ޝަންހާއީ، ޗައިނާ (އޮކްޓޫބަރު 29) - ޗައިނާގެ ސިޔާސީ ތާރީހުގައި ބޮޑު އިހުތިރާމެއް ލިބިފައިވާ، ކުރީގެ ލީޑަރު، މާއޯ ޒެޑެންގަކީ ހުދުމުހުތާރު ލީޑަރެއް (ޑިކްޓޭޓަރެކޭ) ބުނެ ދެއްކި ވާހަކައެއްގެ ސަބަބުން، ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އާއި އޭނާ ކުޅެމުން އަންނަ ސްޕެއިނުގެ ކްލަބް ރެއާލް މެޑްރިޑް ހޫނު ފެނަށް ވެއްޓިއްޖެ އެވެ.
ފްރާންސްގައި ކުރިއަށްދިޔަ ޝޯއެއްގައި ވާހަކަ ދައްކަމުން އެމްބާޕޭ ބުނެފައިވަނީ، އޭނާ އަކީ ޑިކްޓޭޓަރެއްގެ ގޮތުގައި ސިފަކޮށް ގިނަ ފޮޓޯޓަކެއް ސޯޝަލް މީޑިއާ އާއި އިންޓަނެޓްގެ އެކި ޕްލެޓްފޯމްތަކުގައި ދައުރުވާ ކަމަށެވެ. އޭގެ ތެރެއިން އޭނާ އަށް ފެނުނު އެންމެ މަޖާ ޕޯސްޓަކީ ހުދުމުހުތާރު ލީޑަރަކާއި އޭނާގެ މޫނު ގުޅުވައިގެން ހަދާފައިވާ ފޮޓޯ ކަމަށާއި އެ ފޮޓޯގައި ހިމެނެނީ ޗައިނާގެ ކުރީގެ ލީޑަރު މާއޯ އެވެ.
އެމްބާޕޭގެ މި ވާހަކަތަކާ ގުޅިގެން، ޗައިނާ ދެ ބްރޭންޑަކުން ވަނީ އެމްބާޕޭގެ ސްޕޮންސާޝިޕް އެއްބަސްވުންތައް އުވާލައިފަ އެވެ. އަދި ޗައިނާގެ ދައުލަތުގެ ޓީވީ، ސީސީޓީން ވަނީ އެމްބާޕޭ ފެންނަ އެއްވެސް ފުޓޭޖެއް ނުދައްކާއިރު، ސްޕެނިޝް ލީގާއި ރެއާލް މެޑްރިޑް ކުޅޭ އެއްވެސް މެޗެއް ނުދައްކަން ނިންމައިފަ އެވެ.
ޗައިނާގެ މި ނިންމުންތަކާ ގުޅިގެން، އެމްބާޕޭ، ރެއާލް މެޑްރިޑް އަދި ސްޕެނިޝް ލީގުން ވަނީ މައާފަށް އެދިފަ އެވެ. އަދި، މިކަން ހައްލުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ފަށައިފަ އެެވެ.
އެ ގޮތުން، އެމްބާޕޭ މައާފަށް އެދިފައި ނެރުނު ބަޔާނާ ހަވާލާދީ، ރެއާލުން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ، ރެއާލްގެ ބަޔާނުގައި ބުނެފައިވަނީ، އެމްބާޕޭ ގަސްދުގައި އެއްެވެސް ބަޔަކަށް އިހުތިރާމްކުޑަކުރުމުގެ ގޮތުން ކަމެއް ނުކުރާނެ ކަމަށާއި ނޭނގުމެއްގެ ތެރޭގައި މި ހިނގައިދިޔަ ކަންތައްތައް އަވަހަށް ހައްލުވާން އެދޭ ކަމަށެވެ.
