައިލަ އެވެ. ލޮނުގަނޑުގައި ވިހަ މާއްދާތައް އިތުރުކޮށް ޕޮލިއުޓަން އިތުރުކުރެ އެވެ. މި ހަގީގަތް ނުދަންނަ ދުވަސްވީ މީހަކު ވެސް، ކުޑަ ކުއްޖަކު ވެސް މިހާރު ރާއްޖެއަކު ނުހުންނާނެ އެވެ.
ކަނޑަށް ކުނި އެޅުން ނޫން ގޮތެއް ނެތީތަ؟
ޓުވިޓާގައި މި ވީޑިއޯ ހިއްސާކުރި ސާފް ގައިޑް އަދި ފޮޓޯގްރަފާ އަހްމަދު އަޒްނިލް (އަޖޭ) ގެ ނަޒަރުގައި މިކަން މިގޮތަށް ކުރާ ރަށްރަށުން ބަހަނާ އަކަށް ދައްކަނީ އެ އިރަކު އޮންނަ ސަރުކާރުގެ ދޯދިޔާ ކަމެވެ. ރަށްރަށުގައި ކުނި މެނޭޖު ކުރާނެ ގޮތްތަކާއި އިންސިނެރޭޓަރު މެޝިނަރީތައް ބަހައްޓާފައި ހުންނަ ނަމަ އެމީހުންނަށް ކަނޑަށް ކުނި އުކާލަން "މަޖުބޫރެއް" ނުވާނެ އެވެ. އޭރުން ހުރިހާ ރަށެއްގައި ވެސް މާލޭގައި ކުނި މެނޭޖު ކުރާ ގޮތަށް އެ ސިސްޓަމުގައި އެކަން ކުރެވޭނެ އެވެ.
"ހިތާދޫ ކައުންސިލުން ވެސް ބުނީ ރަށުގައި ކުނި އުކާލާ ތަނެއް ނޫނީ ނިޒާމެއް ނެތީމަ ކުނިތައް ކަނޑަށް އުކާލާ ގޮތަށޭ އެކަން އޮންނަނީ. ސަރުކާރަކުން ވެސް އެކަންކަމަކަށް އަހައްމިއްޔަތެއް ނުދެއޭ،" އަޖޭ ބުންޏެވެ.
އެކަމަކު ކިކތަންމެ ކުޑަ ރަށެއްގައި ވެސް އެމީހުން ބޭނުންކުރާ ކުނި މެނޭޖު ކުރެވޭނެ ބައިވަރު ގޮތް ގޮތް ހުންނާނެ އެވެ. ރަށުގެ ރައްޔިތުންނާއި ކައުންސިލުން އެއްބައިވެގެން ގެނެވިދާނެ "އަގުހެޔޮ" ހައްލު ވެސް ހުންނާނެ އެވެ.
މިސާލަކަށް ކުނި ވާ ޒާތުގެ ކުނިން ކާދު ތައްޔާރުކޮށްފައި އެ ކާދު ވިއްކައިގެން ރަށަށް ނަފާ ހޯދިދާނެ އެވެ. އޭރުން ރަށުގެ ތަރައްގީ އަށް ވެސް ކަމެއް ކޮށްލެވުނީ އެވެ. ހަލާކު ނުވާ ކުނީގެ ގޮތުގައި ހިމެނޭ ދަގަނޑާއި ދަޅާއި ޕްލާސްޓިކް ރިސައިކަލް ކޮށްގެން ނަފާ ހޯދޭނެ "އަގުހެޔޮ" ގޮތް ގޮތް ވެސް މިހާރު އެބަ ހުއްޓެވެ.
"ފަނަރަ ސަތޭކައެއް ހާ ޑޮލަރަށް ލިބޭނެ ދަގަނޑު ކުދިކުރާ ޝްރެޑިން މެޝިނު. ރަށު އެންމެން ގުޅިގެން އެވަރުގެ ކުޑަ އެންމެ މެޝެނެއް ގަނެފައި ދަގަނޑު އަވަށުގައި އޮތް އިންޑިއާ އަށް ކިލޯ ކިރާފައި ވިއްކިޔަސް، އެއީ ވެސް ފައިދާ،" އޭނާ ބުންޏެވެ.
އޭނާގެ ނަޒަރުގައި، އުޅޭ ވެއްޓާއި މެދު މިހާރު ވިސްނާ ވަރަށްވުރެ ފުޅާކޮށް ވިސްނަން ވެއްޖެ އެވެ. ބަދަލުކުރަންވީ ދިރިއުޅުމުގެ ގޯސް އާދަ ތަކެވެ.
"ސަރުކާރުން ކަންކަން ކޮށްދޭނެ ކަމަށް ބަރޯސާ ވެގެން ނުތިބެ، ކިރިޔާ ވެސް އަމިއްލަ ރަށަށް އަމިއްލަ ފެންވަރުން ކުރެވޭނެ ކަމެއް އޮތްތޯ ބަލައިގެން އެންމެން ވިސްނަން ހިފީމަ ބަދަލު އަންނާނެ، އެ ބަދަލު ފެންނަން ވެސް ފެންނާނެ،" އަޒްނިލް ބުންޏެވެ.







