ރިޕޯޓުއޮފިޝަލުން ނުލިބިދާނެ ކަމުގެ ބިރާ އެކު ބުރަ އިންތިހާބެއް!

އޮފިޝަލުން ނުލިބިދާނެ ކަމުގެ ބިރާ އެކު ބުރަ އިންތިހާބެއް!

ވޯޓުލާ މަރުކަޒުތަކުގައި ވަކި ހާއްސަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅަން ޖެހޭ. ގިނަ ބަޔަކު އެއްވެ ގިނަ ވަގުތު ތިބެން ނުޖެހޭނެ އިންތިޒާމު ހަމަޖެއްސުމާއި ވޯޓުލުމަށް ވަނުމުގެ ކުރިން ހުން ބެލުން ފަދަ ކަންކަން ހިމެނޭ.

އިންތިހާބުގެ ތައްޔާރީތައް އިލެކްޝަންސްގެ އޮފިޝަލުން ވަނީ: މިއީ މިހާތަނަށް ބާއްވާ އެންމެ ބުރަ ބޮޑު އިންތިހާބު-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު
އިންތިހާބުގެ ތައްޔާރީތައް އިލެކްޝަންސްގެ އޮފިޝަލުން ވަނީ: މިއީ މިހާތަނަށް ބާއްވާ އެންމެ ބުރަ ބޮޑު އިންތިހާބު-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ކޮވިޑުގެ ނުރައްކާ އެއްކޮށް ފިލައި ނުދަނީސް އިންތިހާބު ބާއްވަން ނުފެންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ. އެއީ ބަލީގެ ހާލަތުގައި އިންތިހާބު ބާއްވަން ދިމާވާނެ ދަތިތަކާއި ކުރިމަތިވާނެ އުނދަގޫތައް އަންދާޒާ ކުރެވޭތީ އެވެ.

އެކަމަކު ސިޔާސީ ޕާޓީތަކާއި ސަރުކާރުން ވެސް ގޮތް ދޫނުކުރީ އެވެ. ބޭނުންވީ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބާއްވާށެވެ. އެއް ސަބަބަކީ ވަކި މުއްދަތެއްގެ ތެރޭގައި ބާއްވަން ޖެހޭނެ ކަމަށް ގާނޫނުއަސާސީން ކަނޑައަޅާފައިވާ އިންތިހާބު ނުބޭއްވި އެއް އަހަރަށް ދަންމާލަން ޖެހުމެވެ. އަންނަ ހޮނިހިރު ދުވަހު މި އިންތިހާބު ބާއްވަން ވެސް ދެ ފަހަރަށް ގާނޫނު އިސްލާހު ކުރަން ޖެހުނެވެ.

މި އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެހެން ހުރިހާ އިންތިހާބުތަކަށް ވުރެން ބޮޑަށް ތައްޔާރުވެފަ އެވެ. އެހެންވިޔަސް މިއީ, މިހާތަނަށް ބާއްވާ އެންމެ ބުރަ ބޮޑު އިންތިހާބަށް ވެދާނެ ކަމަށް އެ ކޮމިޝަނުން ދެކެ އެވެ.

ވޯޓުލާ މަރުކަޒުތަކުގައި ވަކި ހާއްސަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ވެސް އަޅަން ޖެހެ އެވެ. ގިނަ ބަޔަކު އެއްވެ ގިނަ ވަގުތު ތިބެން ނުޖެހޭނެ އިންތިޒާމު ހަމަޖެއްސުމާއި ވޯޓުލުމަށް ވަނުމުގެ ކުރިން ހުން ބެލުން ފަދަ ކަންކަމެވެ. ކުރިއަށްވުރެން ތަފާތު އިންތިހާބަކަށް އީސީން ތައްޔާރުވެފައި އޮތީ ގޮންޖެހުންތަކާ އެކު އެވެ.

އެންމެ ގޮންޖެހުންބޮޑީ އޮފިޝަލުން ހޯދުމާއި ވޯޓް ގުނުން

ހާލަތުގެ ގޮތުން އެހެން އިންތިހާބުތަކުގައި ދިމާނުވާ އެތައް ކަމެއް މިފަހު އެބަ ދިމާވެ އެވެ.

