މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ކްލަބް ވެމްކޯ އިން ޖާގަ ހޯދިއިރު، ހުރާ ކޮމިއުނިޓީ ކްލަބް އަތުން ބަލިވެ، ޕޮލިސް ކްލަބް މުބާރާތުން ކަޓައިފި އެވެ.
އެންމެ ފަހުން ހަތަރު ފަހަރު ވެސް ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ތަށި ހޯދި ވެމްކޯ އިން މި ފަހަރުގެ ގައުމީ ލީގު ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ކާމިޔާބުރިއިރު، އިއްޔެ ކުޅުނު ގައުމީ މުބާާރާތުގެ ސެމީ ފައިނަލުގައި މޮޅުވީ ފަހަތުން އަރަ އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުގައި ކްލަބް އެމްޓީސީސީން ވަނީ ފޯރިގަދަ ކުޅުމަކަށް ފަހު، 27-29 އިން ފުރަތަމަ ސެޓު ގެންގޮސްފަ އެވެ. އެކަމަކު، ވެމްކޯގެ ހުނަރާއި ޓީމު ވޯކްގެ ތަފާތު ދެ ވަނަ ސެޓުން ފަށައިގެން ފުރިހަމަ އަށް ދައްކައި، ދެން ކުޅުނު ތިން ސެޓު ވެސް ގެންގޮސް މެޗުން މޮޅުވީ އެވެ. މި ސެޓުތައް ގެންދިޔައީ، 25-23، 26-24 އަދި 25-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ ކުތިކާ ކައެވްޕިން އެވެ.
ޕޮލިސް ކެޓީ ސެމީ ފައިނަަލުގައި ހުރާ އަތުން 3-1 ސެޓުން ބަލިވެގެންނެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު، 19-25، 25-27 އިން ހުރާ އިން ގެންދިޔަ ނަމަވެސް، ދެން ކުޅުނު ސެޓު، 25-20 އިން ގެންގޮސް ޕޮލިހުން އުންމީދެއް ހޯދި އެެވެ. އެކަމަކު، ހަަތަރު ވަނަ ސެޓުގައި ހުރާ އިން ކުރީގެ ފޯމު އިއާދަކޮށް، 22-25 އިން މި ސެޓު ގެންގޮސް މެޗުން މޮޅުވެ، ތިން ވަނަ ސެމީން ޖާގަ ހޯދީ އެވެ.
މުބާރާތުގައި މިރޭ ކުޅޭނީ ތިން ވަނަ ސެމީ ފައިނަލް އެވެ. ފައިނަލުގެ ފަހު ޖާގަ އަށް މި މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ އެވެ. މޮޅުވާ ޓީމެއް ގައުމީ ތަށްޓައް ވާދަކުރާނީ ވެމްކޯއާ އެެވެ.
އެންމެ ފަހުން ދެ ފަހަރު ވެސް ވެމްކޯ އިން ގައުމީ ތަށި އުފުލާލީ ފައިނަލުގަައި، ޕޮލިސް ބަލިކޮށްފަ އެވެ.












