ލިވަޕޫލް (އޮކްޓޫބަރު 29) - އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ރޭ ޕެނަލްޓީ ޖަހައިގެން 6-5 އިން ޗެލްސީ ބަލިކޮށް ލިވަޕޫލުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ލިވަޕޫލަށް ކުރިން ކުޅުނު މިޑްފީލްޑަރު، ޒަބީ އަލޮންސޯގެ ކޯޗުކަމުގައި ކުޅޭ ޗެލްސީން ރޭގެ މެޗުގެ 40 ވަނަ މިނިޓްގައި ލީޑުނެގީ ވެސް ޕެނަލްޓީ އަކުންނެވެ. މިއީ، ލިވަޕޫލްގެ ރަޔާން ގްރަވެންބާކް އެ ޓީމުގެ އޭރިއާތެރެއިން ޗެލްސީގެ މޮއިސަސް ކައެސޭޑޯ އަށް ކުރި ފައުލަަކަށް ދިން ޕެނަލްޓީ އެކެވެ. ޗެލްސީގެ ކޯލް ޕާމާ ސަސްޕެންޝަނެއްގައި ހުުރުމުން މި މެޗު ނުކުޅޭތީ، އެ ޓީމުގެ ޕެނަލްޓީ ފޮނުވާލީ މޯގަން ރޮޖާސް އެެވެ.
ޗެލްސީ އަށް ލީޑުގައި އޮވެވުނީ، ތިން މިނިޓެވެ. ލިވަޕޫލުން ވަނ 43 ވަނަ މިނިޓްގައި ކޯޑީ ގަކްޕޯ ޖެހި ޕެނަލްޓީން އެއްވަރުކޮށްފަ އެވެ. މިއީ، ޗެލްސީގެ ޑިފެންޑަރު، ވެސްލީ ފޮފާނާ އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ އެކެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 1-1 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރެން ޖެހުނެވެ.
ލިވަޕޫލުން ފުރަތަމަ ހަތަރު ޕެނަލްޓީ ކާމިޔާބުކުރި އެެވެ. މި ޕެނަލްޓީތައް ފޮނުވާލީ އަލެކްސިސް މެކް އަލިސްޓާ، އަލެކްސަންޑަ އިސާކް، ގަކްޕޯ އަދި ވާޓްޒް އެވެ. ޗެލްސީގެ ފުރަތަމަ ތިން ޕެނަލްޓީ ޕެޑްރޯ ނެޓޯ، ރޮޖާސް އަދި ރޮމެއޯ ލަވިއާ ވަނީ ކާމިޔާބުކޮށްފަ އެވެ. ޗެލްސީގެ ހަތަރު ވަނަ ޕެނަލްޓީ ވަލެންޓިން ބާކޯ ފޮނުވާލިއިރު، އަމާޒުވީ ދަނޑިއަށެވެ. ފަސް ވަނަ ޕެނަލްޓީ ވައްދާލައިގެން ލިވަޕޫލް މޮޅުކޮށްދޭން ލިބުނު ފުރުސަތުގައި، ކޮސްޓަސް ސިމިކާސް ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ޗެލްސީގެ ފަސް ވަނަ ޕެނަލްޓީ ޖޯޑަން ހެންޑަަސަން ކާމިޔާބުކުރިއިރު، ލިވަޕޫލްގެ ހަ ވަނަ ޕެނަލްޓީ ބްރެޑްލީ ބާކޮލާ ވެސް ވަނީ ގޯލަށް ވައްދާލައިފަ އެވެ. ޗެލްސީގެ ހަ ވަނަ ޕެނަލްޓީ ލީވައި ކޯލްވިލް ކާމިޔާބުކޮށްފައިވަނިކޮށް، ލިވަޕޫލްގެ ހަތް ވަނަ ޕެނަލްޓީ ގްރަވެންބާކް ފޮނުވާލިއިރު، ޗެލްސީގެ ކީޕަރު، މައިކް ޕެންޑާސް ވަނީ މަތަކޮށްފަ އެވެ. އެކަމަކު، ޗެލްސީ މޮޅުވާން ލިބުނު ފުރުސަތުގައި އެމަނުއަލް އެމެގާ ޖެހި ޕެނަލްޓީ ލިވަޕޫލްގެ ކީޕަރު، ޖިއޮޖީ މަމަޑާޝްވިލީ ވަނީ މަތަކޮށްފަ އެވެ. އަދި. ލިވަޕޫލްގެ ޖޯ ގޯމޭޒް ދެން އައި ޕެނަލްޓީ ވައްދާލާފައިވަނިކޮށް، ޗެލްސީގެ ފޮފާނާ ޖެހި ޕެނަލްޓީ ހުރަސްދަނޑިމަތިން ދިއުމުން، ލިވަޕޫލް މޮޅުވީ އެވެ.
ލިވަޕޫލުން މި ވަނީ އެންމެ ފަހުން ޕެނަލްޓީ ޝޫޓައުޓްގައި ޗެލްސީއާ ވާދަކުރި ފަސް ފަހަރު ވެސް މޮޅުވެފަ އެވެ.
ލީގު ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީން ރޭ ބްރައިޓަން ހޯލްވް އެންޑް އަލްބިއަން ބަލިކުރީ ވެސް ޕެނަލްޓީންނެވެ. ބްރައިޓަން އިން ދެ ފަހަރު ލީޑުނެގި މި މެޗުގައި ސިޓީން ވަނީ ދެ ފަހަރަށް އެއްވަރުކޮށްފަ އެވެ. އެ ގޮތުން، ފުރިހަމަ ވަގުތުގައި 2-2 އިން އެއްވަރުވެގެން ނިމުމުން ޕެނަލްޓީ އަށް ދިޔައިރު، ސިޓީ މޮޅުވީ 4-3 އިންނެވެ.
މުބާރާތުގެ ގަދަ 16 ބުރުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބޯންމައުތުން 3-0 އިން އެސްޓަން ވިލާ ބަލިކުރި އެވެ. ފުލަމް އަތުން 1-0 އިން ކްރިސްޓަލް ޕެލަސް މޮޅުވިއިރު، ސަންޑަލެންޑުން ބްރެންޓްފޯޑްގެ މައްޗަށް ކުރިހޯދީ 3-2 އިންނެވެ.
ކުއާޓާ ފައިނަލް މެޗުތަކަށް ބަލާއިރު، އާސެނަލް ކަޓުވާލި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން ކުއާޓާގައި ކުޅެން ޖެހޭނީ އެވަޓަން ނޫނީ ނިއުކާސަލް ޔުނައިޓެޑާ އެވެ. ލިވަޕޫލުން ބޯންމައުތާ ބައްދަލުކުރަން ޖެހޭއިރު، ސިޓީން ކުޅޭނީ ބްރެޑްފޯޑް ސިޓީއާ އެވެ. އަދި، ކްރިސްޓަލް ޕެލަސް ވާދަކުރާނީ ސަންޑަލެންޑާ އެެވެ.