ބައެއް ރަށްތަށް މޮނީޓަރިންގެ ހާލަތުގައި އޮތްއިރު އީސީގެ ރައީސް އަހުމަދު ޝަރީފް، "އަދަދު" އަށް ވިދާޅުވީ އެ ރަށްތަކުން އޮފިޝަލުން ނުލިބުމުގެ ބިރު ވެސް އެބަ އޮތް ކަމަށެވެ. ކޮވިޑް ވަރަށް ބޮޑަށް ފެތުރިފައިވާ ޅ. ނައިފަރުގައި ބައެއް އޮފިޝަލުން ޕޮޒިޓިވް ވެފައިވާއިރު އަނެއް ބައި އޮފިޝަލުން ކަރަންޓީންގައި ވެސް އެބަ ތިބި ކަމަށް ޝަރީފް ވިދާޅުވި އެވެ.

އެފަދަ ހާލަތްތަކުގައި އަމަލުކުރާނެ ޕްލޭން ބީއެއް އީސީން ވަނީ ހަދައިފަ އެވެ. އެކަމުގެ ތަފްސީލް ދެއްވަމުން ޝަރީފް ވިދާޅުވީ މާލެއިން ރަށްރަށަށް އޮފިޝަލުން ގެންދަން ޖެހޭނެ ކަމަށް ބަލައި ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

މިފަހަރު އޮފިޝަލުން ހޯދުން ވެސް ބޮޑު ގޮންޖެހުމަކަށްވި ކަމަށް ޝަރީފް ވިދާޅުވި އެވެ. ޖުމުލަ 7،000 އެއްހާ އޮފިޝަލުން މިފަހަރުގެ އިންތިހާބުގައި މަސައްކަތް ކުރާނެ އެވެ.

"ޓްރެއިނިން ހިންގުނީމައި ޕެންޑަމިކް ހާލަތާ ގުޅިގެން މިއީ ކިހާވަރެއްގެ ކަމެއްކަން އެނގިގެން ބައެއް މީހުން ވަކިވެސްވި. ގާތްގަނޑަކަށް 4،000 އެއްހާ އޮފިޝަލުން އަޅުގަނޑުމެން ތަމްރީން ކުރިއިރު ކިރިޔާ އަޅުގަނޑުމެންނަށް މި 2،400 މީހުން ހަމަކޮށްލެވެނީ،" ދިމާވި ދަތިތައް ހިއްސާ ކުރައްވަމުން ޝަރީފް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކޮންމެ ފަހަރަކު ވެސް ވޯޓު ގުނުމަށް ގިނަ ވަގުތު ހޭދަވެ އެވެ. ކައުންސިލަރުންގެ އިންތިހާބުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ވޯޓުލުން ވެސް މިފަހަރު ކުރިއަށް ދާތީ އިތުރަށް ވަގުތު ހޭދަވާނެ އެވެ.

ޝަރީފް ވިދާޅުވީ މިފަހަރުގެ ވޯޓް ކަރުދާސް ތައްޔާރު ކޮށްފައިވާ ގޮތުން ވެސް ނަތީޖާ ލަސްވާ ކަމަށެވެ. އެގޮތުން ކޮންމެ ވޯޓު ކަރުދާހެއް ހަތަރު ފަހަރު ގުނަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އެއީ އަތޮޅު ކައުންސިލްގެ ރައީސްގެ ވޯޓް. ރަށު ކައުންސިލްގެ ރައީސްގެ ވޯޓް. އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑީގެ ވޯޓް ވަކިން ގުނޭނެ. އަދި އާއްމު މެމްބަރުންގެ ވޯޓް ވެސް. އެހެންކަމުން ކޮންމެ ފަހަރަކު އެ ކަރުދާސް ކޮޅުތައް ގުނާނެ ނޫންތޯ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ 50 ދާއިރާއަށް ވުރެން ގިނައިން އެއް ފޮއްޓަކަށް ވޯޓްލާ 59 ވޯޓް ފޮށި ހުންނާނެ ކަމަށެވެ. އެހެންކަމުން ބައެއް މަރުކަޒުތަކަށް ވޯޓް ގުނަން އިތުރަށް އޮފިޝަލުން ނަގާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ގިނަ ފޮށުތަކުގައި ވޯޓް ގުނަން ފަށާތާ ހަތަރު ގަޑިއިރުގެ ތެރޭގައި ނަތީޖާ އިއުލާން ކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި އެންމެ ލަސްވާ ފޮށިތަކުގައި ވެސް ގުނަން ފަށާތާ އަށް ގަޑިއިރު ތެރޭގައި ނަތީޖާ އިއުލާން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އިންތިހާބުގައި ކޮވިޑަށް ޕޮޒިޓިވް ވެފައި ތިބި މީހުންނާއި ކަރަންޓީންގައި ތިބި މީހުންނަށް ވެސް ވޯޓް ލުމަށް ހާއްސަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސައިފަ އެވެ. ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އީސީން ފުރަތަމަ ނިންމީ ޕޮޒިޓިވް ވެފައިވާ މީހުންގެ އަތަށް ވޯޓް ކަރުދާސް ދިނުމުގެ ބަދަލުގައި އެހީތެރިއެއް މެދުވެރިކޮށް ވޯޓް ލުމަށެވެ.