އެ އަށް ފަހު، ސީސީޓީވީ ހިންގާ ޗައިނީސް މީޑިއާ ގްރޫޕް (ސީއެމްޖީ) އިން ބުނެފައިވަނިީ، ހިނގައިދިޔަ ކަންކަމުން ގަބޫލުކުރެވިފައި އޮތީ އެމްބާޕޭ ވަނީ ޗައިނާގެ ރައްޔިތުންނަށް ބޭއިހުތިރާމް އަދާކޮށް އިންތައް ފަހަނައަޅާފައި ކަމަށެވެ. އަދި، މިކަމުގައި ރެއާލް އިން ނެރުނު ބަޔާނުގައި މިއީ އެމްބާޕޭ ގަސްދުގައި ކޮށްފައިވާ ކަމެއް ނޫން ކަމަށް ދޭހަވާ މޭރުމުން ކަންކަން ތަފްސީލްކޮށްދޭން ކޮށްފައިވާ މަަސައްކަތްތައް ބަލައިގަންނަން އުނދަގޫ ކަމަށް ވެސް ސީއެމްޖީން ބުނެފައިވެ އެވެ.
ސީއެމްޖީގެ މި ބަޔާނާ އެކު، ރެއާލުން ވަނީ އިތުރު ބަޔާނެއް ނެރެ، ޗައިނާގެ ތާރީހާއި ސަގާފަތަށް އަދި ހުރިހާ ކަމަކަށް ރެއާލުން ފުރިހަަމަ އަށް އިހުތިރާމް އަދާކުރާ ކަމަށް ބުނެފަ އެވެ.
އެމްބާޕޭ ވާހަކަ ދައްކަައި، ހިނގައިދިޔަ ކަންކަމާ މެދު މައާފަށް އެދިފައިވުމުން، އެ އަށް ވިސްނަމުން އަންނަ ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.
އޭނާގެ މޫނު ބޭނުންކޮށްގެން ޑިކްޓޭޓަރެއްގެ ސިފައިގައި ހަދާ ފޮޓޯތަކާއި ވީޑިއޯތަކުން ހަގީގަތުގައި ދެ ކަމެއް ފާހަގަވެެގެންދާ ކަމަށް މީގެ ކުރިން ދިން އިންޓަވިއުއެއްގައި އެމްބާޕޭ ވަނީ ބުނެފަ އެވެ.
އެމްބާޕޭ ކިޔައިދިނީ "ޑިކްޓޭޓަރު ފޮޓޯ"ގެ ދެ ފަރާތް
އޭއައި ބޭނުންކޮށްގެން ޑިކްޓޭޓަރެއްގެ ސިފައިގައި އެމްބާޕޭގެ ފޮޓޯތައް އުފައްދާތީ، އެކަމުގައި މަޖާ ކަންތައްތަކަކާއި ސީރިއަސް މައްސަލަތަކެއް ހުރިކަން އޭނާ ފާހަގަކުރި. މިފަދަ ފޮޓޯތަކުގެ ސަބަބުން އިންސާނީ ކަރާމާތަށް އަސަރުކޮށް، އަނބުރަށް ގެއްލުންވާ ކަމަށާއި، އަނިޔާވެރި ވެރިންނާ އޭނާ އެއްގޮތްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެމްބާޕޭ ބުނި.
ގަދަބާރުން އެކި ގައުމުތަކުގައި ވެރިކަން ކޮށްފައި ހުރި ޑިކްޓޭޓަރުންގެ ޔުނިފޯމާ އެކު، އެމްބާޕޭގެ މޫނު ޖަހަައިގެން އޭއައި އިން ހަދާފައިވާ ވީޑިއޯ އާއި ފޮޓޯތައް ވަނީ މިދިޔަ ދެ އަހަރެއްހާ ދުވަސް ތެރޭ ސޯޝަލް މީޑިއާގައި ވައިރަލްވެފަ އެވެ. އަދި، މި ފަހަރު، އެމެރިކާ، މެކްސިކޯ އަދި ކެނަޑާގަައި ފްރާންސް ގައުމީ ޓީމު ކުޅުނު މެޗުތަކަށް އެ ފޮޓޯ ހިފައިގެން ބައެއް ސަޕޯޓަރުން ވަނީ ގޮސްފަ އެވެ.