ޝަރީފް ވިދާޅުވީ ވޯޓްގެ ސިއްރުކަން އޭރަށް ކަށަވަރު ނުކުރެވޭތީ އެހެން ހެދެން ނެތް ކަމަށް ގާނޫނީ ލަފާ ލިބިފައިވާ ކަމަށެވެ. އަދި ޕޮޒިޓިވް ވެފައިވާ މީހަކު ރަނގަޅަށް އަތް ސެނަޓައިޒް ކޮށްގެން ކަރުދާހުގައި އަތްލި ނަމަވެސް ވައިރަސް ފެތުރުމުގެ ފުރުސަތު ނެތް ކަމަށް އެޗްޕީއޭން ބުނާތީ އެގޮތަށް އަމަލު ކުރަން ނިންމައި އުސޫލު ހަދާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ޕޮޒިޓިވްވެފައިވާ މީހަކު އަންނަ ހިސާބުން ވަގުތުން ސެނަޓައިޒް ކުރެވޭނެ. ޑިސްއިންފެކްޓް ކުރުމުގެ އިންތިޒާމު ހަމަޖައްސާނެ. އަދި އޭނަ އައިސް ދިއުމާއެކީގައި އޭނާ އަތްލާ ހުރިހާ ތަނެއް ސެނަޓައިޒް ކުރަމުން ދާނެ،:- ޝަރީފް ވިދާޅުވި އެވެ.

ހަރަދުވެސް ބޮޑުތަނުން ބޮޑުވި

މި އިންތިހާބަކީ ކުރީގެ އިންތިހާބުތަކުގައި ކުރަން ނުޖެހޭ ހަރަދުތަކެއް ވެސް ކުރަން ޖެހޭ ފަހަރެކެވެ. ޝަރީފް ވިދާޅުވީ ޕެންޑެމިކެއްގައި އިންތިހާބު ބާއްވަން ޖެހުމުން އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވީ ހަރަދުގެ ކަންތައް ކަމަށެވެ. އެގޮތުން ރައްކާތެރިކަމަށް ބޭނުން ކުރާ ސެނަޓައިޒާ އާއި ފޭސް ޝީލްޑާއި ހުންބަލާ ތަމޯމީޓާ ފަދަ ތަކެއްޗަށް ވެސް ދެ މިލިއަން ހަރަދު ކުރަން ޖެހުނު ކަމަށް ޝަރީފް ވިދާޅުވި އެވެ.

"މީގެން ގިނަ އެއްޗިއްސަކީ އެންމެ ފަހަރަކު ބޭނުން ކުރީމައި ދެން އިތުރަށް އިލެކްޝަންސް ކޮމިޝަންއަކުންނެއް ބޭނުން ކުރާކަށް ނުޖެހޭނެ،" ޝަރީފް ވިދާޅުވި އެވެ.

ހަރަދު ބޮޑުވި ސަބަބުތަކުގެ ތެރޭގައި ވޯޓްލާ މަރުކަޒުތައް އެތައް ތަކެއް އިތުރުވުން ހިމެނެ އެވެ. ޝަރީފް ވިދާޅުވީ ކުރިން 532 ވޯޓްލާ މަރުކަޒެއް ހަދަން ނިންމިއިރު ފަހުން ވޯޓްލާ އެއް މަރުކަޒެއްގެ އަދަދު މަދު ކުރުމުގެ ގޮތުން 700 އަށް ވުރެ ވޯޓްލާ މަރުކަޒުތައް އިތުރު ކުރަން ޖެހުނު ކަމަށެވެ.

މުޅި ރާއްޖޭގައި މަރުކަޒުތައް އިތުރުވެގެން ދިޔައިރު މާލެ ސަރަހައްދުގައި އެންމެ ބޮޑަށް މި ގިނަވެގެން ދިޔައީ. ސަބަބަކީ ވޯޓުލާ މަރުކަޒަކަށް 500 އަށް ވުރެން ގިނައިން ހަމަޖެހިފައިވާ ގަޑީގެ ތެރޭގައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ވޯޓް ނުލެވޭނެ ކަމަށް ގަބޫލު ކުރެވޭތީ.

ކުރިން އިންތިހާބުތައް ސްކޫލްތަކުގައި ގިނައިން ބާއްވާއިރު މިފަހަރު 40 މަރުކަޒެއް ޓެންޓް ޖަހައިގެން ހަދަން ޖެހުނު ކަމަށް ޝަރީފް ވިދާޅުވި އެވެ. އެ ޓެންޓްތައް ހަދަން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ޓެންޓަކީ އޭގެ ޒާތުގައި ހޫނު މޫސުމުގެ ތެރޭގައި ބާއްވާތީވެ ފިނި ކުރުމާއި އަދި ވަކިކަންތައްތަކެއް ކުރަން ޖެހުމާއެކު އެކަމަށް ވެސް ވަރަށް ބޮޑެތި ހަރަދުތަކެއް އެބަ ދޭ. އާއްމު ހާލަތެއް ނަމަ އެއީ ދާނެ ހަރަދުތަކެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.

ވޯޓަކީ ޒަރޫރީ ކަމެއް، ނުހުއްޓުވޭނެ

ބައެއް ރަށްތަށް މޮނީޓަރިންގެ ހާލަތަށް ގެންގޮސް ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް އަރައިފޭބުން ވެސް ވަނީ މަނާކޮށްފަ އެވެ. ޝަރީފް ވިދާޅުވީ އެޗްޕީއޭއާއެކު ކުރި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ވޯޓު ލުމަކީ ޒަރޫރީ ކަމެއްކަމަށް ބަލައި ވޯޓުލުމުގެ ކަންކަން އެ ރަށްރަށުގައި ވެސް ކުރިއަށް ގެންދަން ހުއްދަ ދީފައިވާ ކަމަށެވެ.

ވޯޓުލުމަށްޓަކައި އަތޮޅުތެރޭގެ އެއްރަށުން އަނެއް ރަށަށް ދިއުން ހުއްދަ ކުރަން އެޗްޕީއޭން އެއްބަސްވެފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އެގޮތުން މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކަށް ވެސް ވޯޓްލައިފައި އަންނަ ގޮތަށް ދެވޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. ނަމަވެސް އޭގެ ތެރޭގައި މާލެ އާއި ރިސޯޓްތައް ނުހިމެނެ އެވެ.

ޝަރީފް ވިދާޅުވީ ހޮނިހިރު ދުވަހު ވޯޓުލުމަށްޓަކައި އީސީން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށާއި އެ ދުވަހު ވޯޓް ނުލެވިއްޖެ ނަމަ ގިނަ ދަތިތަކަކާ ކުރިމަތިވާނެ ކަމަށެވެ. އެއީ އެންމެ ރަށެއްގައި ވެސް ވޯޓް ނުލެވިއްޖެ ނަމަ އެތައް ރަށެއްގެ ވޯޓްލުން ހުއްޓާލަން ޖެހިދާނެތީ ކަމަށް ޝަރީފް ވިދާޅުވި އެވެ.

މިސާލަކަށް ނައިފަރުގައި ވޯޓް ނުލެވިއްޖެ ނަމަ ނައިފަރު ދާއިރާގައި ވޯޓްލާން ކަނޑައެޅިފައިހުރި ހުރިހާ ދާއިރާއެއްގެ ވޯޓް އަޅުގަނޑުމެން ހުއްޓުވަން ޖެހޭނެ. އެހެން ނޫނިއްޔާ ނަތީޖާއަށް އަސަރު ކުރާނެ. އެހެންވީމައި ވަރަށް އުނދަގޫ މަރުހަލާއަކަށް ދާނެ އެއްވެސް ތަނެއްގައި ވޯޓް ނުބޭއްވިއްޖެއްޔާ: ޝަރީފް ވިދާޅުވި އެވެ.