ފްރާންސް ފުޓްބޯލް އަށް ދިން އިންޓަވިއުއެއްގައި އެމްބާޕޭ، ވަނީ ފުރަތަމަ ފަހަރަށް މި ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކަައިފަ އެވެ.
ޕީއެސްޖީ އާއި މޮނާކޯ އަށް ކުރިން ކުޅުނު އެމްބާޕޭ ބުނީ، އެ ފޮޓޯތަކުގައި ސަމާސާ ބަޔަކާއި ސީރިއަސް ނަޒަރަކުން ވިސްނަން ޖެހޭ ކަންތައްތައް ވެސް އެކުލެވިގެންވާ ކަމަށެވެ. އެ ގޮތުން، އޭގެ ސަމާސާ ނޫނީ މަޖާޒީ ގޮތެއްގައި ވިސްނޭ ކަމަކީ މީހުން މެދުގައި ވާހަކަ އެނބުރޭ ގޮތް ކަމަށް އެމްބާޕޭ ފާހަަގަކުރި އެވެ. އަދި، އޭގެ ހިމެނޭ ސީރިއަސް ބަޔަކީ މީހުން ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމެއް ކަމަށް އެމްބާޕޭ ވަނީ ބުނެފަ އެވެ.
"މި ކަމުގައި ހިމެނޭ މަޖާ ނޫން ކަމަކީ އޭގެ ސަބަބުން އަންނަ ގެއްލުން. ދުނިޔޭގެ ތާރީހުގައި އެ ފަދަ ގޮތަކަށް އުޅެފައި (ޑިކްޓޭޓަރުން ކަންކޮށްފައި) ހުރި ގޮތް މި ނަކަލު ވަނީ އެހެން މީހަކަށް. ގެއްލުން ބޮޑުވެ، މީހެއްގެ އަނބުރަށް އެ އަރައިގަނެވެނީ،" އެމްބާޕޭ ބުންޏެވެ.
"މީހުން މަރާފައި ތިބި މީހުންނާއި އެތައް މިލިއަން މީހުންނަށް ފޫނުބެއްދޭ ވަަރުގެ ގެއްލުން ދީފައި ހުރި މީހުންނާ އެއްގޮތް ކުރުމަކީ، އަހަރެން ދުނިޔޭގައި އުޅުނު ގޮތާ މުޅިން ހިލާފު އުސޫލުތަކެއް. މީގެ ސަބަބުން މީހުންގެ މެދުގައި ހަގީގަތުގައި އޮންނަން ޖެހޭ ހޭލުންތެރިކަން ގެއްލި އިންސާނީ ކަރާމާތަށް ވެސް އަސަރުކުރޭ،"
މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތެރޭގައި، އެމްބާޕޭގެ ޑިކްޓޭޓަރު ފޮޓޯތަކަށް އިޝާރާތްކޮށް، ފްރާންސްގެ ތަރި، އޮސްމާން ޑެމްބެލޭ ވަނީ އެމްބާޕޭ އަށް ވަނަމަކުން "މޮބުޓް" ކިޔައި، މުހާތަބުކޮށްފަ އެވެ. މޮބުޓް އަކީ ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ޑިކްޓޭޓަރެއްގެ ސިފައިގައި ވެރިކަން ކުރި، މޮބުޓޫ ސެސޭ ސެކޯ އަށް ކުރުކޮށް ކިޔާ ނަމެކެވެ.
އެމްބާޕޭ ބުނީ، ޑެމްބެލޭގެ ފަރާތުން ފެނުނު ކަމަކީ، ސޯޝަލް މީޑިއާ އިން އައި ކަމެއް ކަމަށާއި އޭގެ އެއްވެސް ސީރިއަސް ކަމެއް ނެތް ކަމަށެެވެ.