ވޯޓްލުން ބޭއްވިޔަ ނުދިނުމަށް ބަޔަކު ހުރަސް އަޅާނަމަ ފުލުހުން ބޭނުންކޮށްގެން ވެސް ވޯޓްލުން ކުރިއަށް ގެންދާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. އެފަދަ ކަމެއް ދިމާވެދާނެތީ ތައްޔާރަށް އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އެންމެ ފުޅާދާއިރާއެއްގައި ކެމްޕެއިން ކުރުމުގެ ފުރުސަތު ލިބެންޖެ އެވެ. ކޮވިޑްގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކާއެކު ކުރިން ލިބުނު ގޮތަށް މިފަހަރު އެ ފުރުސަތު ތަނަވަސް ވެފައެއްނުވެ އެވެ.

ޝަރީފް ވިދާޅުވީ އާއްމު ހާލަތަކަށްވުރެ ކެމްޕެއިން ކުރަން ދަތިވާނެކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ހާލަތަށް ބަލާއިރު ކެމްޕެއިން ކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ދާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްގެ އިންތިހާބަކީ ކޮންމެ ފަހަރަކު ވެސް ވޯޓްލާ މީހުންގެ އަދަދު މަދު އިންތިހާބެއްކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވީ މިފަހަރު އަދި ކުރިއަށް ވުރެ ވެސް ވޯޓްލާ މީހުންގެ އަދަދު ދަށަށް ދާނެ ކަމަށް ބެލެވޭ ކަމަށެވެ. ކުރީގައި 70 ޕަސެންޓް މީހުން ވޯޓްލާއިރު މިފަހަރު އެއަދަދު 50 ޕަސެންޓަށް ވުރެން ދަށްވާނެ ކަމަށް ބެލެވޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ސުވާލަކީ އެހާ މަދު ބައެއް ވޯޓުލައިގެން އެ ވޯޓުގެ ނަތީޖާއަކީ ގަބޫލު ކުރެވޭނެ ނަތީޖާއެއްހޭ. އޭގައި ނެތް ގަބޫލު ނުކުރެވޭނެ ކަމުގެ ގާނޫނީ އެއްވެސް ހަމައެއް. ވޯޓުލާ ބަޔަކު ލާ ވޯޓެއްގެ އެންމެ ގިނަ ވޯޓް ހޯދާ ކެންޑިޑޭޓަކު އިންތިހާބު ވަނީ. އެހެންވީމައި ގާނޫނީ އެއްވެސް ހުރަހެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.

ކުރިއަށް އޮތީ އެއްގޮތަކަށް ވުރެ ގިނަ ގޮތްގޮތުން ހާއްސަ އިންތިހާބެކެވެ. އެހެން އިންތިހާބުތައް ބާއްވަން ކުރަން ނުޖެހޭ އެތައް ކަމެއް މިފަހަރު ކުރަން ޖެހޭތީ އެވެ. ހަރަދު ބޮޑުވެފައި މި އިންތިހާބުގެ އިންތިޒާމުތައް ވެސް ބުރަ އެވެ.

އަހުމަދު ސާއިލް އަލީ

ސީނިއާ ޖާނަލިސްޓް

އަހުމަދު ސާއިލް އަކީ އަކީ އިޖްތިމާއީ މައްސަލަތައް ތިލަކުރުމުގައި ހާއްސަ ނޫސްވެރިއެކެވެ. އެކަމަކު ނޫސްވެރިކަމުގެ ކޮންމެ ދާއިރާއަކަށް ވެސް އޭނާ ފަރިތަ އެވެ. މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް ދެ ފަހަރު ހާސިލްކޮށްފައިވެ އެވެ. "ސަން" އިން ކެރިއަރު ފެށުމަށް ފަހު "މިހާރު" އަދި "ވަން އޮންލައިން" ގައި ވަނީ މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox